ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 13:32
އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެ އެމްވީ
އިލެކްޝަންސް ކޮމިޝަން
ކައުންސިލް އިންތިހާބަށް ފުލުހުންގެ އެހީތެރިކަން ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
 
ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި ލޮޖިސްޓިކް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި

ލޯކަލް ކައުންސިލް އިންތިޚާބު 2020 އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި ލޮޖިސްޓިކް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފެވެ. އަދި ފުލުހުންގެ އިދާރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިޚާބަކީ ވެސް ރައްޔިތުންގެ މަޞްލަޙަތާއި ވަރަށް ބޮޑަށް ގުޅިފައިވާ އިންތިޚާބުތަކެއް ކަމަށެވެ. އަދި މިފަހަރު ކުރިމަތިލާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތަކީ ވޭތުވެދިޔަ އިންތިޚާބުތަކާއި އަޅާބަލާއިރު ބައެއް އުޞޫލުތަކަށް ބަދަލުތައް އައިސްފައިވާ އިންތިޚާބެއް ކަމަށެވެ. އަދި މިފަދަ ބޮޑު އިންތިޚާބެއް ބޭއްވުމަކީ ހަމައެކަނި އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ވަޞީލަތްތަކާއި އަޅާ ބަލާއިރުގައި ވަރަށް ބުރަ މަސައްކަތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިފަދަ އިންތިހާބެއް ބޭއްވޭނީ ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ވެސް އެހީތެރިކަމާއެކީގައި. އެހެންވެގެން ދައުލަތުގެ އެހެނިހެން މުއައްސަސާތަކަށް ގާނޫނުން ލާޒިމް އެބަކުރޭ އީސީން ކަންކަމުގައި އެހީތެރިކަމަށް އެދޭ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް. އެއީ އެ މުއައްސަސާއެއްގެ މެންޑޭޓްތެރޭގައި ހިމެނިފައިވާ ކަންކަމަށް އެ އިންތިހާބަށް ބޭނުންވާ ވަސީލަތެއް ނުވަތަ ހިދުމަތެއް ނަމަ އެ ފޯރުކޮށްދިނުމަކީ ގާނޫނުން ލާޒިމް ކުރާކަމެއް،
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

ޝަރީފް ވިދާޅުވީ ފުލުހުންނަކީ އިންތިޚާބުތަކުގައި އިލެކްޝަންސް ކޮމިޝަނާއެކީގައި ވަރަށް ގާތްގުޅުމެއް ބާއްވާ އަދި ލިބިގެންވާ ހުރިހާ ވަޞީލަތްތަކެއް ބޭނުންކޮށްގެން އިންތިޚާބުތަކުގައި އީސީގެ ޕާޓްނަރެއްގެ ގޮތުގައި އެކުއެކީގައި މަސައްކަތް ކުރާ ބައެއް ކަމަށެވެ.

އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އީސީގެ ރައީސް އަހުމަދު ޝަރީފް (ކ) އަދި ސީޕީ މުހައްމަދު ހަމީދު (ވ)

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މި އެއްބަސްވުމަކީ ކުރީގެ އިންތިޚާބުތަކުގައި ވެސް ޕޮލިސިންއާއި ލޮޖިސްޓިކަލް ސަޕޯޓް ފޯރުވައިދިނުމަށްޓަކައި ޤާއިމުކުރެވިފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، އެކަމާބެހޭގޮތުން ދެ މުއައްސަސާގެ މައްޗަށް އެއްބަސްވެވޭ ނުވަތަ ޢަމަލުކުރާނެ ޕްރޮޓޮކޯލްތަކެއް ޤާއިމުކޮށް އޭގެ މައްޗަށް ވެވިފައިވާ އެއްވަސްވުމެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނާއި ގުޅިގެން، ރައްޔިތުންނާއި، ވާދަކުރާ ކެންޑިޑޭޓުންނާއި ހުރިހާ ފަރާތްތަކެއްގެ ހައްގުތައް ރައްކާތެރިވޭވޭނެ އަމާން ރައްކާެރި މާހައުލެއްގެ ތެރޭގައި ތިބެވި ކުރިއަށްދާނެ އިންތިހާބެއް ކަމަށް. އަޅުގަނޑުމެން އަރުވަން ބޭނުންވާ ޔަގީން ކަމަކީ އިލެކްޝަނަށް ވެސް އަދި އިންތިހާބަށް ވެސް މިފަހަރު ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލިޒަމް އަދި އަޅުގަނޑުމެންނާއެކީގައި އެންމެ ގާތުން މަސައްކަތް ކުރެވިގެން 2 މުއައްސަސާގެ ވެސް މައިގަނޑު އަމާޒުތަކަށް ވާސިލްވެ އޮބްޖެކްޓިވްސްތައް ހާސިލް ކުރާނަން،
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

އިލެކްޝަންސް ކޮމިޝަނުން ބުނީ ހޯމަ ދުވަހު ވެވުނު އެއްބަސްވުމަކީ މީގެ ކުރީ އަހަރުތަކުގައި ވެސް އިންތިޚާބާ ގުޅިގެން އެއްބަސްވާ އެއްބަސްވުމާ ދާދި އެއްކަހަލަ އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް މިފަހަރުގެ އެއްބަސްވުމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބަސްވުމުގައި ދާދި އެއްގޮތްވާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް