ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 22:40
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
މޯލްޑިވްސް އިންސައިޑަރ
ޘަޤާފީ ފަތުރުވެރިކަން ފުޅާކުރުން
ރާއްޖޭގައި ޘަޤާފީ ފަތުރުވެރިކަން ފުޅާކުރުން – ކުރެވިދާނެކަމެއްބާ؟
 
ޓުއަރިޒަމް މިނިސްޓަރ ވަނީ ރާއްޖޭގައި ކުޅިވަރުގެ ފަތުރުވެރިކަން ފަށަން އުޅޭ ކަމުގެ އިޝާރާތެއް ދެއްވާފަ
 
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތެރެއަށް ފަހުގެ ތާރީޚެއްގައި ވަދެގެން މިއުޅެނީ ލޯކަލް ޓުއަރިޒަމް
 
ފަތުރުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި އޮންނަނީ އެންމެ ބާވަތެކޭ ބުނުމަކުން އެއީ ދޮގަކަށް ނުވާނެ

ދިވެހިރާއްޖޭގެ އިޤްތިޞާދީ މައި ނާރެހުގެ ގޮތުގައި ފަތުރުވެރިކަން އޮންނަތާ އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. ފަހަކާ ޖެހެންދެންވެސް ފަތުރުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި އޮންނަނީ އެންމެ ބާވަތެކޭ ބުނުމަކުން އެއީ ދޮގަކަށް ނުވާނެއެވެ. މި ބާވަތަކީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަން ވިއްކައިގެން ކުރެވޭ ފަތުރުވެރިކަމެވެ. މިކަން ބޮޑަށް މިކުރެވެނީ ރާއްޖޭގެ ފަޅުރަށެއް ކުއްޔަށް ނަގައިގެން އެ ރަށް ތަރައްޤީކޮށް އެ ރަށުގެ ހުދުވެލީގެ ގޮނޑުދޮށާއި ފަރުތަކުގެ ރީތިކަން ދެއްކުމަށް ޚާއްޞަކޮށްގެންނެވެ. މީގެ ހެއްކަކީ ރާއްޖޭގެ އެތައް އަތޮޅުތަކެއްގެ އެތައް ފަޅުރަށްތަކެއްގައި ރިސޯޓު އަދި ސްޕާ ހެދުމަށް އެ ރަށްތައް ކުއްޔަށްދެވިފައިވާކަމެވެ. އަދި މިހާރުވެސް އެތައް ރިސޯޓުތަކެއް ހިންގަމުންދާކަމެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތެރެއަށް ފަހުގެ ތާރީޚެއްގައި ވަދެގެން މިއުޅެނީ ލޯކަލް ޓުއަރިޒަމް އަދި ގެސްޓްހައުސް ވިޔަފާރިއެވެ. ލޯކަލް ޓުއަރިޒަމް މިއަދު މިވަނީ ރާއްޖޭގައި މެކުހަށް ޖަހާފައެވެ. ތަފާތު ކޮންސެޕްޓެއްގެ ދަށުން، އަގުބޮޑު ރިސޯޓުތަކާ ޚިލާފަށް މެދުފަންތީގެ ދިރިއުޅުން އުޅެމުންދާ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ކުރެވޭ ގެސްޓްހައުސް ވިޔަފާރި ރާއްޖޭގެ ބައެއް ރަށްރަށުގައި ފޯރި ހިއްޕާލާފައިވާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ވަރަށް ވެސް ބޮޑު ކުރިއެރުމެއްކަމީ ދެބަސްވެވެން ނެތް ހަޤީގަތެކެވެ.

ހުކުރު މިސްކިތު މުންނާރު

ދަންނަވަން މިއުޅޭ ވާހަކަ އަކީ ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ޤައުމެއްކަމުގައި ވީނަމަވެސް، މިއަދާ ހަމައަށްވެސް ދިވެހިރާއްޖޭގައި ޤާއިމުވެފައި މި އޮތީ މި ދެންނެވި 2 ބާވަތުގެ ފަތުރުވެރިކަން އެކަނިކަމުގެ ވާހަކައެވެ. ފަތުރުވެރިކަމަކީ މިއަށްވުރެން ފުޅާކޮށް، މިއަށްވުރެ ތަފާތުކޮށް ކުރެވޭނެ ކަމެއް ކަމެވެ. ސުވާލަކީ މީގެ ތެރެއިން ދިވެހިރާއްޖޭގައި ފުޅާކުރެވޭނީ ކޮން ބާވަތެއްގެ ފަތުރުވެރިކަމެއްބާއެވެ؟

ދާދި ފަހަކުން ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރ ވަނީ ރާއްޖޭގައި ކުޅިވަރުގެ ފަތުރުވެރިކަން ފަށަން އުޅޭ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. މިއީ ކުރިއެރުމެކެވެ. މިއީ މި ސިނާޢަތަށް މިހާރު ބޭނުންވެފައި އޮތް ކަމެކެވެ. މީގެ އިތުރުން ރާއްޖޭގައި ކުރިއެރުވިދާނެ އަނެއް ބާވަތުގެ ގޮތުގައި ފެންނަން އޮތީ ކަލްޗަރަލް ޓުއަރިޒަމް ނުވަތަ ޘަޤާފީ ފަތުރުވެރިކަމެވެ.

މިއީ މިހާރުވެސް ކޮންމެވެސް މިންވަރަކަށް ރާއްޖޭގައި ހިނގަމުންދާ ފަތުރުވެރިކަމުގެ ބާވަތެކެވެ. ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުން ބައެއް ރަށްރަށާއި މާލޭގައި ހުރި ގިނަދުވަސްވީ ބިނާތައް ބަލާލުމުގެ ފުރުޞަތު ފަތުރުވެރިންނަށް ފަހިކޮށްދެއެވެ. އެހެން ނަމަވެސް ޘަޤާފީ މައުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދޭތަން ފެންނަނީ ވަރަށް މަދުންނެވެ. މިއީ ވިސްނާލަންޖެހޭ ކަމެކެވެ. ދިވެހިރާއްޖެ އަކީ ލިޔެވިފައިވާ ތާރީޚުން މާ މުއްސަނދި ޤައުމަކަށް ނުވިނަމަވެސް، ރާއްޖޭގެ ތާރީޚަކީ މުއްސަނދި ތާރީޚެކެވެ. ރާއްޖޭގެ ތާރީޚާއި ޘަޤާފަތުން ފަތުރުވެރިންނަށް ވިއްކޭނެ މިންވަރަށް މަޢުލޫމާތު ލިބެން އެބަ ހުއްޓެވެ. ބިނާތައް އެބަހުއްޓެވެ. އާޘާރީ ތަކެތި އެބަހުއްޓެވެ. ބޭނުންވަނީ މި ތަކެތި ގިނަދުވަހަށް ދެމިހުންނާނެ ގޮތަށް ރައްކާތެރިކުރުމާއެކު މި ތަކެތި ފަތުރުވެރިންނަށް ވިއްކައިގެން ނަފާ ހޯދޭނެ ރަނގަޅު ރޭވުމެކެވެ.

އުތީމު ގަނޑުވަރު

2015 ވަނަ އަހަރު ދުނިޔޭގެ 1.2 ބިލިއަން މީހުން ފަތުރުވެރިކަމަށް އެމީހުންގެ އަމިއްލަ ޤައުމު ނޫން އެހެން ޤައުމުތަކަށް ދަތުރުކޮށްފައިވެއެވެ. މި ފަތުރުވެރީންގެ ތެރެއިން 37 އިންސައްތަ ފަތުރުވެރިން އެމީހުންގެ މަންޒިލު ޚިޔާރުކުރީ އެ މަންޒިލުގެ ޘަޤާފަތާއި ތާރީޚަށް ބަލައިގެންނެވެ. ޗެމްބަރ އޮފް ކޮމާސް އޮފް މޮންޒާ އެންޑް ބްރިއަންޒާއިން މައުލޫމާތުދޭ ގޮތުގައި 2015 ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި ހުންނަ އައިފެލް ޓަވަރ ބަލާލުމަށް 6 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކުރިއިރު، އައިފެލް ޓަވަރގެ ބްރޭންޑް ވެލިއު އަކީ 434 ބިލިއަން ޔޫރޯ އެވެ.

މިއީ ފޯބްސް އިން އެޕަލް ކުންފުނީގެ ވެލިއު ގޮތުގައި 2015 ވަނަ އަހަރު ކަނޑައެޅި 135 ބިލިއަން ޔޫރޯއަށްވުރެ އެތައް ގުނައެއް އިތުރު ޢަދަދެކެވެ. މިއީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ތަން ކަމުގައިވިޔަސް، މީގެން ދައްކައިދެނީ ފަތުރުވެރިކަމުގެ މި ބާވަތުން ލިބޭ ފައިދާ އާއި ނަފާގެ ބޮޑުކަމެވެ. އަދި ހަމަ އެހެންމެ، މި ބާވަތަށް ލޯބިކުރާ އެތައް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިއިރު، އެ މާކެޓުގެ ތެރެއަށް ދިވެހިރާއްޖެއިން އެބަ ވަންނަން ޖެހެއެވެ. ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ގިނަކުރުމަށްވެސް މިއީ ބޭނުންކުރެވިދާނެ އުކުޅެކެވެ.

ޕެރިހުގެ އައިފެލް ޓަވަރ، އިނގިރޭސި ވިލާތުގެ ބަކިންގްހަމް ޕެލެސް، ނުވަތަ ޗައިނާގެ ނެޝަނަލް މިއުޒިއަމް ބަލާލަން އެތައް ބަޔަކު ދަތުރުކުރާ ފަދައިން، ދިވެހިރާއްޖޭގެ އުތީމު ގަނޑުވަރާއި، އައްޑޫ ކޯގަންނު ސަހަރާ އާއި، ކާށިދޫ ކުރުހިންނަ ތަރާގަނޑާއި، އިސްދޫ ހަވިއްތަ ފަދަ ތަންތަން ބަލާލުމަށް ބޭރުގެ ފަތުރުވެރިން ރާއްޖެ ގެނައުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ޘަޤާފީ ފަތުރުވެރިކަން މާކެޓްކޮށް ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ ޢަދަދު ގިނަކުރެވިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް