ކ. މާލެ
|
15 ޖެނުއަރީ 2020 | ބުދަ 18:51
ޕާކިސްތާނަށް ބޯކޮށް ސްނޯ ފައިބާ، ގިނަ ބަޔަކަށް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައި
ޕާކިސްތާނަށް ބޯކޮށް ސްނޯ ފައިބާ، ގިނަ ބަޔަކަށް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައި
އަލް-އަހެދް ނިއުސް
ފިނި މޫސުން
އަފްޣާނިސްތާނާއި، ޕާކިސްތާނަށް ކުރިމަތިވި މޫސުމީ ޙާދިސާތަކުގައި 130 މީހުން މަރުވެއްޖެ
 
އަފްޣާނިސްތާނުން 39 މީހުން މަރުވެފައިވާކަމަށް ޚަބަރު ލިބޭ
 
ކަޝްމީރުން އެކަނިވެސް 62 މީހުން މަރުވެ 10 މީހުން ވީނުވީއެއް ނޭނގި ވަނީ ގެއްލިފައި
 
ޕާކިސްތާނުގައި 93 މީހުން މަރުވެ، 76 މީހުން ޒަޚަމްވި

އަފްޣާނިސްތާނާއި، ޕާކިސްތާނަށް މިހާރު ފިނިމޫސުމާއި ކުރިމަތިވެފައިވާއިރު، ކުރިމަތިވި މޫސުމީ ކާރިސާތަކުގައި ދެޤައުމުން 130 އަށް ވުރެ ގިނަ މީހުން މަރިވެއްޖެއެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި ގިނަ މީހުން މަރުވެފައިވަނީ ސްނޯބޯވެ، ސްނޯވގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިސާތަކާއި، އައިސް ވިރިގެން ފެންބޮޑުވުމާއި، ފިނިހޫނުމިން އިންތިހާއަށް ދަށްވުމުގެ ސަބަަބުން ކުރިމަތިވި ތަފާތު އެކި ޙާދިސާތަކުގައެވެ.

ޕާކިސްތާނަށް ބަލާލާއިރު، އެޤައުމުގެ އެކިކަންކޮޅުތަކުގައި ހިނގި މިފަދަ ގިނަ ޙާދިސާތަކުގައި 93 މީހުން މަރުވެ، 76 މީހުން ޒަޚަމްވެ، ވީނުވީއެއް ނޭނގި ގިނަ ބަޔަކު ވަނީ ގެއްލިފައެވެ. ފިނިމޫސުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޕާކިސްތާނުގެ ކަޝްމީރަށެވެ. ކަޝްމީރުން އެކަނިވެސް 62 މީހުން މަރުވެ 10 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ޕާކިސްތާނުގެ ކާރިޘާތަކާއި ބެހޭ އިދާރާއާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޕާކިސްތާނަށް ބަލާއިރު، ސްނޯބޯވެ މަގުތައް ވަނީ ބަންދުވެފައެވެ. ޚާއްޞަކޮށް ފަރުބަދަމަތީ އަވަށްތައް ވަނީ އެހެން އަވަށްތަކާއި ގުޅުން ކެނޑިފައެވެ. ހައިވޭތައް ބަންދުވުމުގެ ސަބަބުން ދަތުރުފަތުރުތައް ވަނީ މެދުކެނޑިފައެވެ. ފަރުބަދަމަތީ ގިނަ އަވަށްތަކުގައި ސްކޫލްތަކާއި ،ޢާންމު ޚިދުމަތްދޭތަންތަން ވަނީ ސަރުކާރުން މުއްދަތެއް ނެތްގޮތައް ބަންދުކޮށްފައެވެ.

އަދި އަފްޣާނިސްތާނަށް ކުރިމަތިވި ފިނި މޫސުމުގެ ކާރިޘާތަކުގައި 39 މީހުން މަރުވެފައިވާކަމަށް ޚަބަރު ލިބެއެވެ. އަދި މީހުން ދިރިއުޅޭ އަވަށްތަކުގެ ބައިބޯ ހިސާބުތަކާއި، މަގުތަކާއި ހައިވޭތަކުގައި ސްނޯ ބޯވެ، ޢާންމު ދިރިއުޅުމަށް ވަނީ ބުރޫ އަރާފައެވެ. އާންމު ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައިސްފައިވާއިރު، ޓްރެފިސް ފުލުހުންނާއި، ކާރިޘާތަކުގައި އެހީތެރިވެދޭ ވޮލަންޓިއަރުންގެ އެހީގައި ސްނޯކެހުުމުގެ މަސައްކަތާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ޚަބަރު ލިބެއެވެ. އަފްޣާނިސްތާނާއި ޕާކިސްތާނުގެ ގުޅޭ ޞަރަޙައްދީ އިން ކައިރި އަވަށްތަކުން 300 އަށް ވުރެ ގިނަ ގެތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށްވެސް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
0%
100%
0%
0%
0%
ކޮމެންޓް