ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 13:28
ބައްދަލުކުރެއްވުމުގެ ތެރެއިން
ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ކުޑަކުއްޖާގެ މައްސަލަ
ކުޑަކުއްޖާގެ މައްސަލަ: ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމަށް ރައީސް އެދިވަޑައިގެންފި
 
މި މައްސަލާގައި ކުއްޖާގެ ބައްޕަ، ކާފަގެ އިތުރުން މުނިކާފަ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ
 
ބައްދަލުކުރައްވާފައިވަނީ ޖެންޑަރ މިނިސްޓްރީއާ، ޕީޖީ އަދި ފުލުހުންގެ އިތުުރުން އެ މައްސަލަ އާއި ގުޅުން ހުރި މުއައްސަސާތަކާއި
 
ބައްދަލުވުން ބާއްވަފައިވަނީ ހުކުރު ދުވަހުގު ރޭ

ގއ. ކަނޑުހުޅުދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި, ކުށްވެރިންނަށް ޙައްޤު ޢަދަބު ދިނުމަށް ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެދިވަޑައިގެންފިއެވެ.

ދެކުނުގެ ރަށެއްގައި ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން ރައީސް ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވަނީ .ހުކުރު ދުވަހުގު ރޭ ރައީސް އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޝިދާތާ ޝަރީފާއި، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި މި ޙާދިސާއާ ގުޅިގެން އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރައްވާާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. މީގެ އިތުރުންވެސް އަނިޔާ ލިބިފައިވާ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިންނަށް ޙައްޤު ޢަދަބު ދިނުމަށް މި މައްސަލަ ވީހާވެސް ރަނގަޅަށް ބައްލަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.

މި މައްސަލާގައި ކުއްޖާގެ ބައްޕަ، ކާފަގެ އިތުރުން މުނިކާފަ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި މިނިސްޓްރީއާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފުގެ އިސްތިޢުފާއަށް ޢާންމުން ގޮވާލާފައިވާއިރު، ހުޅުމާލޭގެ އިތުރުން މާލޭގައި ޢާންމުން ވަނީ އިހުތިޖާޖުކޮށްފައެވެ. ހުޅުމާލޭގެ އިހުތިޖާޖުގެ ތެރެއިން ފުލުހުން ވަނީ ޖުމުލަ 27 މީހުން ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 19 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
14%
86%
0%
0%
0%
ކޮމެންޓް