ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 13:03
ހުޅުމާލޭގައި ގާއިމުކޮށްފައިވާ ލޮލުގެ ސެންޓަރު
ހުޅުމާލޭގައި ގާއިމުކޮށްފައިވާ ލޮލުގެ ސެންޓަރު
ޓްވިޓަރ
ލޮލުގެ ސެންޓަރ
ޗައިނާގެ ލޮލުގެ ސެންޓަރަށް ދެއްކުމަށް 900 ށް ވުރެ ގިނަ މީހުން އެޕޮއިންޓްމަންޓް ހައްދައިފި
 
94 ސަރޖަރީއެއް މިހާތަނަށް އާއިރު އެސެންޓަރުން ހަދާފައިވޭ
 
މިހާތަނަށް އާއިރު 1000 ށް ވުރެ ގިނަ މީހުން ސްކްރީން ކޮށްފައިވޭ

ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ލޮލުގެ ޚާއްޞަ ފަރުވާދޭ "ޑރ. އެން.ޑީ. ޢަބްދުﷲ ޢަބްދުލްޙަކީމް އޮފްތަލްމޮލޮޖީ ސެންޓަރ" އަށް ދެއްކުމަށް 900 ށް ވުރެ ގިނަ މީހުން އެޕޮއިންޓްމަންޓް ހައްދާފައިވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިއޮން ވިދާޅުވެއްޖެ އެވެ.

މިސެންޓަރު ހުޅުވާ ޚިދުމަތް ދޭން ފަށާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިހާތަނަށް އާއިރު 1000 ށް ވުރެ ގިނަ މީހުން ސްކްރީން ކޮށްފައިވާކަމަށެވެ. އަދި 94 ސަރޖަރީއެއް މިހާތަނަށް އާއިރު އެސެންޓަރުން ހަދާފައިވާކަމަށް ސަފީރު ވިދާޅުވި އެވެ. މީގެއިތުރުން ސެންޓަރުގައި މަސައްކަތް ކުރާނެ މުވައްޒަފުން ތަމްރީނުކުރަމުންދާ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

މި ސެންޓަރު ޤާއިމުކޮށް މަސައްކަތްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވަނީ ޑރ ޗެން އެވެ.

ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ލޮލުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރުން ލޮލުގެ ތަފާތު ބަލިތަކަށް ފަރުވާދެމުން ދެއެވެ. އެގޮތުން ލޯފުސްވުމާއި، ގުލްކޯމާ، އޮކިޔުލަރ ސަރފޭސް ޑިޒީސް ފަދަ ލޮލުގެ ބަލިތަކަށް ފަރުވާދެމުން ދެއެވެ.

ދިވެހިރާއްޖޭގައި ދެވޭ ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތާއި ޗައިނާގެ ނެޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިންގ ކޮމިޝަނާއި ދެމެދު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ހުޅުމާލޭގައި ޤާއިމު ކުރި ލޮލުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރަކީ މި އެއްބަސްވުމުގެ ދަށުން ހަދާ ސެންޓަރެކެވެ.

ޗައިނާ ސަރުކާރުގެ އެހީގައި 2015 ވަނަ އަހަރު އަދި 2017 ވަނަ އަހަރުވެސް ވަނީ ލޮލުގެ ޚާއްޞަ ކޭމްޕްތަކެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފައެވެ. މި ކޭމްޕްތަކުގައި ޖުމުލަ 1000 އަށް ވުރެގިނަ މީހުން ސްކްރީންކޮށް 186 މީހުންގެ ކެޓަރެކްޓް ސާޖަރީ ވަނީ ހަދާފައެވެ. އަދި 9.2 މިލިއަން ރުފިޔާގެ ލޮލުގެ ފަރުވާއާއި ގުޅޭ އާލާތްތައް ޗައިނާ ސަރުކާރުން ވަނީ ހަދިޔާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް