ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 08:58
ދޯހާގައި އެމެރިކާ އާއި ތާލިބާނުންނާ ދެމެދު ކުރިޔަށްދާ މަޝްވަރާތަކުގެ ތެރެއިން
ދޯހާގައި އެމެރިކާ އާއި ތާލިބާނުންނާ ދެމެދު ކުރިޔަށްދާ މަޝްވަރާތަކުގެ ތެރެއިން
އަލްޖަޒީރާ
އަފްޣާނިސްތާން
މަޝްވަރާތަކަށް ޖާގަދިނުމަށް ހަމަލާތައް ހުއްޓާލުމަށް އަފްޣާނިސްތާން ސަރުކާރުން ތާލިބާނަށް ގޮވާލައިފި
 
އެއްބަސްވުމަކާ ހަމައަށް އެމެރިކާ އާއެކު އާދެވުމާއެކު ތާލިބާނާއި އަފްޣާނިސްތާން ސަރުކާރުން ޖަރުމަނުގައި ބައްދަލުކުރާނެ
 
ތާލިބާނުން ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެމެރިކާ އާއެކު މަޝްވަރާތައް ކުރިޔަށް ގެންގޮސްފައި
 
ތާލިބާނުން ވަނީ ދިހަ ދުވަހަށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެދިފައި

ޙަލާބަދަލުކުރުން އެއްކޮށް ހުއްޓާލާ މަޝްވަރާއަށް ޖާގަދިނުމަށް އަފްޣާނިސްތާން ސަރުކާރުން އެޤައުމުގައި އުޅެމުންދާ ހަނގުރާމަވެރި ޖަމާޢަތްކަމަށްވާ ޠާލިބާންގެ ކިބައިން އެދެފި އެވެ.

އަފްޣާނިސްތާން ސަރުކާރުން މިގޮތަށް އެދިފައިމިވަނީ ޠާލިބާނުން ދިހަ ދުވަހަށް ޙަމަލާބަދަލުކުރުން ހުއްޓާލުމަށް އެދުނުއެދުނުމަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

ރޮއިޓަރސް އިން ބުނެފައިވަނީ އެމެރިކާ އާއެކު ދޯހާގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޝްވަރާ ބައްދަލުވުންތަކުގައި އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެނަމަ ޠާލިބާނުން އެމެރިކާގެ ލަޝްކަރުތަކަށާއި އަފްޣާނިސްތާނުގެ ސިފައިންނަށް ޢަމާޒުކޮށް ދެމުންގެންދާ ޙަމަލާތައް ވަގުތީގޮތުން ހުއްޓާލާނެ އެވެ.

އަފްޣާނިސްތާނުގެ ރައީސްގެ ތަރުޖަމާނު ސިއްދީޤް ސިއްދީޤީ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޠާލިބާނުން އެމެރިކާއާއެކު ކުރިޔަށްގެންދާ ކޮންމެ ވާހަކައެއްގައިވެސް ޙަމަލާބަދަލުކުރުން ހުއްޓާލުމަށް ހިމަނާފައިވާންޖެހޭނެ ކަމަށެވެ. އަދި އަފްޣާނިސްތާނަށް ހަމަޖެހުން ގެނައުމުގެ ކަންކަމުގައި އެޤައުމުގެ ސަރުކާރު ނުހިމަނާ ނަތީޖާ ނުނެރެވޭނެކަމަށްވެސް ތަރުޖަމާނު ވަނީ ބުނެފައެވެ.

ޠާލިބާންގެ އޮފިޝަލަކާއި ޙަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ ޠާލިބާނުން މިދިޔަ ހަފުތާގެ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެމެރިކާ އާއެކު މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. މިވާހަކަތަކުން އެއްބަސްވުމެއްގައި ސޮއިކުރުމާ ހަމައަށް އާދެވިއްޖެނަމަ، މިއީ އަފްޣާނިސްތާނުގައި ދިގު މުއްދަތަކަށް ކުރިޔަށްމިދާ ދާޚިލީ ހަނގުރާމަ ނިމުމަކަށް އައިސް ޞުލްޙަ ޤާއިމުވެގެންދާނެ ކަމެކެވެ. އަފްޣާނިސްތާނުގައި މިހާރު ހިނގަމުންދާ ހަނގުރާމައަކީ އެމެރިކާ ބައިވެރިވެގެން މިފަހަކުން ކުރިޔަށްދާ އެންމެ ގިނަ ދުވަސްވީ ހަނގުރާމަ އެވެ.

އަފްޣާނިސްތާންގެ ސީނިއަރ ކޮމާންޑަރެއް ރޮއިޓަރސްއަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް އެމެރިކާ އާއެކު އާދެވުމާއެކު ޠާލިބާނާއި އަފްޣާނިސްތާން ސަރުކާރުން ޖަރުމަނުވިލާތުގައި ބައްދަލުކުރާނެ ކަމަށެވެ. ކުރިން ޠާލިބާނުންވަނީ އަފްޣާނިސްތާން ސަރުކާރާއެކު ވާހަކަ ނުދައްކާނެ ކަމަށާއި އެއީ އެމެރިކާގެ ޕަޕެޓުންކަމަށް ބުނެފަ އެވެ.

އެމެރިކާއެކު ކުރިޔަށްދާ މަޝްވަރާ ވާހަކަތަކާއި ގުޅޭގޮތުން ޠާލިބާނުން ބުނެފައިވަނީ އެމެރިކާއިން ޙަމަލާބަދަލުކުރުމުގެ ކަންކަން ހުއްޓާލުމަށް ތަކުރާރުކޮށް އެދެމުން އަންނަކަމަށާއި ނަމަވެސް ޠާލިބާނުން އެކަމާ އަދި އެއްބަސްވުމަކާ ހަމައަށް ނާންނަކަމަށެވެ.

އެމެރިކާ އާއެކު އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ދުވަހެއް އަދި ނޭނގުނުނަމަވެސް ވަރަށް އަވަހަށް އެއްބަސްވުމަކާ ހަމައަށް އާދެވޭނެކަމަށް ޠާލިބާންގެ ކޮމާންޑަރު ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް