ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 16:02
ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް ޔާމީންގެ މައްސަލަތައް
ރައީސް ޔާމީންގެ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަމުން އެބަދޭ: ޖަމީލް
 
މިހާރުވެސް ރައީސް ޔާމީން ހުންނެވީ މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ޖަލުގައި
 
ޖަމީލު ވިދާޅުވަނީ ކުޑަކުދިން ރޭޕް ކުރުމާއި ޤާސިމްގެ މަރާ ގުޅިގެން ފުލުހުންގެ އިހުމާލް އޮތްކަން އެނގިއްޖެ ކަމަށް
 
ޖަމީލު ވިދާޅުވަނީ މިފަހަރުވެސް ހަތިޔާރަކަށް އަދީބުއާއި ޒިޔާތުގެ ބޭނުން ކުރާކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އިތުބާރު ނެތްކަމުގެ ވޯޓު ފާސްކޮށް، މަގާމުން ދުރުކުރި، ޖަމީލު އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޑަކުދިން ރޭޕްކުރުމާ އަދި ޤާސިމްގެ މަރާ ގުޅިގެން ފުލުހުންގެ އިހުމާލް އޮތްކަން އެނގިއްޖެ ކަމަށެވެ. އަދި ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަމާލުކަން އަނބުރާލުމަށް ރައީސް ޔާމީންއާ ދިމާލަށް މިސްރާބު ހިފައި، އިތުރު މައްސަލަތަކެއް ތަޙްޤީގް ކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

މީގެއިތުރުން ޖަމީލު ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގުތަކުގައި މިފަހަރުވެސް ހަތިޔާރަކަށް ބޭނުން ކުރަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔާތު ކަމަށެވެ.

ރައީސް ޔާމީންގެ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަމުންދޭތޯ ސާފު ކުރުމަށް ފުލުހުންގެ މީޑިއާއަށް ގުޅުމުން އަދި ވަނީ އެކަން ސާފުވާގޮތް ނުވެފަ އެވެ.

ޖަމީލު ކުރެއްވި އެޓްވީޓުގައި، ހަތިޔާރަކަށް އަދީބާއި ޒިޔާތު ބޭނުންކުރާ ކަމަށް ވިދާޅުވެފައިވާތީ، ރައީސް ޔާމީންގެ މައްޗަށް ހިންގާ ތަހުގީގުތަކަކީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލަތަކެއް ކަމަށް ބެލެވެއެވެ.

ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރ ކުރިކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ނެވެ. އަދި އެމައްސަލާގައި ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް ހުކުމް ކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ 1.23 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެެކެވެ. އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓުގައި 1.23 ބިލިއަން ރުފިޔާއިން ހިޔާނާތް ވެފައިވާކަން ހާމަވާން އޮތްނަމަވެސް، ރާއްޖޭގެ އިގްތިޞާދު ދިރާސާކުރާ ފަރާތްތަކުން ބުނަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ތިނެއް ނުވަތަ ހަތަރު ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެއީ އެމްއެމްޕީއާރުސީން ރާއްޖޭގެ ބައެއް ފަޅުރަށްތަކާއި ބިންތަކާއި ފަރުތައް ވިއްކާފައިވަނީ ނުއަގުގައި، އަވަހަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށްވާތީ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
82%
0%
18%
0%
0%
ކޮމެންޓް