ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 20:02
ޝެފިލްޑް އަދި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން
ޝެފިލްޑް އަދި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން
ރޮއިޓަރސް
އިނގިރޭސި ޕްރިމިއާ ލީގު
އީޕީއެލް: ޝެފިލްޑް އަތުން ސިޓީއަށް އުނދަގޫ މޮޅެއް!
 
މި މެޗު ސިޓީއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ޝެފިލްޑް ޔުނައިޓެޑް އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް އުނދަގޫ މޮޅެއް ވެއްޖެއެވެ.

ޝެފިލްޑް ޔުނައިޓެޑް ދަނޑުގައި ކުޅުނު މި މެޗު ސިޓީއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ސިޓީއިން މޮޅު އެޓޭކިންގ ގޭމެއް ކުޅުނުއިރު މެޗުގެ ފަށައިގެން ސިޓީއިން ވަނީ ޝެފުލްޑްގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ސިޓީގެ ފޯވާޑް ރަހީމް ސްޓާލިންގ އަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. ސްޓާލިންގ ފޮނުވައިލި ހަމަލާ ޝެފިލްޑްގެ ކީޕަރު ވަނީ ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ. އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި ސްޓާލިންގ ވަނީ ބާރު ހަމަލާއެއް ޝެފިލްޑްގެ ގޯލަށް ފޮނުވައިލާފައެވެ. ނަމަވެސް އޭނާ ފޮނުވައިލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ސިޓީއިން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކުރިއިރު މެޗުގެ 73 ވަނަ މިނެޓުގައި ސިޓީއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިބްރައިނާގެ އެހީތެރިކަމާއިއެކު އިތުބާރު ފޯވާޑް ސާޖިއޯ އަގުއެރޯއެވެ. މި ލަނޑަށްފަހު ވެސް ސިޓީއަށް ވަނީ ލަނޑު

ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 77 ވަނަ މިނެޓުގައި ރޮޑްރިގޯއަށް ވަނީ ހުސް ފުރުސަތެއްލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއި އެކު ސިޓީއިން ލީގު ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 51 ޕޮއިންޓާއެކުގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ލިވަރޕޫލަށް 22 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 23 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް