ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 15:47
ކްރޯނާ ވައިރަސް ޖެހިފައިވާ ޗައިނާގެ ފަތުރުވެރިއަކަށް ފަރުވާދެނީ
ކްރޯނާ ވައިރަސް ޖެހިފައިވާ ޗައިނާގެ ފަތުރުވެރިއަކަށް ފަރުވާދެނީ
ގޫގުލް
ކްރޯނާ ވައިރަސް
ރާއްޖެއަށް ކޮރޯނާ ވައިރަސް އައުމުގެ ފުރުސަތު އެބައޮތް، ރައްކާތެރިވޭ!
 
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލަފާދީފައިފައިވާ ގޮތުގެމަތީން ރާއްޖެއަށްވެސް މި ބަލި އައުމުގެ ފުރުޞަތު އެބައޮތް

ޗައިނާގެ ބައެއް ޞަރަޙައްދުތަކުގައި ފެތުރެމުންދާ "ނޮވެލް ކޮރޯނާ ވައިރަސް" ރާއްޖެއަށް އައުމުގެ ފުރުޞަތު އެބައޮތް ކަމަށް ބުނެ، އެއަށް ދުރާލާ ތައްޔާރުވުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.

އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ޑިސެންބަރ މަހުން ފެށިގެން ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި ފެތުރެމުންދިޔަ ނޭވާލާ ނިޒާމަށް އަސަރުކުރުވާ ގޮތްނޭނގޭ ބައްޔަކީ ކޮރޯނާ ވައިރަސް ޢާއިލާގެ އަލަށް ފެނުނު ނޮވެލް ކޮރޯނާ ވައިރަސްއިން ޖެހޭ ބައްޔެއްކަމުގައި ހޯދިފައިވާ ކަމަށެވެ. އަދި ހޯމަ ދުވަހާ ހަމައަށް ޗައިނާގެ މިބަލި އުޅޭ ޞަރަޙައްދުތަކުން މުޅިއެކު މި ބަލީގެ 142 ބަލި މީހުން ފެނިފައިވާކަމަށް ރިޕޯޓުތަކުން ދައްކާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި މިހާތަނަށް މިބަލީގައި 2 މީހުން މަރުވެފައިވާކަމަށް ޗައިނާގެ ކަމާބެހޭ އިދާރާއިން މަޢުލޫމާތު ދީފައިވާ އިރު، ޗައިނާގައި މި އައުޓްބްރޭކްގައި ބަލިވި ގިނަ މީހުންނަކީ ސީފުޑް އާއި ޖަނަވާރު ވިއްކާ މާރުކޭޓެއްގައި މަސައްކަތްކުރަމުންދިޔަ މީހުންނާއި އެތަނަށް އެކި ކަންކަމުގައި ގޮސްފައިވާ މީހުން ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭގެ ބަޔާނުގައި ވާގޮތުން، ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްގެ މިބަލިޖެހުން ގުޅިފައިވަނީ ސީފުޑް ނުވަތަ ޖަނަވާރުން އަރާ ޖަރާސީމަކުންކަމަށް ލަފާ ކޮށް، ޖެނުއަރީ 1 އިން ފެށިގެން ޝައްކުކުރެވޭ ޗައިނާގެ މިފަދަ މާރުކޭޓްތައް ބަންދުކޮށްފައެވެ.

މިހާތަނަށް، އިންސާނުންގެ ތެރޭގައި އެކަކުގައިން އަނެކަކު ގަޔަށް މިބަލި ފެތުރެމުން ނުދާ ކަމަށް ޗައިނާގެ ޞިއްޙީ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ. އަދި އެއްވެސް ޞިއްޙީ ޚިދުމަތްތެރިއަކަށް މިހާތަނަށް މިބަލި ޖެހިފައި ނުވާ އިރު، ޗައިނާގެ އިތުރުން ދާދި ފަހުން ތައިލޭންޑުން މި ބަލީގެ 2 މީހުން އަދި ޖަޕާނުން މި ބަލީގެ 1 އަކު ފެނިފައިވެއެވެ. އަދި އެހެން ޤައުމުތަކުގައިވެސް ބަލިން ރައްކާތެރިވުމުގެ ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާއިރު ތައިލޭންޑުން ފެނުނު ބަލިމީހުންގެ ތެރެއިން 1 ފަރާތަކީ ޗައިނާގެ މިފަދަ މާރުކޭޓަކަށް ޒިޔާރަތްކޮށްފައިވާ ޗައިނާގެ ރައްޔިތެއްކަމުގައި ދެނެގަނެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން މިކަންކަމަށް ރިޢާޔަތްކޮށް ދުނިޔޭގެ ޞިއްޙަތު ޖަމްޤިއްޔާއިން ލަފާދީފައިފައިވާ ގޮތުގެމަތިން ރާއްޖެއަށްވެސް މި ބަލި އައުމުގެ ފުރުޞަތު އޮތްކަމަށްޓަކައި ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ވަނީ މިބަލިން ރައްކާތެރިވުމަށްޓަކައި ޗައިނާއަށް ދަތުރުކުރާ ފަރާތްތަކުން ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އެދިފައެވެ. އޭގެ ތެރޭގައި ދޫނި ސޫފާސޫފި އަދި ޖަނަވާރު ގެންގުޅެ، ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދިއުމާއި، ބަލިމީހުންނާއި ކައިރީގައި ނޫޅުމާއި، ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އަދި ކެއްސާ ކިބިހި އަޅާއިރު ޓިޝޫއަކުން ރަނގަޅަށް އަނގައާއި ނޭފަތް ނިވާކުރުން ހިމެނެއެވެ.

އަދި ޗައިނާގެ މިބަލި ފެތުރޭ ހިސާބުތަކަށް ދަތުރު ކުރުމަށްފަހު ހުންއައިސް، ނޭވާލާން އުނދަގޫވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ މާސްކް އަޅައިގެން އުޅުމާއި، ޞިއްޙީ ޚިދުމަތް ހޯދުން ފިޔަވައި އެހެން ކަމަކަށް ބޭރަށް ނުނިކުތުމާއި، އަވަހަށް ޞިއްޙީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ޞިއްޙީ ޚިދުމަތްދޭ ފަރާތަށާއި ބޭނުންވާ ހިނދު ކަމާބެހޭ އެހެނިހެން ފަރާތްތަކަށް، ވޭތުވިޔަ 14 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ ޤައުމުތަކާއި ޓްރާންސިޓް ކޮށްފައިވާ ތަންތަން ހިމެނޭގޮތަށް ދަތުރުކުރި ތަންތަނުގެ މަޢުލޫމާތު ދިނުމާއި، ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ރަނގަޅަށް އަނގައާއި ނޭފަތް ނިވާކުރުން އަދި ބޭނުންކުރާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލާ ރައްކާތެރިގޮތުގައި ވަގުތުން ނައްތާލުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
9%
0%
80%
7%
3%
1%
ކޮމެންޓް