ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 13:20
މިނިސްޓަރު ޝާހިދު އެކިގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވަނީ
މިނިސްޓަރު ޝާހިދު އެކިގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓްރީ
މިނިސްޓަރު ޝާހިދު
މިނިސްޓަރު ޝާހިދުގެ މިއަހަރުގެ ދަތުރުފުޅު ވެސް ވަރަށް ކާމިޔާބު: 15 ބައްދަލުވުމެއް ބޭއްވި!
 
މިނިސްޓަރު 11 މީޑިއާއެއްގެ ނޫސްވެރިންނާއި ވަކިވަކިން ބައްދަލުކުރެއްވި
 
ވާހަކަދެއްކެވީ ޖަޒީރާ ގައުމުތަކާއި ކަނޑުގެ އައްސޭރިފަށުގައިވާ ގައުމުތަކަށް ދިމާވާ ނުރައްކާތަކާއި ބެހޭ ގޮތުން
 
ރައިޒީނާ ޑައިލޮގްގައި މިނިސްޓަރ ތަގުރީރުކުރެއްވީ މިމަހުގެ 15 ގައި

ރައިޒީނާ ޑައިލޮގްގައި ތަގުރީރުކުރެއްވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ އިންޑިއާގެ ދިއްލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއާއި އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި މި ޑައިލޮގްގައި މިނިސްޓަރ ޝާހިދު ތަގުރީރުކުރެއްވީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިނިސްޓަރގެ ތަގުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކާއި ކަނޑުގެ އައްސޭރިފަށުގައިވާ ގައުމުތަކަށް ދިމާވާ ނުރައްކާތަކާއި ބެހޭ ގޮތުންނެވެ.

ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރ ޝާހިދު ވަނީ 15 ބައްދަލުވުމެއް ބާއްވާފައެވެ.

އެގޮތުން ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން އެހެން ބައެއް އިސް އޮފިޝަލުންނާއި މިނިސްޓަރ ބައްދަލުކުރެއްވިއެވެ. މިނިސްޓަރ ޝާހިދު ރައިޒީނާ ޑައިލޮގްގެ ހަވާސާގައި ބައްދަލުކުރެއްވި ބޭފުޅުންތަކުގެ ތެރޭގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރް، ޗެކް ރިޕަބްލިކްގެ ޚާރިޖީ ވަޒީރު ތޮމާސް ޕެޓްރިޗެކް، ލެޓްވިއާގެ ޚާރިޖީ ވަޒީރު އެޑްގާސް ރިންކެވިކްސް ، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް، ޑެންމާކްގެ ޚާރިޖީ ވަޒީރު ޖެޕް ކޮފޮޑް ، ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީޓަރ ޒެޖާރޓޯ، އެސްޓޯނިއާގެ ޚާރިޖީ ވަޒީރު އުރްމާސް ރެއިންސާލޫ ،ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރު ނަލޭދީ ޕެންޑޯ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް، ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ އަދި ސަލާމަތީ ސިޔާސަތާ ބެހޭ އެންމެ އިސްވެރިޔާ / ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ޖޯސެފް ބޮރެލް ފޮންޓާލޭސް، އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރަވާތު، އިންޑިއާގެ ފޮރިން ސެކްރެޓަރީ (ޑެޒިގްނޭޓް) ހަރްޝް ވަރްދަނާ ޝްރިންގްލާ، އަފްޣާނިސްތާނުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޙަމްދުﷲ މޮހިބް އަދި އެމެރިކާގެ ޤައުމީ ސަލާމަތީ ބެހޭ މުޝީރުގެ ނައިބު މެޓް ޕޮޓިންގަރ އެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ 11 މީޑިއާއެއްގެ ނޫސްވެރިންނާއި ވަކިވަކިން ބައްދަލުކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. ރައިޒީނާ ޑައިލޮގްގައި ތަޤްރީރުކުރެއްވުމުގެ އިތުރުން ޑައިލޮގްގެ ހަވާސާގައި ކުރިއަށް ދިޔަ އެހެން ދެ ހަރަކާތެއްގައިވެސް މިނިސްޓަރ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ކޯލިޝަން ފޮރ ޑިޒާސްޓަރ ރިޒިލިއެންޓް އިންފްރާސްޓްރަކްޗަރ އިން އިންތިޒާމްކޮށްގެން ރިޒިލިއެންޓް އިންފްރާސްޓްރަކްޗަރގެ މައުޟޫއަށް ބޭއްވި ވަށްމޭޒު މަޝްވަރާއެއްގެ އިތުރުން މޫސުމީ ބަދަލުތަކާއި ޓެރަރިޒަމާއި ބެހޭ ގޮތުން އޮތް ފޭސްބުކް ލައިވް އިވެންޓެއްގައިވެސް މިނިސްޓަރ ބައިވެރިވެވަޑައިގަތެވެ.

ރައިޒީނާ ޑައިލޮގްގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ އާއި، ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އާމިނަތު ޝަބީނާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑިރެކްޓަރ، ކޮމިއުނިކޭޝަން މިއުވާން މުހައްމަދު އާއި ޑިރެކްޓަރ، އިންޑިއާ ސެކްޝަން މަރިޔަމް މިދްފާ ނައީމްގެ އިތުރުން މިނިސްޓްރީއާއި އެމްބަސީގެ އިސް މުވައްޒަފުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް