ކ. މާލެ
|
24 ޖެނުއަރީ 2020 | ހުކުރު 17:57
މިނިސްޓަރ ޝިދާތާ ޝަރީފް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
މިނިސްޓަރ ޝިދާތާ ޝަރީފް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ރާއްޖެ އެމްވީ
މަގޭ ރިޕޯޓް
ކަންކަން އިސްލާހްކުރެވޭނީ ބޮޑު ހިލަ ބަނދަރުތަކުގެ ބަދަލުގައި އިޖުތިމާއީ ފޭރާން ވަރުގަދަކުރުމަށްވެސް ހަރަދުކޮށްގެން!
 
ތަމްރީން ލިބިފައިވާ މުވައްޒިފުންނެއް ނެތް، ބަޖެޓެއްވެސް ނެތް
 
ޖެންޑަރ މިނިސްޓްރީއަކީ އަބަދުވެސް ސަރުކާރުތަކުން އިހުމާލުވަމުން އަންނަ މިނިސްޓްރީ

ޖެންޑަރ މިނިސްޓްރީއަކީ އަބަދުވެސް ސަރުކާރުތަކުން އިހުމާލުވަމުން އަންނަ މިނިސްޓްރީ އެކެވެ. އެކި ސަރުކާރުތަކުގެ ތެރޭގައި އެކި ގޮތްގޮތަށް ހިންގަމުން އައި، ޖެންޑަރގެ މަސައްކަތްތަކަށް އެކަށޭނެ ބަޖެޓެއް އެއްވެސް ސަރުކާރަކުން ދީފައެއްވެސް ނުވެ އެވެ. ކުޑަކުދިންގެ ހިޔާއާއި، ފިޔަވައްޗާއި، ގުރައިދޫ މަރުކަޒަށް ބަލާލިނަމަވެސް ހަޤީޤަތަކީ އެއީކަން ސާފުވާނެ އެވެ. ތަމްރީން ލިބިފައިވާ ރަނގަޅު މުވައްޒިފުން ނެތްއިރު، ތަނުގެ މަރާމަތްތައްވެސް ކުރަނީ ކޮންމެވެސް ވިޔަފާރި ކުންފުންޏަކުން ނުވަތަ ކޮންމެ ހެޔޮއެދޭ ފަރާތަކުންދޭ އެހީއެއްގެ ތެރެއިންނެވެ. އެ ކަންކަމަކީ ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކުރާ ކަންކަމަށްވަނީ މަދު ފަހަރަކު އެވެ.

ގއ. އަތޮޅުގެ ޖެންޑަރ މިނިސްޓްރީގެ އޮފީހުގައި މުވައްޒަފަކު ނެތްތާ އަހަރެއްވެއްޖެކަމަށް މިނިސްޓަރ ޝިދާތާ ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ވިދާޅުވުމުން ގިނަ ބަޔަކަށް ގޯސްވީ މިނިސްޓަރ ޝިދާތާ އެވެ. އަހަރެއްވީއިރު މުވައްޒަފަކު ނުނެގީ ކީއްވެތޯ ސުވާލުކޮށް، އެތަށް ބަޔަކު ޝިދާތާގެ އިސްތިއުފާއަށްވެސް ގޮވާފައިވެއެވެ. ސުވާލަކީ އެކަށީގެންވާ މުވައްޒިފުން ނުލިބުމަކީ މިނިސްޓަރ ޝިދާތާގެ އިސްތިއުފާއަށް ގޮވަންޖެހޭކަމެއްތޯ އެވެ. މުވައްޒަފުންނަށްދޭ މުސާރަ ކުޑަވުމުން، އެކަމަށް ގާބިލް މީހުން ކުރިމަތިނުލުމަކީވެސް މިނިސްޓަރ ޝިދާތާ ކުށްވެރިކުރަންޖެހޭކަމެއްތޯ އެވެ.

އަދުގެ ހަޤީޤަތަކީ ޖެންޑަރ މިނިސްޓްރީގެ ކޭސް ވޯކަރުންނަކީ ހަފްތާއެއްގެ މައްޗަށް އެތަކެއް މައްސަލަތަކާއި ހަވާލުވާންޖެހޭ ބަޔެއްކަމެވެ. ކޮންމެ މުވައްޒިފެއްގެ މޭޒު މަތީގައި ހަފްތާއަކަށް 10 ނުވަތަ 20 ކޭސް އިތުރުވެ އެވެ. އެ ހުރިހާ ކޭސްތަކާއިި ހަވާލުވެ، އާއިލާތަކުގެ މައްސަލަތައް ހައްލުކުރުމަށް ކޭސް ވޯކަރުން ދެކޮޅަށް ތެޅި ފޮޅޭއިރު، އެ ކޭސް ވޯކަރުންނަށް ކައުންސިލިންގ ދޭނެ ގޮތެއްވެސް ޖެންޑާރގައި ޤާއިމްކުރެވިފައެއް ނުވެ އެވެ. ގިނަ ފަހަރަކަށް ކޭސް ވޯކަރުންގެ މަސައްކަތަށް ފުލުހުންނާއި، ދައުލަތުގެ މުއައްސަސާތަކުން އެއްބާރުލުމެއްވެސް ނުދެ އެވެ. ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް ހަޤީޤަތަކީ އެއީ އެވެ.

ފިޔަވަތި ފަދަ ކުޑަކުދިންގެ ކަންކަން ބަލަހައްޓަމުންގެންދާ ތަންތަނުގައި ތަމްރީން ލިބިފައި ތިބި މުވައްޒިފުންގެ އަދަދކީ އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދު އަދަދެކެވެ. ތަމްރީނާއި، ތައުލީމެއް ލިބިފައިވާ މަދު މުވައްޒިފަކު ހުރިނަމަ، އޭގެތެރޭގަިއ ހިމެނެނީ ކޮންމެ ކުންފުންޏެއްގެ ޕޭރޯލްގައި ނުވަތަ ސްޕޮންސަރޝިޕްގައި ތިބޭ މުވައްޒިފުންނެވެ. ނުވަތަ ހެޔޮއެދޭ ކޮންމެވެސް ފަރާތެއްގެ ޕޭރޯލްގައި ނުވަތަ ސްޕޮންސަރޝިޕްގައި ތިބޭ މުވައްޒިފުންނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ވާހަކަ، ކޮންމެ ރައްޔިތަކުވެސް މޮޅެތި އިބާރަތްތަކުން ލިޔެ ޓުވީޓުކުރަމުންދާއިރު، ދިވެހި ދައުލަތުން ފަންނީ މުވައްޒިފުންނަށްދޭ މުސާރައިގެ ވާހަކަވެސް ދެއްކުން ބުއްދިވެރި އެވެ.

ދެން އޮތީ ސިވިލް ސަރވިސް ކޮމިޝަންގެ ވާހަކަ އެވެ. ސިވިލް ސަރވިސް ކޮމިޝަނަކީ މުޅި ދައުލަތަށްޖެހިފައިވާ ބޮޑު ބުރައެކެވެ. މުޅި ދައުލަތް ސްލޯކޮށް، މުޅި ދައުލަތުގެ ހިންގުން ހުއްޓުވާ އިދާރާއެކެވެ. އެކަމުގައި ހިޔާލު ތަފާތުވިނަމަވެސް ހަޤީޤަތަކީ އެއީ އެވެ. މުވައްޒިފަކަށް އެދި ފޮނުވާ ލިޔުމެއް، ސިވިލް ސަރވިސްގެ ތެރެއިން އެޕްރޫވެގެން އަންނަނީ މަސް ދުވަހުންނެވެ. މުވައްޒަފު ބޭނުންވެގެން އުޅޭ މުއައްސަސާއިން އިންޓަވިއުގެ ކަންކަން ކުރިއަށްގެންދިއުމަށްފަހު ހުށަހެޅުމުންވެސް އެންމެ މަދުވެގެން އޭގެތެރެއިން މުވައްޒިފަކު ހަމަޖެހިގެން އަންނަނީ އެއް މަސް ދުވަހާއި، ދެ މަސް ދުވަހުގެ މުއްދަތެއް ނަގަ އެވެ.

ތެދެކެވެ. ކަންކަން މި ހިސާބަށް ދިއުމުގައި މިނިސްޓަރ ޝިދަތާގެ އިހުމާލުތައްވެސް އެބަހުރި އެވެ. ބަޖެޓު ނުލިބޭއިރު އެ ވާހަކަ ދައްކަންޖެހޭނީއެކީ ހަމައެކަނި މިއަދަކު ނޫނެވެ. މުވައްޒިފުން ނެތްނަމަވެސް އެކަމުގެ ވާހަކަވެސް ދައްކަންޖެހޭނީ މިއަދަކު ނޫނެވެ. ވަސީލަތްތައް ނެތްނަމަ އެކަމުގެ ވާހަކަވެސް ދައްކަންޖެހޭނީ މިއަދަކު ނޫނެވެ. އެ ވާހަކަތައް ހުންނަންޖެހޭނީ އެންމެ ކުރީ ދުވަހުން ފެށިގެންވެސް ދެއްކިފަ އެވެ. ހައްލު ހޯދަން ފާޅުގަޔާއި، ސިއްރިއްޔާތުގައިވެސް ހުންނަންޖެހޭނީ މަސައްކަތްތައް ކޮށްފަ އެވެ. ކަންކަން މި ހިސާބަށްދިޔައީ އެކަންކަން އެގޮތަށް ނުވެ އޮތުމުގެ ސަބަބުންނެވެ. ނަމަވެސް ހަމައެކަނި މިނިސްޓަރ ޝިދާތާގެ އިސްތިއުފާއަށް ގޮވާލުމުން މައްސަލަތައް ހައްލުވީކަމަށް ގަބޫލުކުރުމަކީވެސް މޮޔަކަމެކެވެ.

ފުރަތަމަ ކަމަކަށް ބަދަލުވާންޖެހެނީ ޖެންޑަރ ޑިޕާޓްމެންޓާއި، ޖެންޑަރ މިނިސްޓްރީތައް ހިންގަމުން ދިޔައިރުވެސް ކަންތައް އޮތް ގޮތުގެ ސަގާފަތްތަކެވެ. ތަރައްޤީއަކީ ބޮޑު ހިލަ ބަނދަރާއި، ރަށް ހިއްކުންކަމުގައި ދެކި، އެކަމަށް މުޅި ދައުލަތުގެ ބެޖެޓު ހުސްކުރަމުން އައި ސަގާފަތްތަކެވެ. ސިޔާސީ އެކްޓިވިސްޓުންނަށް ބޮޑު މުސާރަ ދިނުމުގެ ސަގާފަތުގެ ބަދަލުގައި، ފަންނީ މުވައްޒިފުންގެ މުސާރައަކީވެސް ރަނގަޅު މުސާރައަކަށް ހަދައި، އިޖުތިމާއީ ފޭރަން ހަރުދަނާކުރުމަށް ކުރާ ހޭދަ ބޮޑުކުރަންޖެހެ އެވެ. ސަރުކާރުތަކަށް ވޯޓު ލިބެނީ ބޮޑު ހިލަ ބަނދަރުންކަމަށްދެކި އެކަމަށް ސަރުކާރުތަކުގެ މުޅި ސަމާލުކަން ހުއްޓިފައި އޮންނަ އޮތުން ބަދަލުވާންޖެހެ އެވެ.

ކަންކަން އިސްލަހުވާނީ މަސައްކަތްތައް އެ ހިސާބުން ފެށިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
60%
0%
7%
7%
27%
ކޮމެންޓް
26 ޖެނުއަރީ 2020 | އާދީއްތަ 19:08
ރޫޓް ކޯސް
ގޮންޖެހުން ބޮޑު އަދި ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހި ފައިވާ އިޖުތިމާއީ ޚިދުމަތްތުގެ ދާއިރާ ސަރުކާރަށް އެއްވެސް އިރެއްގައި މާމުހިންމު ގޮތުގައި ބަލައިނުގަނެވި އޮތުން މައްސަލައަކީ  https://vnews.mv/110307
26 ޖެނުއަރީ 2020 | އާދީއްތަ 16:24
ޙަޤީޤަތް
ކޮންމެ ރަށެއްގައިވެސް ސިއްޙީ ޚިދުމަތްދޭ ތަނެއް ހުންނަފަދައިން ޤާބިލު ދެތިން މުޢައްޒަފޮންނާއިއެކު ޖެންޑާމިނިސްޓްރީގެ ސެންޓަރެއް ހުރުން ވަރަށް މުޙިއްމު
24 ޖެނުއަރީ 2020 | ހުކުރު 18:36
ޢަމްސޫދާ
ތީ ޖެންޑަރ މިނިސްޓްރީ އިން ލިޔެ ދަޓޭމްޕް ޖަޙާ ފޮނުވާ ފަ އޮތް ލިޔުމެއް