ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 13:24
ރައީސް ސޯލިހުގެ އަރިހުގައި، ޖީއެމްއައިޒެޑްއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދު
ރައީސް ސޯލިހުގެ އަރިހުގައި، ޖީއެމްއައިޒެޑްއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދު
ރައީސް އޮފީސް
ޖީއެމްއައިޒެޑްއެލް
ތިލަފުށި ފަޅުގައި އޮތް ބޯޓު ނެގީ 165 މިލިއަން ޑޮލަރު އަބުރާ ނަގާނެކަމުގެ އިންޒާރު ދިނުމުން: އިބޫ
 
ބައެއް މަޝްރޫއުތައް ހުއްޓާލަން ޖެހުނު
 
މަސައްކަތް ކުރާ މީހުންނަށް އުދަނގޫތަކާ ކުރިމަތިލާން ޖެހުނު
 
ބިން ގިރުމުގެ މައްސަލަ ކުރިމަތިވި

ކ.ތިލަފުށި ފަޅުގައި އޮތް އެމްވީ ސީހޯމް ސަފަޔަރ ކިޔާ ބޯޓު އެތަނުން ނެގީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން އެހީގެ ގޮތުގައި ދީފައިވާ 165 މިލިއަން ޑޮލަރު އަނބުރާ ނަގާނެކަމުގެ އިންޒާރު ދިނުމުން ކަމަށް މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދު (އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ އެބޯޓުގެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދިޔަ ކަމަށެވެ.

އެގޮތުން ތިލަފުށީގައި މަސައްކަތް ކުރާ މީހުންނަށް އެތައް އުދަނގުލެއްވަމުންދިޔަ ކަމަށާއި، ތިލަފުށީގެ ބިން ގިރަމުންދިއުމުގެ އިތުރުން އެތައް މައްސަލަތަކެއް ކުރިމަތިވި ކަމަށެވެ. އަދި ތިލަފުށީގައި ހިނގަމުންދިޔަ ބައެއް މަޝްރޫޢުތައް ހުއްޓާލަންޖެހުނު ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެބޯޓު ނެގުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔައީ އުޞޫލުގެ ތެރެއިން ކަމަށާއި، އެމަސައްކަތް ކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ހުށަހެޅި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލުމަށްފަހު، ކޮރަޕްޝަން އެކުލެވިފައިނުވާ ކަމަށް ކަނޑައަޅާ ނިންމާފައިވާ ކަމަށެވެ.

ނަގަން ވެގެން އޭގެ ވެރިއަކު ހޯދުމަށް އެތަނުގައި އިއުލާނު ބެހެއްޓުނު. އެކަމަކު ވެރިއަކު ނުވި. ދެން ކޯޓަށް މައްސަލަ ހުށަހެޅުނު. މިމިތަނުން ނެގުމުގެ ހުއްދައަކަށް އެދި. ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން އިއުލާން ކުރި އޭގެ ވެރިއަކު ހޯދަން. ތަކުރާރުކޮށް އިއުލާންކުރި. ފަހުން އެއްފަރާތަކުން އޭގެ ތެރެއަށް ވަނުމަށް މަސައްކަތްކުރި. ކޯޓު ބެލިބެލުން އެފަރާތުން ނެތް އެއްޗެއްގެ ގޮތުގައި ނިންމާ ހުކުމްކޮށް، ހުކުމް ނެރެދެއްވީ.
ޖީއެމްއައިޒެޑްއެލްގެ މެނޭޖިންގ ޑިރެކްޓަރ ރަޝީދު

ވިއެޓްނާމުގައި ރަޖިސްޓްރީކޮށްފައިވާ އެމްވީ ސީހޯމް ސަފަޔަރ ކިޔާ ބޯޓު ތިލަފުށި ފަޅުގައި އޮތީ 30 ޖުލައި 2012 އިން ފެށިގެންނެވެ.

އިބޫ ވިދާޅުވީ ކޯޓުގެ ޙުކުމާއެކު މަސައްކަތްތައް ކުރިއަށް ގެންދިޔައީ ފިނޭންސް މިނިސްޓްރީގެ އިރުޝާދާއެކު ކަމަށާއި، ޖީއެމްއައިޒެޑްއެލް ކުންފުންޏަށް އެބޯޓުން ކުރެވޭނެ މަސައްކަތެއް ނެތުމުން އެބޯޓު ނެގުމަށް އިއުތިރާޟެއް ނެތްކަމަށް ފިނޭންސް މިނިސްޓްރީން ވެސް އެންގި ކަމަށެވެ. އެހެންކަމުން ޤާނޫނީ ވަކީލުންގެ ލަފައާ އިރުޝާދުގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށް އިބޫ ވިދާޅުވިއެވެ.

މިޞަރަޙައްދުގެ ކުނީގެ މައްސަލަ ޙައްލުކުރުމަށް އޭޑީބީން ދީފައިވާ އެހީއަށް އަލިއަޅުއްވާލައްވާ އިބޫ ވިދާޅުވީ ބާޖު އަދި ބޯޓު އަވަހަށް ނުނަގައިފިނަމަ، އޭޑީބީން ހަމަޖެހިފައި އޮތް ފަންޑު 165 މިލިއަން ޑޮލަރު އަނބުރާ ގެންދާނެ ކަމުގެ އިންޒާރު އެންވަޔަރަންމަންޓް މިނިސްޓްރީންއަށް ދީފައިވާ ކަމަށް އެމިނިސްޓްރީން އެންގި ކަމަށެވެ. މިނިސްޓްރީގެ މިއެންގުމާއެކު ބޯޓާއި ބާޖު ނެގީ ކަމަށް އިބޫ ވިދާޅުވިއެވެ. އިބޫ ވިދާޅުވީ ބޯޓު ނުނެގިނަމަ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ދައުލަތައް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ މަސައްކަތްތައް ކުރިއަށް ގެންދަނީ ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތަށް ކަމަށެވެ. އަދި 2020 ވަނަ އަހަރު ބޮޑެތި ބަދަލުތަކެއް ތިލަފުއްޓަށް އަންނާނެ ކަމަށާއި، މަސައްކަތްތެރިންނާއި، ވިޔަފާރިވެރިންނަށް ފަސޭހަތަކާއި ފައިދާތައް ފެންނާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
88%
0%
13%
0%
0%
ކޮމެންޓް