ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 22:01
ރިޟްވާނަށް އިންސާފް ހޯދައިދިނުމަށް ގޮވާލާ ބޭއްވި ހިގާލުމުގެ ތެރެއިން
ރިޟްވާނަށް އިންސާފް ހޯދައިދިނުމަށް ގޮވާލާ ބޭއްވި ހިގާލުމުގެ ތެރެއިން
އަޝްވާ ފަހީމް
ރިޟްވާން - ޔާމީން
ރިޟްވާނާއި ޔާމީންގެ އާއިލާއިން ރައީސަށް: ކަރުނަފޮދު އޮއްސަވަމުން ވެވަޑައިގެން ވަޢުދުތަކަށް މިވަނީ ކިހިނެއް؟
 
އެއްވެސް ފިޔަވަޅެއް ނޭޅުމަކީ އެކުދިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ފެއިލްވެފައިވާކަން ދައްކުވައިދޭ ހެއްކެއް
 
ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނެއް އުފެއްދުމުން ރައީސް ސޯލިހު ވެވަޑައިގެނެނެވި ވަޢުދު ފުރިހަމަކުރެވުނީކަމަކަށް އާއިލާއިން ނުދެކޭ
 
މިއަދު މިފެންނަނީ އެހިތާމަވެރި ދެ ޙާދިސާވެސް ސިޔާސީ ހަރަކާތެއްގެގޮތުގައި، ވޯޓު ހޯއްދަވަން ވިދާޅުވި ބަސްތަކެއްގެގޮތުގައި ބަދަލުވެގެންދާތަން

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނާއި، ރަހުމްކުޑަގޮތަކަށް މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލޯފުޅުން ކަރުނަފޮދު އޮއްސަވަމުން ވެވަޑައިގެންނެވި ވައުދުތަކަށް ވީ ކިހިނެއްތޯ ސުވާލު އުފައްދާ އެ އާއިލާއިން ރައީސަށް ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފިއެވެ.

މި ސިޓީގައި ބުނެފައިވަނީ ރައީސް ސޯލިހު ދިވެހިރާއްޖޭގެ ވެރިކަމަށް އިސްނަންގަވައިގެން އާއިލާއަށް ވެވަޑައިގެންނެވި ވަޢުދުތަކާއި، ޒަޢާމަތައް އަހަރުދުވަހަށްވުރެ ގިނަވެގެންދިޔައިރުގައި ކަންތައްތައް ހިނގަމުންދާގޮތް ފެނުމުން އާއިލާއަށް ނިކަމެތި ހިތްތަކުގައި ހިނގަމުންދާ ޝުޢޫރުތައް ޙިއްސާކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.

އަދި 8 ސެޕްޓެމްބަރު 2018 ވަނަ ދުވަހުގެރޭ އެތައް ހާސް ދިވެހި ރައްޔިތުންގެ ކުރިމަތީގައި، ދެ ޢާއިލާއާއި މުޅި އުމުރަށް ވަކިކޮށްލާފައިވާ އަޙްމަދު ރިލްވާން އާއި ޔާމީން ރަޝީދުގެ ނަން ވިދާޅުވެ، ލޯފުޅުން ކަރުނަފޮދު އޮއްސަވަމުން ވެވަޑައިގެން ވަޢުދުތަކަށް މިވަނީ ކިހިނެއްތޯ ސުވާލު ކޮށްފައިވެއެވެ. އަދި އެރޭ ވިދާޅުވި ބަސްފުޅުން އާއިލާއަށް ނުހަނު ބޮޑު އުއްމީދެއް ލިބުނެ ކަމަށާއި، ނަމަވެސް މިއަދު މިފެންނަނީ އެހިތާމަވެރި ދެ ޙާދިސާވެސް ސިޔާސީ ހަރަކާތެއްގެގޮތުގައި، ވޯޓު ހޯއްދަވަން ވިދާޅުވި ބަސްތަކެއްގެގޮތުގައި ބަދަލުވެގެންދާތަން ކަމަށް ބުނެފައިވެއެވެ.

މިހެން ދަންނަވަންޖެހޭ އެތަކެއް ސަބަބު އެބަހުއްޓެވެ. ދަންނަވާނަމެވެ. މަނިކުފާނަށާއި ދިވެހި ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނޭ އެއްކަމަކީ، ރިލްވާންއާއި ޔާމީން ރަޝީދުގެ ޝިކާރީންގެތެރޭގައި ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ބަޔަކާއި، ސިޔާސީ ނުފޫޒު އޭގެތެރަށް ވަދެފައި އޮތްކަމެވެ. ސިޔާސީ ނުފޫޒު އޮތްކަން އެނގެނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފުރަތަމަ ދުވަހުން ފެށިގެން އެ ދެކުދިންގެ މައްސަލައިގައިވެސް ޢަމަލުކޮށްފައިވާ ގޮތުންނެވެ،
ރިޟްވާނާއި ޔާމީންގެ އާއިލާ

މީގެ އިތުރުން ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނެއް އުފެއްދުމުން ރައީސް ސޯލިހު ވެވަޑައިގެނެނެވި ވަޢުދު ފުރިހަމަކުރެވުނީކަމަކަށް އެ އާއިލާއިން ނުދެކޭ ކަމަށާއި، ކޮމިޝަން އުފެދުނުފަހުންވެސް އަހަރު ދުވަސް ވެއްޖެކަމަށް މި ސިޓީގައި ވަނީ ބުނެފައެވެ.

އަދި މައްސަލަތައް އޮތް ހިސާބެއް ނޭނގޭކަން ފާހަގަކުރަމުން ސިޓީގައި ބުނެފައިވަނީ އެންމެ ފަހުން ލިބުނު ޚަބަރަކީ، ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައާއި ރިލްވާން ގެއްލުވާލި މައްސަލައާއި ޔާމީން ރަޝީދު މަރާލި މައްސަލައިގައި ޝާމިލުވާ ދެމީހެއްގެ މައްޗަށް ޖިނާއީ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އަރިހަށް ފޮނުވުމުން ތަޙްޤީޤު ހިންގާފައިވާގޮތް ގޯސްވެގެންކަމަށް ބުނެ މައްސަލަތައް އަނބުރާ ފޮނުވާލި ވާހަކަ ކަމަށެވެ. އަދި އެއްވެސް މުއައްސަސާއަކުން އާއިލާއަށްއެއްވެސް ކަމެއް އޮޅުން ފިލުވައެއް ނުދޭ އިރު، މައްސަލަ އޮތީ ކޮން ހިސާބެއްގައިތޯ ސުވާލު އުފައްދާފައިވެއެވެ.

ރިޟްވާން އާއި ޔާމީންގެ މައްސަލަ ވަކިފަރާތަކަށް ނުޖެހި ތަޙްޤީޤުކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރުންނާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރައްވާށެވެ. މީގެ ކުރިންވެސް އެހީ ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި އެތައް ފަރާތްތަކެއް އެބަތިއްބެވެ. ސަރުކާރަކަށް މިކަމެއް ނުވި ނޫންތޯއެވެ؟ ރިލްވާންއަށް ފާރަލީ ދެ ފުލުހަކު ކަމަށް މަރު ކޮމިޝަނުން ވިދާޅުވީނަމަވެސް އެކަމާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަކީ އެކުދިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ފެއިލްވެފައިވާކަން ދައްކުވައިދޭ ހެއްކެކެވެ. އިންސާފެއްވެސް، ޖަވާބުދާރީކުރުމެއްވެސް ނެތެވެ،
ރިޟްވާނާއި ޔާމީންގެ އާއިލާ

މީގެއިތުރުން ދެ އާއިލާއަށް އިންސާފު ހޯދައިދީ މި ނުބައި އަމަލުތަކުގައި ބައިވެރިވީ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް އަޑުއުފުލި ޖަމިއްޔާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް އުވާލިކަން ވެސް މި ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ބަޔަކާއި ސިޔާސީބަޔަކު ދިން ޕްރެޝަރުގެ ސަބަބުން، އާއިލާއިން ވަނީ އިތުރަށް ނިކަމެތިވެފައިކަމަށާއި، ދިވެހިރާއްޖޭގައި ދީނީގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ހުއްޓުވަން ކުރެވުނީ ކޮން ކަމެއްކަން ރައްޔިތުންނަށް ސާފުކޮށް އަންގައިދޭންޖެހޭ ކަމަށް މި ސިޓީގައި ވަނީ ގޮވާލާފައެވެ. އަދި ސަބަބަކީ އެކަމުގެ ޝިކާރައަކަށް ވެގެންދަނީ ނިކަމެތި ދަރީންކަމަށްވާތީ ކަމަށް ބުނެފައިވެއެވެ.

ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާނުގެ މަންމަ

އަދި ދާދި ފަހުން މީހުންނަށް މަރުގެ އިންޒާރުދިން ބަޔަކު ހައްޔަރުކުރިކަން ފުލުސް އޮފީހުން ސޯޝަލް މީޑިއާގައި ހާމަކުރިނަމަވެސް އެބަޔަކު ދޫކޮށްލިކަން ހާމަނުކުރީ ކިހިނެއްވެގެންތޯ ސުވާލު އުފައްދާ ކެނޑިނޭޅި ފިތުނަ އުފައްދާ، މުޖުތަމަޢު ފަސާދަކޮށް، އަނިޔާވެރިކަމަށް ގޮވަމުންދާ "ޢިލްމުވެރިން" ނާ ދޭތެރޭ ފިޔަވަޅު އަޅަން ކެރިވަޑައިނުގަންނަވަނީ ކީއްވެގެންތޯ ވެސް ވަނީ ސުވާލު އުފައްދާފައެވެ.

ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަކީ ތެދުވެރި ސިފައެއް ނޫނެވެ. އެއީ އަނިޔާވެރިންގެ ސިފައެކެވެ. ރިލްވާން ގެއްލުވާލީ ފަހުން 6 ވަނަ އަހަރަށް އެޅުނީއެވެ. ޔާމީން ރަޝީދު މަރާލިފަހުން 3 އަހަރަށް އެޅުނީއެވެ. މި ދުނިޔެމައްޗަށް އިރުއަރާ ކޮންމެ ދުވަހަކީ އަޅުގަނޑުމެންގެ ދެ އާއިލާއަށް ވޭނުން ފުރިފައިވާ ދުވަހެކެވެ. ވީމާ މަނިކުފާނުއެވެ. ތިޔަ ކުރެއްވި ވަޢުދު ފުއްދުމުގެ ތަނަވަސްކަން ނެތްނަމަ އެކަން ސާފުކޮށް ވިދާޅުވެދެއްވާ، އާދޭހާއެކު މި ދަންނަވަނީ ދޮގު އުއްމީދެއްގެ ފަހަތުން އަޅުގަނޑުމެން ދުއްވަން ނުހައްދަވާށެވެ،
ރިޟްވާނާއި ޔާމީންގެ އާއިލާ

މި ސިޓީއާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސަށް ސިޓީ އަންނަ ކަމަށާއި، ކަނޑައެޅިގެން އެ އާއިލާއިން ފޮނުވި ސިޓީ ލިބުނު ކަމެއް އަދި ދަންނަވަން ނޭނގޭ ކަމަށާއި، އެކަން ޔަގީން ކޮށްދެވޭނީ އާދީއްތަ ދުވަހު އޮފީސް ހުޅުވުމުން ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
25%
0%
0%
25%
0%
50%
ކޮމެންޓް