ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 08:38
މޯލްޑިވްސް ޕޮލިސް ސަރވިސް
މޯލްޑިވްސް ޕޮލިސް ސަރވިސް
ގޫގުލް
ފުލުހުން
ކުޑަކުއްޖާ މިހާރު ވަނީ މާލެ ގެނެވި ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައި: ފުލުހުން
 
ތުހުމަތު ކުރެވޭ ތިން މީހުންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި
 
ރިޕޯޓު ލިބުނު ދުވަހުގެ 1930 ހާއިރު ކުއްޖާ ދިރިއުޅެމުން ދިޔަ މާޙައުލަށް މިނިސްޓްރީއާއި ފުލުހުން ގޮސް މަޢުލޫމާތު ސާފުކުރި
 
ރިޕޯޓު ލިބިފައިވަނީ ބުދަ ދުވަހުގެ ހަވީރު 1630 ހާއިރު

ގއ. ކަނޑުހުޅުދޫގައި ޖިންސީ އަނިޔާލިބުނު 2 އަހަރުގެ ކުޑަކުއްޖާ މިހާރު ވަނީ މާލެ ގެނެވި ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފަ ކަމަށް ފުލުހުން ބުނެފިއެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކާމެދު އިތުބާރުކުރެވޭ މަޤާމެއްގައި ތިބި ބަޔަކު ޖިންސީ ގޯނާ ކުރިކަމަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުއްޖާ މާލެ ގެނެވުނީ ކުއްޖާގެ ބޮޑުދައިތަގެ ބެލުމުގެ ދަށުން ހުކުރު ދުވަހުގެ ރޭ ކަމަށެވެ.

މީގެއިތުރުން ފުލުހުންގެ ބަޔާނުގައި ވަނީ އެއް ޢާއިލާއަކަށް ނިޞްބަތްވާ ތިން މީހަކު ހިމެނޭ ގޮތަށް ދެ އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި، އަނިޔާ ލިބުނު ކުޑަ އަންހެން ކުއްޖާއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް މަޢުލޫމާތު ލިބިފައިވަނީ ބުދަ ދުވަހުގެ ހަވީރު 1630 ހާއިރު ކަމަށެވެ.

އެގޮތުން ފުލުހުންނަށް ހުށަހެޅުނު މައްސަލައިގައި ވަނީ ކުއްޖާގެ ބައްޕަ ފަރާތު ކާފަ (62 އ) ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭތީއާއި، ކުއްޖާގެ މުނިކާފަ (82އ) އަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރިކޯޑު އޮންނަ މީހަކަށްވާތީއާއި، ކުއްޖާގެ މައިންބަފައިންނަކީ ކުށުގެ ރިކޯޑު އޮންނަ ބަޔަކަށްވާތީއާއި، އަދި ކުއްޖާގެ މަންމަގެ ޙާލު ދެރަވެގެން ޑަކުޓަރަށް ދެއްކުމަށް ރަށުން ބޭރަށް ދަތުރުކޮށްފައިވާތީ، މި ވަގުތު ކުއްޖާ ދިރިއުޅެމުން އަންނަ މާޙައުލަކީ ކުއްޖާއަށް ރައްކާތެރި މާޙައުލަކަށް ނުވާތީ، ކުއްޖާގެ މަންމަ ފަރާތުގެ ޢާއިލާއިން ކުއްޖާ މަންމައާ ޙަވާލުކުރުމަށް މަސައްކަތްކުރުމުން، ކުއްޖާގެ ބައްޕަ (33އ) އެކަމަށް ހުރަސްއަޅައި ކުއްޖާ ނުދިން މައްސަލައިގެ ގޮތުގައި ކަމަށެވެ.

މި މައްސަލަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސަމާލުކަމަށް އައުމާއެކު، ހަމަ އެ ދުވަހުގެ 1930 ހާއިރު ކުއްޖާ ދިރިއުޅެމުން ދިޔަ މާޙައުލަށް މިނިސްޓްރީގެ ކޭސް ވޯކަރުންނާއި ފުލުހުން ގޮސް މަޢުލޫމާތު ސާފުކުރި ކަމަށެވެ. އަދި ކުއްޖާގެ މެޑިކަލް އެސެސްމެންޓް ހެދުމަށްޓަކައި އެރޭގެ 2045 ހާއިރު އެ ކުއްޖާ މިނިސްޓްރީގެ ކޭސް ވަރކަރުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ. ފުލުހުން ބުނީ އެރޭގެ 22:55 ހާއިރު ކުއްޖާ ޞަރަޙައްދީ ހޮސްޕިޓަލަށް ގެންދެވުނެ ކަމަށާއި ކުއްޖާ ޑޮކްޓަރަށް ދައްކައި ބެލިބެލުމުން ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަމަށް ބެލެވޭތީ ކުއްޖާ ރައްކާތެރި މާޙައުލަކަށް ބަދަލުކުރުމަށްޓަކައި ކުއްޖާ ޢާއިލާގެ ފަރާތުން ބޮޑުދައިތައާ ވަގުތީ ގޮތުން ޙަވާލުކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ކުއްޖާގެ ބޮޑުދައިތައަށް ގިނަ ދުވަސްތަކެއް ވަންދެން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާއާ ޙަވާލުވުމުގައި ދަތިތަކެއް ހުރުމާއެކު، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ޙަވާލުކުރުން އެންމެ ރަނގަޅު ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ކުއްޖާގެ މާމަކަމަށެވެ. އެގޮތުން މާމާއާ ކުއްޖާ ޙަވާލުކުރުމަށާއި، ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ، ކުއްޖާއަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ވަޒަންކުރުމަށްޓަކައި ހުކުރު ދުވަހުގެ ރޭ 2030 ހާއިރު ކުއްޖާގެ މަންމަ ފަރާތު ބޮޑުދައިތައެއްގެ ޙަވާލުގައި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުއްޖާ މާލެ ގެނެވި ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށާއި، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ފުލުހުންގެ ތަޙުޤީޤް ޓީމެއް 16 ޖެނުއަރީގެ ހެނދުނު ކުއްޖާ ދިރިއުޅޭ ރަށަށް ދިޔުމަށްފަހު ކަމާ ގުޅޭ ފަރާތްތަކާ ސުވާލުކޮށް ހެއްކާއި ޤަރީނާ އެއްކުރުމަށްފަހު 17 ޖެނުއަރީގެ ހެނދުނުގެ ވަގުތެއްގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރުމަށް ކޯޓު އަމުރަށް އެދި ހުށަހެޅުނު ކަމަށެވެ. އަދި އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކޯޓު ޢަމުރު ނެރުމުން މެންދުރުފަހުގެ 1500އާއި 1525 ދެމެދު މި މައްސަލައިގައި ތުހުމަތުކުރެވޭ ބައްޕަ ފަރާތު ކާފައާއި ކުއްޖާގެ މުނިކާފަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ. އަދި އިތުރަށް ސާފުކުރަން ޖެހޭ މަޢުލޫމާތު ސާފުކުރުމަށްފަހު ކުއްޖާގެ ބައްޕަ 17 ޖެނުއަރީގެ 1930 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި މިނިސްޓްރީއާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
75%
0%
25%
0%
0%
ކޮމެންޓް