ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 12:30
ސްރީލަންކާގެ ރައީސް އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ސްރީލަންކާގެ ރައީސް އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކޮލަންބޯ ގެޒެޓު
ސްރީ ލަންކާ-އިންޑިއާ
ސަލާމަތީ އާލާތްތައް ގަތުމަށް ސްރީ ލަންކާއަށް 50 މިލިއަން ޑޮލަރުދޭން އިންޑިއާއިން ވަޢުދުވެއްޖެ
 
ރާއްޖެއާއި އިންޑިއާއާއި ސްރީލަންކާގެ "މެރިޓައިމް ޒޯން" އާއި ބެހޭ މަޢުލޫމާތު އަލުން މުރާޖަޢާ ކުރުމުގެ މުހިންމު ކަމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނު
 
ދެޤައުމުގެ ކޯސްޓުގާޑުގެ މުޢާމަލާތްތައް އިތުރަށް ވަރުގަދަކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވޭ
 
ދެޤައުމުގެ ދެމެދުގައި ފެންމަތިވެފައިވާ ބައެއް މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް ޙައްލުކުރާނެ ގޮތްތަކެއް ހޯދާފައިވޭ

ސްރީ ލަންކާގެ ސަލާމަތީ ބާރުތަކައް ބޭނުންވާ އާލާތްތައް ގަތުމަށް އެޤައުމަށް 50 މިލިއަން ޑޮލަރު ދިނުމަށް އިންޑިއާއިން ވަޢުދުވެއްޖެއެވެ.

ސްރީ ލަންކާގެ ސަރުކާރުގެ ގެޒެޓުގައިވާ ގޮތުންނަމަ، އިންޑިއާއިން މިކަމަށް ވަޢުދުވީ ސްރީ ލަންކާއާށް މިހާރު ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ އިންޑިއާގެ ޤައުމީ ސަލާމަތާއި ބެހޭ އިސް މުޝީރު އަޖިތު ދޮވާލް އާއި ސްރީ ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސެ އާއެކު ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

ދޮވާލް ސްރީ ލަންކާއަށް ވަޑައިގެންނެވީ އިންޑިއާއާއި ސްރީ ލަންކާއާއި ދެމެދު އޮންނަ ދޭދޭ ގުޅުމުގެ ތެރެއިން، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި ބެހޭ ރަސްމީ މަޝްވަރާތައް ކުރެއްވުމަށެވެ. މީގެ އިތުރުންވެސް ދެޤައުމުގެ ދެމެދުގައި ފެންމަތިވެފައިވާ ބައެއް މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވި، އެކަންކަން ޙައްލުކުރުމާއި ބެހޭ ގޮތުން ޚިޔާލު ބަދަލުކުރެވި ގޮތްތަކެއް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މަޝްވަރާ ބައްދަލުވުމަށް ބަލާއިރު، އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭނެ ދާއިރާއެއްގެ ގޮތުގައި ދެޤައުމުން އެއްބަސްވުމަކަށް އައިސްފައިވަނީ އަސްކަރީ އަދި ދިފާޢީ ދާއިރާއިންނެވެ. އެގޮތުން ސަލާމަތީ ކަންކަން ވަރުގަދަކުރުމާއި، ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދެޤައުމުގެ ކޯސްޓުގާޑުގެ މުޢާމަލާތްތައް އިތުރަށް ވަރުގަދަކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުވުންތަކާއި ބެހޭ ގޮތުން ސްރީ ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސެ ވިދާޅުވެފައިވަނީ، އިންޑިއާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު އަޖިތު ދޮވާލްއާއި އެކު ވަރަށް އިޚުލާސްތެރި މަޝްވަރާތަކެއް ކުރިޔަށްގެންދެވިފައިވާކަން ސްރީ ލަންކާ ސަރުކާރުން ފާހަގަކުރާކަމަށެވެ. މަޝްވަރާގެ ތަފުޞީލު ޙިއްސާ ކުރައްވަމުން ގޯޓާބަޔާ ރާޖަޕަކްސެ ވިދާޅުވެފައިވަނީ، ޤައުމީ ސަލާމަތާއި ބެހޭ ދާއިރާއިން ދޭދޭ ގުޅުމުގެ ތެރެއިން އެއްބާރުލުން ދިނުމަށް ދެޤައުމުންވެސް އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ. އެގޮތުން ޖާސޫސީ މަޢުލޫމާތު ހިއްސާކުރުމާއި، ދެޤައުމުގެ ކަނޑުގެ ޞަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތުގައި ދެޤައުމުން އެއްބާރުލުން ދިނުން ހިމެނޭކަމަށެވެ. ހަމަ އެއާއެކު، ޞަރަޙައްދީ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށްވެސް ގޯޓާބަޔަ ވިދާޅުވެފައިވެއެވެ.

މަޝްވަރާ ބައްދަލުވުމާއި ބެހޭ ގޮތުން އިންޑިއާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު، އަޖިތު ދޮވާލް ވިދާޅުވެފައިވަނީ، ރާއްޖެއާއި އިންޑިއާއާއި ސްރީ ލަންކާގެ "މެރިޓައިމް ޒޯން" އާއި ބެހޭ މަޢުލޫމާތު އަލުން މުރާޖަޢާ ކުރުމުގެ މުހިންމު ކަމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އަދި މިކަން ކުރުމުގައި ޞަރަޙައްދީ އެހެން ޤައުމުތަކުގެ ބައިވެރިވުން ހިމެނޭ ގޮތައް ކުރިޔަށް ގެންދިއުމުގެ މުހިންމު ކަމުގެ މައްޗަށް އަޖިތު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ސްރީ ލަންކާއަށް އިންޑިއާއިން ވެދޭ އެހީތެރިކަމަށް އަލިއަޅުއްވާލައްވަމުން ދޮވާލް ވިދާޅުވީ، ދެޤައުމުގެ މެދުގައި ސަލާމަތީ، އަސްކަރީ އަދި ދިފާޢީ ގުޅުން ބަދަހިކުރުމުގެ އަޒުމުގައި އިންޑިއާއިން ސްރީ ލަންކާއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަަށް ވަޢުދުވެވަޑައިގަންނަވާ ކަމަށެވެ. މި އެހީއަކީ ސްރީ ލަންކާގެ ޤައުމީ ދިފާޢީ ބާރާއި އަދި އެޤައުމު ސަލާމަތާއި ރައްކާތެރިކަމަށް އެކި ފެންވަރުގައި ބޭނުންކުރާ ފަންނީ އާލާތްތައް ގަތުމަށް ދޭ އެހީއެއްކަމަށް ދޮވާލް ވިދާޅުވިއެވެ. އަދި ޖާސޫސީ މަޢުލޫމާތު އެއްކުރުމަށާއި، ޖިއޯ ކޯރޑިނޭޝަން ސެންޓަރެއް ހުޅުވުމަށް އެހީތެރިވެދޭނެކަމަށް ވެސް ދޮވާލް ވަނި ވަޢުދުވެވަޑައިގެންފައެވެ.

އިންޑިއާގެ ޤައުމީ ސަލާމަތާއި ބެހޭ އިސް މުޝީރު އަޖިތު ދޮވާލް ސްރީ ލަންކާއަށް ވަޑައިގެންފައި މިވަނީ ގިނަ ޤައުމުތަކުގެ އިސް މަސްއޫލުވެރިން ސްރީ ލަންކާއަށް ޒިޔާރަތް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި ޗައިނާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުންނާއި އެމެރިކާގެ ސްޓޭޓް ޑީޕާރޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ އެލިސް ވެލްސް ހިމެނިވަޑައިގަންނަވައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
0%
0%
100%
0%
0%
ކޮމެންޓް