ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 14:02
މުފްތީ މެންކް އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ދެއްވަނީ
މުފްތީ މެންކް އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ދެއްވަނީ
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
ޙަރާމް ގޮތުގައި ހޯދާ އުފަލަކީ ވަގުތީ އެއްޗެއް: މުފްތީ މެންކް
 
ޤާރޫނުގެ ދިރިއުޅުމުން މިސާލު ޖައްސަވާފައިވޭ
 
ދީނުގައި މަނާ ކަންކަން ކުރާނަމަ އެކަމުގެ ބަދަލު ލިބޭނީ ހަމައެކަނި އާޚިރަތުގައެއް ނޫން
 
ޚުތުބާ ދެއްވާފައިވަނީ ޙަލާލު ތަކެތި ބޭނުން ކުރުމާއި ގުޅޭގޮތުން

ދީނުގައި މަނާކުރައްވާފައިވާ ޙަރާމް ކަންކަން ކޮށްގެން ލިބިގަންނަ އުފަލަކީ ވަގުތީ ކަމެއް ކަމަށާއި، އެ އުފަލާއި ހިތްހަމަޖެހުން ދިގުދެމިގެން ނުދާނެ ކަމަށް ޒިމްބާބްވޭގެ ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުކުރު ދުވަހު ވަނީ އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ދެއްވާފައެވެ. އެގޮތުން މުފްތީ ޚުތުބާ ދެއްވާފައިވަނީ ޙަލާލު ތަކެތި ބޭނުން ކުރުމާއި ޙަލާލު ގޮތުގައި މުދަލާއި އާމްދަނީ ހޯދުމާ ގުޅޭގޮތުންނެވެ.

ރާއްޖޭގެ ކަންކޮޅުތަކުގައިވެސް މިއަދު ހުކުރު ޚުތުބާ އިއްވާފައިވަނީ މި މައުޟޫގެ މައްޗަށް ބިނާކޮށްފައެވެ.

އިސްލާމީ މަރުކަޒުގައި ދެއްވި ޚާއްސަ ޚުތުބާގައި މުފްތީ ވިދާޅުވީ، ދީނުގައި މަނާކޮށްފައިވާ މަގަކުން ކަމެއް ހާސިލު ކުރަން އުޅުނު ނަމަވެސް ހިތްހަމަޖެހުމެއް ލިބިދާނެ ކަމަށާއި، ނަމަވެސް އެއީ ވަގުތީ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެއީ ކޮރަޕްޝަން ފަދަ އަމަލުތަކާ ދެކޮޅުވުމާއި، ޙަރާމް ގޮތުގައި އާމްދަނީ ހޯދުމާ ދެކޮޅަށް ގޮވާލާ އެއް ސަބަބު ކަމަށްވެސް މުފްތީ ވިދާޅުވިއެވެ.

މުފްތީ އިތުރަށް ވިދާޅުވީ، ދީނުގައި މަނާކޮށްފައިވާ ކަންކަން ކުރާނަމަ އެކަމުގެ ބަދަލު ލިބޭނީ ހަމައެކަނި އާޚިރަތުގައި ނޫން ކަމަށާއި، މި ދުނިޔެ މަތީގައިވެސް އެކަމުގެ އަޒާބު ކޮންމެސް ސިފައެއްގައި އެމީހަކަށް ލިބޭނެ ކަމަށެވެ.

މި ޚުތުބާގައި މުފްތީ ވަނީ ޤުރުއާނުގައިވެސް އެތައް އާޔަތެއްގައި ނަން ގަނެފައިވާ ޤާރޫނުގެ ދިރިއުޅުމުން މިސާލު ޖައްސަވާފައެވެ. އެގޮތުން މުފްތީ ވިދާޅުވީ، ޤާރޫނަކީ ވަރަށް މުއްސަނދި ދިރިއުޅުމެއް އުޅުނު މީހެއް ކަމަށާއި، ނަމަވެސް މުއްސަނދިކަން ލިބުމަށްފަހު ޤާރޫނުގެ ކިބައިގައި ﷲ ނުރުއްސަވާ ސިފަތަކެއް އަށަގަނެގެން ދިޔަ ކަމަށެވެ.

ޤާރޫނަށް މުއްސަނދިކަން ދެއްވުމަށްފަހު މާތް ﷲ ވަނީ އޭނާ އިމްތިޙާނު ކުރައްވާފައެވެ. ނަމަވެސް މުއްސަނދިކަން ލިބުމަށްފަހު ޤާރޫނު ވަނީ އެކަމާ ބޮޑާވެ އޭނާގެ މުދަލާއި ފައިސާ ﷲ އަށް ކިޔަމަންވާ މީހުންނާއި ދެކޮޅު އަމަލުތައް ހިންގުމުގައި ހޭދަކޮށްފައެވެ. ޤާރޫނު އޭނާގެ ފައިސާ ހޭދަކުރީ ބިމުގައި ފަސާދަ އުފެއްދުމަށެވެ.

ނަމަވެސް ﷲ ވަނީ ޤާރޫނުގެ މުދާތަކާއި ގެދޮރާއި ހަޒާނާތައް ބިމުގެ އަޑިއަށް ގަންބަވާލާފައެވެ.

އެކަމާ ގުޅޭގޮތުން މުފްތީ ވިދާޅުވީ، ކިތަންމެ މުއްސަނދި ނަމަވެސް އެއްވެސް މިންވަރަކަށް އެކަމާ ބޮޑާވެ ކިބުރުވެރިވެގެން ނުވާނެ ކަމަށާއި، އަބަދުވެސް ލިބޭ ނިއުމަތްތަކަށް ޝުކުރުވެރިވެ އެކަންކަމުގެ އަގުވަޒަންކުރަން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
89%
6%
0%
0%
6%
ކޮމެންޓް