ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 21:49
ކަޖެންދްރަ ތާޕާ- ދުނިޔޭގެ އެންމެ ކުރު މީހާގެ ރިކޯޑް ލިބުނީ އޭނާގެ 18 ވަނަ އުފަންދުވަހު
ކަޖެންދްރަ ތާޕާ- ދުނިޔޭގެ އެންމެ ކުރު މީހާގެ ރިކޯޑް ލިބުނީ އޭނާގެ 18 ވަނަ އުފަންދުވަހު
އަލްޖަޒީރާ
ނޭޕާލް
އުމުރުން އެންމެ 27 އަހަރުގައި ދުނިޔޭގެ އެންމެ ކުރު މީހާ މަރުވެއްޖެ
 
މިހާރު އެންމެ ކުރު މީހާގެ ރިކޯޑް ލިބެނީ ކޮލޮމްބިއާގެ އެޑްވާޑް ނީނޯ ހާންޑޭޒް އަށް
 
ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދީ 2010 ވަނަ އަހަރު އޭނާގެ 18 ވަނަ އުފަންދުވަހާ ދިމާކޮށް
 
ހުކުރު ދުވަހު އޭނާ މަރުވެފައިވަނީ ނޭޕާލްގެ ހޮސްޕިޓަލްގައި ނިޔުމޯނިއާ އަށް ފަރުވާ ދެމުން ދަނިކޮށް

ދުނިޔޭގެ އެންމެ ކުރު މީހާގެ ގޮތުގައި ރިކޯޑް ފޮތުން ޖާގަ ހޯދާފައިވާ ނޭޕާލްގެ ކަޖެންދްރަ ތާޕާ އުމުރުން 27 އަހަރުގައި މަރުވެއްޖެ އެވެ.

ހުކުރު ދުވަހު އޭނާ މަރުވެފައިވަނީ ނޭޕާލްގެ ހޮސްޕިޓަލްގައި ނިޔުމޯނިއާ އަށް ފަރުވާ ދެމުން ދަނިކޮށެވެ. ކަޖެންދްރަ އަކީ ހިނގާ ބިގާވެ އުޅެވޭ އެންމެ ކުރު މީހާގެ ގޮތުގައި ރިކޯޑް ފޮތުން ޖާގަ ހޯދާފައިވާ މީހާއެވެ. އޭނާގެ އިސްކޮޅުގައި ހުންނަނީ 67.08 ސެންޓިމީޓަރު ނުވަތަ ދެ ފޫޓެވެ.

ކަޖެންދްރަގެ ބޭބެ އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ ނިޔުމޯނިއާ ޖެހުމުގެ ސަބަބުން ކަޖެންދްރަ ވަނީ އެކި ފަހަރު މަތިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ކަމަށެވެ. ނަމަވެސް މިފަހަރު އޭނާގެ ހިތަށްވެސް ނިޔުމޯނިއާގެ އަސަރުކޮށްފައިވާކަމަށް އޭނާގެ ބޭބެ ވަނީ ބުނެފަ އެވެ.

ދުނިޔޭގެ އެންމެ ކުރު މީހާގެ ގޮތުގައި ކަޖެންދްރަ ވަނީ ދުނިޔޭގެ އެތައް ގައުމަކަށް ޒިޔާރަތްކޮށްފައި

ކަޖެންދްރަ އެންމެ ފުރަތަމަ ދުނިޔޭގެ އެންމެ ކުރު މީހާގެ ގޮތުގައި ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދީ 2010 ވަނަ އަހަރު އޭނާގެ 18 ވަނަ އުފަންދުވަހާ ދިމާކޮށެވެ. ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަހޯދާފައިވާ ކަން އިއުލާންކޮށް އޭނާ އަށް ދިން ސެޓްފިކެޓް ހިފަހައްޓައިގެން ހުރި ފޮޓޯގައި އެސެޓްފިކެޓް އޭނާއަށް ވުރެ ކުޑައީ ކުޑަތަންކޮޅެކެވެ.

އޭގެފަހުން އޭނާ އަތުން އެ ރިކޯޑް ގެއްލުނެވެ. އެއީ އިސްކޮޅުގައި 54.6 ސެންޓިމީޓަރު ހުރި ނޭޕާލްގެ އެހެން މީހެއްކަމުގައިވާ ޗަންދްރާ ބަހާދްރް ޑޭންގީ އަށް އެރިކޯޑް ލިބުމުންނެވެ. ނަމަވެސް ޑޭންގީ 2015 ވަނަ އަހަރު މަރުވުމާއެކު އަނެއްކާވެސް ކަޖެންދްރަ އަށް އެރިކޯޑް ލިބުނެވެ.

ކަޖެންދްރަގެ ބައްޕަ އާއި ހަވާލާދީ ދުނިޔޭގެ ރިކޯޑް ފޮތުގައިވަނީ އޭނާ އުފަންވިއިރު ކުޑަކަމުން އަތްތިލަ އަށް އޭނާ ރަނގަޅަށް ފިޓްވެއެވެ. އަދި އޭނާ ފެންވެރުވުމަކީ އެންމެ އުނދަގޫ ކަންތައްކަމަށްވެސް ކަޖެންދްރަގެ ބައްޕަ ބުނެފައިވެ އެވެ.

ދުނިޔޭގެ އެންމެ ކުރު މީހާގެ ރިކޯޑާއެކު ކަޖެންދްރަ ވަނީ ދުނިޔޭގެ އެތައް ގައުމަކަށް ޒިޔާރަތްކޮށްފަ އެވެ. އަދި ޔޫރަޕާއި އެމެރިކާގެ ޓީވީ ޝޯވް ތަކުން އޭނާ ވަނީ ޖާގަހޯދާފަ އެވެ.

ކަޖެންދްރަގެ ވަކިދިޔުމާއެކު ދުނިޔޭގެ ރިކޯޑް ފޮތުގެ އެޑިޓަރ އިން ޗީފް ކްރެއިގް ގްލެންޑޭ ވަނީ އެކަމުގެ ހިތާމަ ފާޅުކޮށްފަ އެވެ. އަދި ކަޖެންދްރަ އަކީ އޭނާގެ އިސްކޮޅާއި ހެދި ދިރިއުޅުމުގެ ކަންކަމުން މަހުރޫމްވެގެން ހުރުމަށް ޖާގަދިން މީހެއް ނޫންކަމަށް ކްރެއިގް ވަނީ ބުނެފަ އެވެ. އެންމެ ހަ ކިލޯ ގައިގައި ހުރުމުގެ ސަބަބުން ދުނިޔޭގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށްވެސް ކްރެއިގް ވަނީ ބުނެފަ އެވެ.

އަނެއްކޮޅުން ނޭޕާލްގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެގައުމުން ކުރިޔަށް ގެންދިޔަ ކެމްޕެއިން ތެރޭގައި އެގައުމުން ވަނީ ކަޖެންދްރަ ފީޗަރކޮށްގެން ގެނެސްދީފަ އެވެ. އެގޮތުން ދުނިޔޭގެ އެންމެ އުސްފަރުބަދަ - މައުންޓް އެވަރެސްޓަކީ ދުނިޔޭގެ އެންމެ ކުރު މީހާގެ ގެކަމަށް މިކެމްޕެއިން ތެރޭގައި ވަނީ ދައްކުވައިދީފަ އެވެ.

ނޭޕާލްގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކަޖަންދްރަ ވަނީ އިސްރޯލެއް އަދާކޮށްފައި

ކަޖެންދްރަ ދުނިޔޭގެ ގައުމުތަކަށް ދަތުރުކުރަމުންދިޔަ އިރު ވަނީ ދުނިޔޭގައި އުޅޭ ކުރު އެހެން މީހުންނާވެސް ބައްދަލުކޮށްފަ އެވެ. އެގޮތުން ދުނިޔޭގައި ހުރި އެންމެ ކުރު އަންހެން މީހާކަމުގައިވާ އިންޑިޔާގެ ޖޯތީ އާވެސް ކަޖެންދްރަ ވަނީ ބައްދަލުކޮށްފަ އެވެ.

މީގެއިތުުރުން ދުނިޔޭގެ ރިކޯޑް ފޮތުން ނެރުނު ވީޑިއޯއެއްގައި ކަޖެންދްރަ އޭނާގެ ބޭބެ އާއެކު ގިޓާ ކުޅޭ ތަނާއި ބައިސްކަލް ދުއްވާ ތަނާއި އޭނާގެ އާއިލާގެ ފިހާރައެއްގައި އިށީންދެގެން އިންނަ މަންޒަރު ފެނެއެވެ.

ދުނިޔޭގެ އެންމެ ކުރު މީހުންގެ ތެރެއިން ހިނބާ ބިގާވެ ނޫޅޭ މީހާގެ ރިކޯޑް އޮތީ ފިލިޕީންސްގެ ޖުންރޭ ބަލްވިން އަތުގަ އެވެ. އޭނާ ގައިގައި ހުންނަނީ 59.93 ސެންޓިމީޓަރެވެ. އޭނާއަށް އެއްވެސް ވަރަކަށް ކޮޅަށްވެސް އަދި ހިނގާބިގާވެސް ނޫޅެވެ އެވެ.

ކަޖެންދްރަ މަރުވުމުން މިހާރު ދުނިޔޭގައި ހުރި އެންމެ ކުރު މީހާގެ ރިކޯޑް ލިބެނީ ކޮލޮމްބިއާގެ އެޑްވާޑް ނީނޯ ހާންޑޭޒް އަށެވެ. އޭނާގެ ގައިގައި ހުންނަނީ 70.21 ސެންޓިމީޓަރެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
20%
0%
60%
20%
0%
0%
ކޮމެންޓް