ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 21:45
ޝީ ޖިންގްޕިންގް
ޝީ ޖިންގްޕިންގް
ވޮޝިންގްޓަން ޓައިމްސް
ޫޝީ ޖިންޕިންގް
ހޮންކޮންގް މުޒާހަރާތަކުން ޝީ ޖިންގްޕިންގްގެ ސަރުކާރަށް ގޮންޖެހުންތަކެއް
 
ޗައިނާއިން އޮތީ ދޫދޭ ގޮތަކަށް ނޫނެ

މިދިޔަ އަހަރުގެ އެޕްރީލް މަހު ހޮންކޮންގް ގެ ގާނޫނު ހަދާ މަޖިލީހަށް ފޮނުވި އެކްސްޓްރެޑިޝަން ބިލުގެ މައްސަލަ ހޫނުވެ، ޖޫން މަހު އެގައުމުގެ މަގުތަކަށް މީހުން ނިކުތީއްސުރެ ހޮންކޮންގްގެ މަސްރަހު އޮތީ ނާޒުކުކޮށެވެ.

ޗައިނާގެ ބާރު ހިނގިނަމަވެސް، ވަކި އިގްތިސާދީ އަދި ޖުޑީޝަލް ނިޒާމެއް އޮންނަ ހޮންކޮންގްގެ ރައްޔިތުން ނިކުތީ އެބިލާއި ދެކޮޅަށް ނަމަވެސް، ފަހުން މުޒާހަރާތައް ވީ ހޮންކޮންގް ސަރުކާރާއި އެގައުމުގެ ސަރުކާރުގެ މައްޗަށް އޮންނަ ޗައިނާގެ ނުފޫޒާއި ދެކޮޅު މުޒާހަރާތަކަކަށެވެ. މުޒާހަރާތައް ހޫނުވެ، ފުލުހުންނާއި އާއްމުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކަކީ އިނގިރޭސީންގެ އަތްދަށުން 1997 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ހޮންކޮންގްގެ މަގުތަކުން ފެނުނު މަންޒަރު ތަކެއް ނޫނެވެ.

1997 ވަނަ އަހަރާއި ހަމަޔަށް ހޮންކޮންގް އޮތީ އިނގިރޭސި އިސްތިއުމާރީ ބާރުގެ ދަށުގައެވެ. ބައެއްކަހަލަ މިނިވަންކަމާއިއެކު، ޗައިނާގެ އަތް ދަށަށް ހޮންކޮންގް ދޫކޮށްލިނަމަވެސް، ކުރިން ދެންނެވިހެން އެގައުމުގެ އިގްތިސާދީ އަދި އަދުލުއިންސާފުގެ ނިޒާމް އޮންނަނީ ޗައިނާގެ ނިޒާމާއި ތަފާތުކޮށެވެ. އިނގިރޭސީން ހޮންކޮންގް ދޫކޮށްލުމުގެ އެއްބަސްވުމުގެ ދަށުން 2047 ވަނަ އަހަރާއި ހަމަޔަށް ހޮންކޮންގްގައި ހިނގާނީ އެއުސޫލެވެ. އޭގެ ފަހުން ވާނެ ގޮތެއް އަދި ނޭނގެއެވެ.

ހޮންކޮންގްގެ ރައްޔިތުން ފުރިހަމަ މިނިވަންކަން ބޭނުންވާއިރު، ޗައިނާއިން އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. މިފަހަރުވެސް ޖެހުނީ އެފަދަ މައްސަލައެކެވެ. އެކްސްޓްރަޑިޝަންގެ ބިލާއިއެކު މިނިވަންކަމަށް ތާއީދުކުރާ ހޮންކޮންގް ރައްޔިތުންނަށް އެކަން ބަލައިގަނެވުނީ އެގައުމުގެ އަދުލު އިންސާފުގެ ނިޒާމަށް އަތްގަދަކުރުމަށް ޗައިނާއިން ކުރާ ކަމެއްގެ ގޮތަށެވެ. މައްސަލަ ގޯސްވެ، މަގުތަކަށް މީހުން ނުކުތް ސަބަބަކީ އެއީއެވެ.

ހޮންގކޮންގ ގައި ކުރި މުޒާހަރާގެ ތެރެއިން

ޑިމޮކްރަސީއެއް އޮންނަ ހޮންކޮންގް ރައްޔިތުން ގަބޫލުކުރި ގޮތުގައި އެބިލް ގާނޫނަކަށް ވެއްޖެނަމަ، މިނިވަން ފިކުރުގެ އަދި ޑިމޮކްރެޓިކް އެކްޓިވިސްޓުންނަށް އެގާނޫނުން ޓާގެޓްކޮށް، ޗައިނާއިން ބޭނުން ގޮތަކަށް އެމީހުންނާއިމެދު އަމަލުކުރެވޭނެއެވެ.

ބިލްގެ މައްސަލައިގައި ކުރި މުޒާހަރާތައް ހޫނުވެ، ބޮޑެތި ގެއްލުންތަކެއްވީފަހުން ބިލް އަނބުރާ ގެންދަން ހޮންކޮންގްގެ އެންމެ އިސްވެރިޔާ ކެރީ ލޭމް ނިންމެވިއެވެ. އެހެންނަމަވެސް އެފިވަޅު އެޅުމުގައި ލަސްތަކެއްވުމާއި، މުޅި މައްސަލައިގައި ޗައިނާގެ ނުފޫޒު އޮތް މިންވަރުން މުޒާހަރާކުރާ މީހުން ގެއަށް ވަންނާކަށް ބޭނުމެއް ނުވިއެވެ. ކޮމިއުނިސްޓް ޕާޓީގެ ނުފޫޒު އެގައުމަށް ވަނަ ނުދޭން ހޮންކޮންގްގެ ޒުވާނުން އަދިވެސް އެނިކުންނަނީއެވެ. މިކަން ވެގެންދާނީ ޗައިނާގެ ރައީސް ޝީ އަށާއި އެގައުމުގެ ކޮމިއުނިސްޓް ޕާޓީއަށް ބޮޑި ޗެލެންޖަކަށެވެ.

2047 ވަނަ އަހަރު އަންނަ އިރު ހޮންކޮންގަކީ ޗައިނާގެ ބަޔަކަށް ހަދަން ކޮމިއުނިސްޓް ޕާޓީއިން ބޭނުންވާއިރު، ޗައިނާގެ ފިކުރު ހޮންކޮންގައި ފެތުރުމަކީ ދަތިކަމަކަށްވަނީ ވެފައެވެ. މުޒާހަރާތަކަށް ޑިމޮކްރަސީއަށް ތާއީދުކުރާ ގައުމުތަކުން ގެންދަނީ ތާއީދުކުރަމުންނެވެ. އެހެންކަމުން މިކަން ވެގެންދާނީ ޗައިނާއަށާއި ކޮމިއުނިސްޓް ޕާޓީއަށް އުނދަގުލަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް