ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 22:38
އެމްއާރްްއެމްގެ ޖަލްސާއެއްގެ ތެރެއިން
އެމްއާރްްއެމްގެ ޖަލްސާއެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
އެމްއާރްއެމް
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ހުއްޓުވޭނީ މުއައްސަސާތަކުގެ ޒިންމާ އަދާކޮށްގެން: އެމްއާރްއެމް
 
ފިޔަވަޅު ނޭޅި ހުރުމަކީ އިސްލާމްދީނާއި ގާނޫނު އަސާސީން ކުޑަކުދިންނަށް ދީފައިވާ ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއް
 
އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: އެމްއާރްއެމް

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ހުއްޓުވޭނީ ޤާނޫނީ ގޮތުން ޒިންމާ ހަވާލުކުރެވިފައިވާ ގުޅުންހުރި ހުރިހާ މުއައްސަސާތައް އަދާކުރަންޖެހޭ ޒިންމާ އާއި ރައްޔިތުންގެ ފަރުދީ ޒިންމާވެސް ފުރިހަމައަށް އަދާކޮށްގެން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

ގއ. ކަނޑުހުޅުދޫ ގައި ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނީ، ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާ ކޮށްފައިވާ މައްސަލައިގައި އެ ޕާޓީން ނުހަނު ކަންބޮޑުވެ، އެ ނުބައި ލާއިންސާނީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި އެ މައްސަލަ ފެންމަތިވުމާ އެކު، މިކަހަލަ ގިނަ އެތައް މައްސަލަތަކެއް ފާއިތުވި އަހަރުތަކުގައި ހިނގާފައިވާކަން ފާހަގަކުރަމުން އެމްއާރްއެމުން ބުނީ، އެފަދަ ގިނަ މައްސަލަތަކެއް ރިޕޯޓު ނުކުރެވި ހުރި ކަމަށާއި، ރިޕޯޓު ކުރެވިފައި ހުރި އެތައް މައްސަލަތަކަށް ފިޔަވަޅު ނޭޅި ހުރިކަންވެސް މީޑިއާއިން ވަނީ ހާމަވެފައިވާ ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމުން ބުނީ، އެފަދަ މައްސަލަ ތަކުގައި ތުހުމަތު ކުރެވުނު ފަރާތްތަކަށް އެދެވޭ ގޮތެއްގައި ފިޔަވަޅު ނޭޅުމުގެ ސަބަބުން، އެމީހުން މުޖުތަމައުގައި މިނިވަން ކަމާއެކު އުޅެމުން ދާކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.

މިކަހަލަ މައްސަލަ ތަކުގައި ފިޔަވަޅު ނޭޅި ހުރުމަކީ އިސްލާމްދީނާއި ގާނޫނު އަސާސީން ކުޑަކުދިންނަށް ދީފައިވާ ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއްކަން އެމްއާރްއެމުން އާދިއްތަ ދުވަހު ނެރުނު ބަޔާނުގައިވެއެވެ.

މިކަންކަން ހުއްޓުވޭނީ، ޤާނޫނީ ގޮތުން ޒިންމާ ހަވާލުކުރެވިފައިވާ ގުޅުންހުރި ހުރިހާ މުއައްސަސާތައް އަދާކުރަންޖެހޭ ޒިންމާ އާއި ރައްޔިތުންގެ ފަރުދީ ޒިންމާވެސް ފުރިހަމައަށް އަދާ ކޮށްގެން. މިބާވަތުގެ މައްސަލަ ތަކުގައި ތުހުމަތު ކުރެވޭ.
އެމްއާރްއެމްގެ ބަޔާން

ކުރިއަށް އޮތްތާނގައި މިފަދަ ނުބައި ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް އަވަސްފިޔަވަޅުތައް އެޅުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ހަމަ އެއާއެކު، އަނިޔާ ލިބުނު ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، އެކުދިން ފުރިހަމަ ގޮތުގައި ހެދި ބޮޑުވުމަށް ބޭނުންވާ ސިއްހީ އަދި ނަފްސާނީ ފަރުވާއަށް މަގު ފަހިކޮށްދީ އެކުދިންގެ ހައްގުތައް ހޯދައިދިނުމަށް ރައީސް މައުމޫންގެ އެމްއާރްއެމުން ވަނި ގޮވާލާފައެވެ.

އަދި މިސަރުކާރުން އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި މިކަން ހަދާ ސޯޝަލް ސަރވިސް ސެކްޓަރު ހަރުދަނާ ކޮށް ބޭނުންވާ ވަސީލަތްތައް ވިހާވެސް އަވަހަކަށް އިތުރު ކޮށްދެއްވުމަށް ގޮވާލަމުން އެމްއާރްއެމުން ބުނީ، މިބާވަތުގެ އިޖުތިމާއީ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި، ޖަމުޢިއްޔާ ޖަމާއަތްތަކާއި، ކައުންސިލްތަކާއި، މިނިވަން މުއައްސަސާ ތަކާއި ސިޔާސީ ޕާޓީތަކާ، އެންމެހާ ދިވެހި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށާއި އަދި ފަރުދީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމަށްވެސް ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް