ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 20:08
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 31 މައްސަލަ މިދިޔަ އަހަރު ހުށައެޅުނު، ނިމުނީ 3 މައްސަލަ
 
އެފަދަ މައްސަލަތައް ބްލޮކް ޓްރައިލްސް ނިމާޒެއްގެ ތެރެއިން ބަލަން ފަށާނެ
 
ކުރީގެ އަހަރުތަކުގެ ބާކީ ހުރި މައްސަލަތަކާއެކު 86 މައްސަލައެއް 2018 ގެ ނިޔަލަށް ނިންމާފައިވޭ
 
މިދިޔަ އަހަރުގެ 28 މައްސަލައެއްގެ ޝަރީއަތް މިހާރުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 31 މައްސަލަ މިދިޔަ އަހަރު ހުށައެޅުނުއިރު، އޭގެ ތެރެއިން ނިންމުނީ 3 މައްސަލަކަމަށް "ރާއްޖެއެމްވީ"އަށް މައުލޫމާތު ލިބިއްޖެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގުޅޭގޮތުން ކްރިމިނަލް ކޯޓަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހިއްސާ ކޮށްފައިވާއިރު، ނިމިދިޔަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 31 މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށައެޅިފައިވެއެވެ. އަދި އޭގެ ތެރެއިން 3 މައްސަލައެއް ނިމި، 28 މައްސަލައެއްގެ ޝަރީއަތް މިހާރުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.

އޭގެ އިތުރުން، 2013 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 148 މައްސަލައެއް ކޯޓަށް ހުށައެޅިފައިވާއިރު، އޭގެތެރެއިން ނިމިފައިވަނީ 94 މައްސަލައެވެ. އަދި 54 މައްސަލައެއްގެ ޝަރީއަތް މިހާރުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.

ޑީޖޭއޭއިން ހިއްސާކުރި ތަފާސްހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު ކްރިމިނަލް ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކަށް އެއްކޮށް ބަލާއިރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 59 މައްސަލައެއް ހުށައެޅިފައިވެއެވެ. އަދި ކުރީގެ އަހަރުތަކުގެ ބާކީ ހުރި މައްސަލަތަކާއެކު 86 މައްސަލައެއް 2018 ގެ ނިޔަލަށް ވަނީ ނިންމިފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރު، ކޯޓަށް ހުށައެޅޭ އެފަދަ މައްސަލަތައް އަވަސްވާނޭ ފަދަ ގޮތަކަށް އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބްލޮކް ޓްރައިލްސް ނިމާޒެއްގެ ތެރެއިން ބަލަން ފެށޭނެ ނިޒާމެއް ޝަރުޢީ ދާއިރާގެ ތެރޭގައި ޤާއިމު ކުރުމަށް ޖޭއެސްސީންވެސް ވަނީ ނިންމާފައެވެ.

އަދި އެ ނިންމުމާ އެއްގޮތަށް އެ އިންތިޒާމުތައް ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމް ކޮމިޝަނުން ހަމަޖައްސާނެކަމުގެ މަޢުލޫމާތު ކޮމިޝަނުން ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
50%
0%
50%
0%
0%
0%
ކޮމެންޓް