ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 15:14
ރާއްޖެއަށް މަސްތުވާތަކެއް އެތެރެކުރަނިކޮށް އަތުލައިގަތް ބޯޓެއް
ރާއްޖެއަށް މަސްތުވާތަކެއް އެތެރެކުރަނިކޮށް އަތުލައިގަތް ބޯޓެއް
ރާއްޖެ އެމްވީ
މަގޭ ރިޕޯޓް
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެންނަ މަސްތުވާތަކެއްޗާ ޕާކިސްތާނާ ގުޅުން އެބަހުރި؟
 
އިންޑިއާގެ ކޯސްޓްގާޑުން އަތުލައިގަތް އަލްމަދީނާ ނަމަކަށް ކިޔާ ޕާކިސްތާނުގެ ބޯޓަކުން 218 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެ

ދޭތެރެ ދޭތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެންނަ ކުދި ޑިންގީތަކުންނާއި ކުދި ބޯޓު ފަހަރުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނެއެވެ. މިތަކެއްޗާ ބެހޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވޭއިރު، ބައިނަލްއަގްވާމީ ނޫސްތަކުގެ ސުރުޚީތަކާއި، އެކި ގައުމުތަކުގެ ޖާސޫސީ އަދި އަސްކަރީ ރިޕޯޓްތަކަށް ބަލާއިރު، މިއީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން އެޖަމާއަތްތަކަށް ފައިސާ ހޯދަން ކުރާ މަސްތުވާތަކެތީގެ ވިޔަފާރީގެ މުދާކަން އެނގެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ އިސްވެރިން އެމެރިކާއާއި އިނގިރޭސިވިލާތުން ހައްޔަރުކޮށްފައި ވެއެވެ. ޕާކިސްތާނާއި އިންޑިއާގެ ސަރަހައްދީ އިމުގެ ކައިރިން ހައްޔަރުކުރެވުނު ބައެއް ހަނގުރާމަވެރިން އަތުން ފެނިފައިވާ މަސްތުވާތަކެތިން ވެސް މިކަމަށް ހެކިދެއެވެ.

2018 ވަނަ އަހަރު ޔޫ.އެން އޮފީސް އޮން ޑްރަގް އެންޑް ކްރައިމްސްއިން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު، އަފްޣާނިސްތާނުގައި މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ އޯޕިއަމް ހައްދާ މިންވަރު 37 އިންސައްތަ އިތުރު ވެފައިވެއެވެ. އަފްޣާނިސްތާނުގައި އޯޕިއަމް އާއްމުކޮށް ހައްދާ އުޅެނީ ޕާކިސްތާނުގެ ސަރަހައްދީ އިމާއި ކައިރީގައިވާ ސަރަހައްދުތަކުގައެވެ. ތާލިބާނުންގެ ބާރުގެ ދަށުގައި އޮންނަ މިސަރަހައްދުތަކުގައި ޕާކިސްތާނުގެ ޖާސޫސީ އިދާރާ އައި.އެސް.އައިގެ ނުފޫޒު އިންތިހާއަށް ގަދައެވެ.

އަފްޣާނިސްތާނުގައި ހައްދާ އޯޕިއަމް ދުނިޔޭގެ ޑްރަގް ވަގު ވާޒާރަށް ނެރެނީ ޕާކިސްތާން މެދުވެރިކޮށެވެ. ޕާކިސްތާނުން މިތަކެތި ބޭރުކުރުމުގައި ޓްރާންސިޓް ޕޮއިންޓްތަކުގެ ގޮތުގައި ބޭނުންކުރަނީ ދިވެހިރާއްޖެއާއި އިންޑިއާގެ އިތުރުން ސްރީލަންކާކަމަށް ދިރާސާކުރާ ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. މި ތިން ޤައުމުން އެކަނިވެސް މިދިޔަ އަހަރު 1500 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.

2018 ވަނަ އަހަރު އަފްޣާނިސްތާނުގައި އުފެއްދި މަސްތުވާތަކެތީގެ 10 ހާސް ޓަނު ޕާކިސްތާނަށް އެތެރެކޮށްފައިވާކަމަށް ބެލެވޭއިރު، މިދެޤައުމުގެ ސަރަހައްދީ އިމުގެ ބޮޑު ބައެއް ބަލަހައްޓަނީ ޕާކިސްތާން އަސްކަރިއްޔާއިންނެވެ. އެހެންކަމުން މަސްތުވާތަކެތީގެ ވިޔަފާރީގައި ޕާކިސްތާނުގެ އަސްކަރިއްޔާއާއި އެގައުމުގެ ޖާސޫސީ އިދާރާ އައި.އެސް.އައިގެ އަތެއްވާކަމަށް ތުހުމަތުކުރެވެއެވެ. މިސަރަހައްދުގެ ގިނަ ގައުމުތަކުން ފެނުނު މަސްތުވާތަކެތި ބަންދުކޮށްފައި ހުރީ ޕާކިސްތާނުގައި އާއްމުކޮށް ބޭނުންކޮށް އުޅޭ ޕެކޭޖިންގ ތަކުގައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުންނާއި ފަޅުރަށްތަކުން ފެންނަމުންދާ މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރުވެސް، ޕާކިސްތާނުގެ އަތެއްވާކަމަށް ތުހުމަތުކުރެވެއެވެ. މިދިޔަ އަހަރު އެޕްރީލް މަހު 150 ކިލޯގެ މަސްތުވާތަކެތި ފަޅުރަށެއްގައި ފޮރުވާފައި ހުރި ވާހަކަ އިވުމުން މުޅިގައުމު ސިހިގެން ދިޔައެވެ. މިދައްކަނީ މަދު އަދަދެއްގެ ވާހަކައެއް ނޫނެވެ. 1200 އެއްހާ ރަށް ރާއްޖޭގައި އޮތް އިރު އޭގެ ތެރޭގައި 65 އިންސައްތަ ރަށަކީ ފަޅުރަށްތަކެވެ. މިހެން މަސްތުވާތަކެތި ފޮރުވާފައި ހުރީ ކިތަށް ރަށުގައިކަމެއް ބުނަން އެނގޭނީ ކާކަށް ހެއްޔެވެ؟

ހަމަ މިގޮތަށް 2019 ވަނަ އަހަރުގެ މެއި މަހު އިންޑިއާގެ ކޯސްޓްގާޑުން އަތުލައިގަތް އަލްމަދީނާ ނަމަކަށް ކިޔާ ޕާކިސްތާނުގެ ބޯޓަކުން 218 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އެބޯޓުގެ ކެޕްޓަން ސަފްދަރް އަލީ ވަނީ މިސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި ޕާކިސްތާނުން މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ގޮތުގެ ބައެއް ތަފްސީލްތައް ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ބޮޑުންގެ ގޮތުގައި ހަރަކާތްތެރިވާ ގިނަ މީހުން ތިބެނީ އައްސޭރިފަށުގެ ރަށްތައް ކަމަށްވާ ކަރާޗީއާއި ގްވަދާރުގައެވެ.

މިދިޔަ އޮކްޓޯބަރު މަހުވެސް އެމްއެންޑީއެފް ކޯސްޓްގާޑުން 74 ކިލޯގެ މަސްތުވާތަކެތި ކަނޑުމަތިން އަތުލައިގަތް އިރު، މިއީވެސް ޕާކިސްތާން ހިސާބުން އައިސްފައިވާ މަސްތުވާތަކެތިކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް