ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 15:17
މޫސުން ގޯސް ދުވަހެއްގައި ކަނޑު ދަތުރު ކުރަނީ
މޫސުން ގޯސް ދުވަހެއްގައި ކަނޑު ދަތުރު ކުރަނީ
ޔޫސުފް ސޮފްވާން ރަޝީދު
އުދައެރުން
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އުދައަރާފާނެ، މޫސުމަށް ސަމާލުވޭ: މެޓް އޮފީސް
 
ޚާއްސަކޮށް މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ކަނޑު ގަދަވާނެ
 
އެކަމުގެ ސަބަބުން ވައިގަދަވެ، ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ
 
މި ދުވަސްވަރަކީ އިރުވައި މޫސުމުގެ ހަޅަ ޖަހާ ދުވަސްވަރު

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުމުގެ ފުރުޞަތު އެބަ އޮތް ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) އިލްތިމާސްކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މަޢުލޫމާތު ދެމުން މެޓް އޮފީހުން ބުނީ، މި ދުވަސްވަރަކީ އިރުވައި މޫސުމުގެ "ހަޅަ" ޖަހާ ދުވަސްވަރަކަށް ވާތީ އެކަމުގެ ސަބަބުން ވައިގަދަވެ، ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ޚާއްޞަކޮށް މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ކަނޑު ގަދަވާނެކަމަށް ބެލެވޭކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

މެޓް އޮފީހުން ބުނީ، ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުގެ ބާނިވެސް ބޮޑު ކަމަށާއި، އޭގެ ސަބަބުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. އަދި އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ. އޭގެ އިތުރުން، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން އެހެން ބުނެފައިވާއިރު، މި ދުވަސް ވަރަކީ ރާއްޖެއަށް ކަނޑުގަދަ ދުވަސް ވަރަކަށް ވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށާއި، ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާޞަލާތީ ވަޞީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމުތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި، އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
50%
0%
50%
0%
ކޮމެންޓް