ކ. މާލެ
|
24 ޖެނުއަރީ 2020 | ހުކުރު 08:42
ހަނގުރާމަވެރިން ދިން ޙަމަލާގައި ގެއްލުންވި ޞަރަޙައްދެއް
ހަނގުރާމަވެރިން ދިން ޙަމަލާގައި ގެއްލުންވި ޞަރަޙައްދެއް
އަލްއަރަބިއްޔާ
ސޫރިޔާ
ހަނގުރާމަވެރިންގެ ހަމަލާތަކުގައި ސޫރިޔާގެ 40 އަށް ވުރެ ގިނަ ސިފައިން މަރުވެއްޖެ
 
ބުރާސްފަތި ދުވަހުގެ ޙަމަލާގައި މަދަނީންގެ އެއްވެސް މީހަކު މަރުވިކަމެއް އަދި ސާފެއް ނުވޭ
 
ސޫރިޔާ ސިފައިން ހަނގުރާމަވެރިންނާއި ކުރިމަތިލަމުންދަނީ ރަޝިޔާގެ ގުޅިފައިވާ ލަޝްކަރުގެ އެހީގައި
 
ހަނގުރާމަވެރިން ދިން ޙަމަލާތަކުގައި 80 ސިފައިންނަށް އެކިވަރުގެ ޒަޚަމްތައް ލިބުނު

ސޫރިޔާގެ އިދްލީބު ޕްރޮވިންސްގައި ހަތިޔާރު އެޅި ހަނގުރާމަވެރިން ދިން ޙަމަލާތަކެއްގައި 40 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ސޫރިޔާގެ އެތެރޭގައި ޙަރަކާތްތެރިވާ ރަޝިޔާގެ ގުޅިފައިވާ އަސްކަރިީ ފައުޖާއި ޙަވަލާދީ އިންޓަރފެކްސް ނިއުސް އޭޖެންސީން ޚަބަރު ފަތުރާގޮތުގައި ބުރާސްފަތި ދުވަހުގެ ވަގުތުތަކުގައި، ހަތިޔާރު އެޅި ހަނގުރާމަވެރި ގްރޫޕުތަކުން ސޫރިޔާގެ ސަލާމަތީ ބާރުތަކަށް ޢަމާޒުކޮށްދިން ޙަމަލާތަކުގައި 40 އަށް ވުރެ ގިނަ ސިފައިން މަރުވެ، 80 ސިފައިންނަށް އެކިވަރުގެ ޒަޚަމްތައް ލިބުނެވެ.

ސޫރިޔާގެ ދައުލަތުގެ މީޑިއާ ސަންޢާއިން ބުނާގޮތުގައި ހަނގުރާމަވެރިން ޙަމަލާދީފައިވަނީ ލައިވް ވަޒަނާއި، ކާރާއި އަތުބޮމުން ބޭނުންކޮށްގެންނެވެ. ސިފައިންގެ މަރުކަޒުތަކާއި، ދަތުރުކުރަމުންދާ ޤާފިލާތައް ޓްރެކްކޮށް، އެ އުޅަނދުތަކަށް ވެސް ޙަމަލާދީފައިވާކަމަށް ސަންޢާގެ ރިޕޯޓުތައް ބުނެއެވެ.

މިޙަމަލާތަކުގައި ދެބައިމީހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ދިޔައެވެ. އެހެންނަމަވެސް ހަނގުރާމަވެރިންގެ މީހަކު ޒަޚަމްވިކަމެއް، ނުވަތަ އެއިން މީހަކަށް އެއްވެސް ވަރެއްގެ އަނިޔާއެއް ވިކަމެއް އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އިދްލީބުގެ އެކި ޞަރަޙައްދުތަކުގައި ސަލާމަތީ ބާރުތަކުގެ އިޙުތިޞާސްތެރޭގައި ހިމެނޭ ޞަރަޙައްދުތަކަށް ހަނގުރާމަވެރިން އެތައް ޙަމަލާއެއް ދީފައިވާއިރު، ހަނގުރާމަވެރިން ވަނީ ސޫރިޔާގެ ސަލާމަތީ ބާރުގެ އިހްތިޞާޞްގެތެރޭގައި ހިމެނޭ ދެ މަރުކަޒެއް އެމީހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ސިފައިންގެ މަރުކަޒުތަކަށާއި، އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.

އިދްލީބުގެ އެކި ޞަރަހައްދުތަކަށް އިއްޔެގެ އެކި ވަގުތުތަކުގައި ދިން މިޙަމަލާތަކުގައި ޢާންމު ޢިމާރާތަކަށް ނުވަތަ މަދަނީންގެ އެއްވެސް މީހަކު މަރުވިކަމެއް ނުވަތަ ޒަޚަމްވި ކަމެއް ސާފެއް ނުވެއެވެ. އެހެންނަމަވެސް މީގެކުރިން ސަލާމަތީ ބާރުތަކާއި ހަނގުރާމަވެރިންނާއި ދެމެދު ކުރިޔަށް ދިޔަ ކުރިމަތިލުންތަކުގައި ގިނަ ޢަދަދެއްގެ މަދަނީން މަރުވާކަން ދިރާސާތަކުން އިނގެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ސޫރިޔާގެ މަދަނީން މަރުވަމުން ދަނީ، ޢާންމު ރައްޔިތުން އައްޑަނައެއްގެ ގޮތުގައި ދެފަރާތުންވެސް މަދަނީން ބޭނުންކުރަމުންދާތީއެވެ. އެހެންނަމަވެސް ސިފައިންނާއި ހަނގުރާމަވެރިން މިކަން ދޮގުކުރެއެވެ.

އިދްލީބް ޕްރޮވިންސަކީ ސޫރިޔާގެ ޕްރޮވިންސްތަކުގެ ތެރެއިން މިހާރު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ޞަރަހައްދެވެ. ހަނގުރާމަވެރިން ވަކި ހިއްޕާލައިގެން ތިބޭ އިދްލީބުގެ ޞަރަޙައްދުތައް ސަލާމަތީ ބާރުތަކުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންދިއުމުގެ ބޭނުމުގައި، ބޭރުގެ ގުޅިފައިވާ ލަޝްކަރުތަކުގެ އެހީގައި، ސޫރިޔާ ސިފައިން ދަނީ ޙަމަލާތައް ދެމުންނެވެ. އެގޮތުން އެއްގަމާއި ވައިގެ މަގުން ރަޝިޔާގެ ގުޅިފައިވާ ލަޝްކަރުގެ އެހީގައި ދޭތެރެ ދޭތެރެއިން ޙަމަލާދެއެވެ. ބައެއް ފަހަރު ޙަމަލާ ދިނުމުގައި ބަރު ހަތިޔާރުވެސް ބޭނުންކުރަމުންދާކަމަށް ބައިނަލްއަޤުވާމީ މަޞްރަޙު ދިރާސާކުރާ މުޙައްލިލުން ވިދާޅުވެއެވެ.

މި ޙަމަލާތަކުގައި އިދްލީބުގެ ޢާންމު ރައްޔިތުން މަރުވަމުންދާތީއާއި ގިނަ ބަޔަކު ޙާލުގައި ޖެހެމުންދާތީ އދ އާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރަމުންދާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ދަނީ މިކަން ކުށްވެރިކުރަމުންނެވެ. އެތައްބަޔަކު އިދްލީބުގައި ރެފިއުޖީންނަށްވެ، އަމިއްލަ ވަޒަން ދޫކޮށް މަޖުބޫރު ޙާލުގައި، ސޫރިޔާ އާއި ތުރުކީވިލާތް ގުޅޭ ޞަރަޙައްދީ އިން ކައިރީގައި ފޭލިގެ ޖަހައިގެން ވަރަށް ޙާލުގައި ދިރިއުޅެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެތެރެއިން ގިނަ މީހުން ކާނާއާއި ބޯފެނަށް ޖެހިފައިވާއިރު، އިދްލީބުގެ ތެރޭގައި ތާށިވެފައި ތިބި ބައެއް މީހުންވެސް ބަނޑު ފުރާނަ މުއްތި ކުރާނެ ގޮތެއް ނެތި ގޮތްހުސްވެފައި ތިބި ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
67%
33%
0%
0%
ކޮމެންޓް