ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 08:50
ވެއްޓުނު ބޯޓުން ފެނުނު ކަޅުފޮށި
ވެއްޓުނު ބޯޓުން ފެނުނު ކަޅުފޮށި
ރޮއިޓަރސް
އިރާނު
ވެއްޓުނު ޔޫކްރެއިން މަތިންދާބޯޓުގެ ކަޅުފޮށި ފޮނުވުމަށް އިރާނުން އެއްބަސްވެއްޖެ
 
މަތިންދާ ބޯޓު ވެއްޓުމުގެ ސަބަބުން އޭގެން ދަތުރުކުރި 176 މީހުން ވަނީ މަރުވެފައި
 
ޔޫކްރެއިންއަށް މި ކަޅު ފޮށި ފޮނުވާނެ ދުވަހެއް އަދި ނޭންގޭ
 
ފްރާންސް އާއި ކެނެޑާ އަދި އެމެރިކާގެ އެކްސްޕާޓުން ކަޅު ފޮށީގައިވާ މައުލޫމާތުތައް ދިރާސާކުރުމަށް ވަނީ ތައްޔާރުވެފައި

އިރާނުން ދިން މިސައިލް ޙަމަލާއެއް އަރައިގެން ވެއްޓުނު ޔޫކްރެއިންގެ ބޯޓުގެ ކަޅުފޮށި ޔޫކްރެއިންއަށް ފޮނުވުމަށް އެޤައުމުން އެއްބަސްވެއްޖެ އެވެ.

އިރާނުގެ މިލިޓަރީން އިރާޤުގައި ހުންނަ އެމެރިކާގެ ދެ އެއަރބޭސް އަކަށް ޢަމާޒުކޮށް ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު މިސައިލް ޙަމަލާތަކެއް ދެމުންގޮސް އެޞަރަޙައްދުން އުދެހެމުން ދިޔަ ޔޫކްރެއިންގެ މަތިންދާ ބޯޓަކަށް ޢަމާޒުކޮށް ވަނީ މިސައިލް ޙަމަލާ ފޮނުވާލާފަ އެވެ. އިރާނުން އެކަމާ ހަވާލުނުވެ އުޅުމަށްފަހު އެންމެފަހުން ވަނީ އެއީ އޮޅިގެންދެވުނު ޙަމަލާއެއް ކަމަށާއި އެޙަލާގެ ކަންކަން ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ތަޙްޤީޤީުކުރަމުންދާ ކަން ހާމަކޮށްފަ އެވެ. އެކަމާއި ގުޅިގެން އިރާނުގެ ތެރޭގައިވެސް ވަނީ އެޤައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކޮށްފަ އެވެ.

އިރާނުގެ ނިއުސް އެޖެންސީއަކުން ރިޕޯޓުކޮށްފައިވަނީ ފްރާންސް އާއި ކެނެޑާ އަދި އެމެރިކާގެ އެކްސްޕާޓުން ކަޅު ފޮށީގައިވާ މަޢުލޫމާތުތައް ދިރާސާކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ނަމަވެސް ޔޫކްރެއިންއަށް މި ކަޅު ފޮށި ފޮނުވާނެ ދުވަހެއް ނިއުސް އެޖެންސީން ހާމޮށްފައެއް ނުވެއެވެ.

އިރާނުގެ ސިވިލްއޭޝިއަން އޯގަނައިޒޭޝަންގެ ޑިރެކްޓަރ އިން ޗަރޖް ހަސަން ރެޒައިފަރު ބުނެފައިވަނީ މީގެ ބޭނުމަކީ ފަންނުވެރިން މެދުވެރިކޮށް ކަޅުފޮށީގައިވާ މަޢުލޫމާތުތައް ދެނެގަތުން ކަމަށެވެ. އެކަން ނުވެއްޖެނަމަ ދެން ކަޅުފޮށި ފޮނުވާނީ ފްރާންސަށް ކަމަށްވެސް ޙަސަން ބުނެފައިވެ އެވެ.

ފްރާންސަކީ ކަޅުފޮށީގައި ރިކޯޑްކުރެވިފައި ހުންނަ ފްލައިޓް އަދި ކޮކްޕިޓްގައި ހިނގާ ކަންކަމުގެ މަޢުލޫމާތު ދެނެގަނެވޭ ދުނިޔޭގެ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. ކަޅުފޮށި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް ޙަސަން ވަނީ ބުނެފަ އެވެ.

މި މަތިންދާ ބޯޓު ވެއްޓުމުގެ ސަބަބުން އޭގެން ދަތުރުކުރި 176 މީހުން ވަނީ މަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް