ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 13:08
ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)
ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)
ފޭސްބުކް
ނަދީމްގެ މަރު
ނަދީމުގެ މަރު: މައްސަލަ ނުނިމި ގިނަ ދުވަސްވާތީ ދިފާޢުން ކަންބޮޑުވުން ފާޅުކޮށްފި
 
ޝަރީއަތުން ހުށައަޅާ ކަންކަން ހުށައެޅުމަށް ދެފަރާތަށް 10 ދުވަހުގެ މުއްދަތެއް ދީފައިވޭ
 
އެ ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައި
 
ނަދީމްއަށް ހަމަލާދިނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު

ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) 23، އަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައިވާ މައްސަލާގައި ޝަރީޢަތް ނުފެށި ގިނަ ދުވަސްވާތީ ދަޢުވާ ލިބޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓަރމިނަލް ކެފޭތެރޭގައި ނަދީމް އިންދާ މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވަޅިން ޙަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، އޭގެ ދެ ދުވަސް ފަހުން ނަދީމް ނިޔާ ވެފައިވާއިރު، މި މައްސަލައިގެ އިބްތިދާޢީ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

އެގޮތުން މި އަޑުއެހުމުގައި ދަޢުވާ ލިބޭ މީހުންގެ ފަރާތުން ދިފާޢީ ވަކީލު ވިދާޅުވީ، މި މައްސަލައިގެ ޝަރީޢަތް ނުފެށި ގިނަ ދުވަސްތަކެއް ވަމުންދާތީ އެކަމާ ކަންބޮޑުވެލައްވާ ކަމަށާއި، ވީހާވެސް އަވަހަކަށް މައްސަލަ ނިންމުމަށް ބޭނުންވާ ކަމަށެވެ.

ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދަޢުވާކުރަނީ ގ. ޝާރާޒް މުޙައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުޙައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދަޢުވާ އުފުލާފައިވާ ހަތަރު މީހުންގެ ތެރެއިން މަފާޒުގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އެވެ. ދަޢުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ޙަމަލާދިން މީހާ އެވެ. މަފާޒް ފިޔަވައި ދަޢުވާ ލިބޭ ދެން ތިބި ތިން މީހުންގެ މައްޗަށް ދައުލަތުން ދަޢުވާ ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދަޢުވާ އެވެ. ދައުލަތުން ބުނީ އެ ތިން މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުން ކަމަށެވެ.

އެ ހަތަރު މީހުން ވެސް ވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ.

ދަޢުވާ ލިބޭ ފަރާތްތަކުން ދަޢުވާއަށް އިންކާރުކޮށްފައިވާތީ މި މައްސަލައާއި ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވުނު އަޑުއެހުމުގައި ވަނީ ދެފަރާތުން ހުށައަޅާ ހެކިތައް ބަޔާންކޮށްފައެވެ. އެގޮތުން ދައުލަތުން ވަނީ ދަޢުވާ ލިބޭ ފަރާތްތަކާއި ދެކޮޅަށް ސިއްރު ހެކިންނާއި، ޝަފަވީ ހެކިންގެ އިތުރުން ގިނަ ކިތާބީ ހެކިތަކެއްވެސް ހުށައަޅާފައެވެ.

މި މައްސަލައިގައި ދައުލަތުން ހުށައެޅި ހެކިތަކާ ގުޅޭގޮތުން ދަޢުވާ ލިބޭ މަފާޒާއި، ނިފާޒުގެ ދިފާޢީ ވަކީލު ވިދާޅުވީ، ދައުލަތުން ހުށައަޅާފައިވާ ހެކިތަކުގައި ފިންގަރ ޕްރިންޓާއި، ޑީއެންއޭ ޕްރޮފައިލް ހިމަނާފައި ނުވާތީ، ދައުލަތުން އެކަން ސާފުކޮށްދިނުން އެދޭ ކަމަށެވެ. އެގޮތުން މައްސަލައިގެ ބާވަތަށް ބަލާއިރު ފިންގަރ ޕްރިންޓާއި، ޑީއެންއޭ ޕްރޮފައިލް އަކީ އެންމެ އަސާސީ ފޮރެންސިކް ހެއްކަކަށްވެފައި، ޝަރުޢީ ނިޒާމު އޮންނަ ގޮތުން އެކަންކަން ތަހުޤީޤު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު އޮންނަނީ ދައުލަތަށް ކަމަށްވާއިރު، ދައުލަތުން އެކަންކަން ކޮށްފައި ނުވާނަމަ، މިއީ ތަހުޤީޤު ފުރިހަމަ ނުވާ ދަޢުވާއެއްކަމަށް ބުނެވިދާނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުން ބުނީ، ތަހުޤީޤާ ގުޅޭގޮތުން ދިފާޢުން ހޯދަން ބޭނުންވާ އިތުރު ހެއްކެއް އޮތްނަމަ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ފޯރުކޮށްދެވެން އޮތް މަޢުލޫމާތެއް ނަމަ ފޯރުކޮށްދޭނެ ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ދަޢުވާ ލިބޭ ފަރާތްތައްވެސް ހެކި ހުށައަޅާފައިވާއިރު، މަފާޒާއި ނިފާޒުގެ ފަރާތުން ވަނީ ޙާދިސާ ހިނގި ވަގުތު އެތަނުގައި ތިބިކަމަށް ބުނާ 3 ފަރާތެއް ހެކިންގެ ގޮތުގައި ހުށައަޅާފައެވެ. އަދި ދަޢުވާ ލިބޭ ޝާމިންގެ ފަރާތުން 2 ހެއްކެއް ހުށައަޅާފައިވާއިރު، ޝާމިންގެ ވަކީލު ވިދާޅުވީ، ދައުލަތުން ހެކި ހުށައެޅިއިރު، 2 ސިއްރު ހެކިވެރިއެއް ޝާމިންއާއި ދެކޮޅަށް ހުށައެޅި ނަމަވެސް އެ ހެކިން ހުށައަޅާ ސަބަބާއި ޝާމިންއާއި ގުޅުމެއް ނުވާކަން ފާހަގަކޮށްފައެވެ. އަދި އެއީ ދައުލަތަށް އަރާފައިވާ އޮޅުމެއްކަަމަށް ވިދާޅުވެ ދައުލަތުގެ ވަކީލާ ވަނީ އެކަން އިޞްލާޙުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ނަދީމް މެރުމުގައި ބައިވެރިވިކަމުގެ ދަޢުވާ ލިބޭ ކަރަމްގެ ފަރާތުންވެސް ވަނީ ޝަފަވީ 2 ހެއްކެއް ހުށައަޅާފައެވެ.

ދެފަރާތުން ހެކި ހުށައެޅުމަށް ފަހު، މައްސަލައިގެ ޝަރީޢަތް އަވަސް ކޮށްދެއްވުމަށް މުވައްކިލުންގެ ފަރާތުން ދިފާޢީ ވަކީލު އެދިލެއްވުމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ޝަރީޢަތަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ގާޒީ ވަނީ މި މައްސަލައިގެ ޝަރީޢަތުގެ ކުރިން ހުށައަޅާ ކަންކަން ހުށައެޅުމަށް ދެފަރާތަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި އެކަމާ ގުޅޭގޮތުން ވާހަކަދެއްކުމަށް 17 ފެބްރުއަރީއަށް ތާވަލު ކުރައްވައި ގޮތެއް ނިންމެވުން 1 މާރޗަށް ތާވަލު ކުރައްވާފައިވެއެވެ. އަދި އެއަށްފަހު މި މައްސަލައިގެ ޝަރީއަތް 15 މާރޗުގައި ފެށުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

މި މައްސަލައިގައި މަފާޒުގެ މައްޗަށް ދަޢުވާ ސާބިތުވެއްޖެ ނަމަ، އޭނާއަށް އަންނާނީ މަރުގެ އަދަބެވެ. ނަމަވެސް މަފާޒުގެ މައްޗަށް އެ ދަޢުވާ ސާބިތުނުވެ، އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއް ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް މަފާޒަށް އަންނާނެ އެވެ. އޭގެ އިތުރުން، އެކަމުގައި ބައިވެރިވި މީހުންގެ މައްޗަށް އެ ދަޢުވާ ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް