ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 17:02
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް
ރައްޔިތުންގެ މަޖިލިސް
މަގޭ ރިޕޯޓް
ޖަލުތައް ހަލަބޮލިކަމުގައި، މުނާޒް ޕީއާރް ގޭމް ކުޅުއްވުމުގައި
 
އިންސްޕެކްޓަރ އޮފް ކަރެކްޝަންސްއާ ހަވާލާދީ ދޮގު މައުލޫމާތު ފަތުރާފައިވޭ
 
ފުލުހުންގެ ވާހަކަތަކާއި ކަރެކްޝަންސްގެ ވާހަކަތަކާއި ދިމަލެއް ނުވޭ
 
މިކަމާއި ގުޅޭ ގޮތުން ގައިދީން ދައްކަނީ މުޅިން އެހެން ވާހަކަތަކެއް!

ޖަލުތަކުގައި ހިނގައިގެން އުޅޭ ހަމަނުޖެހުންތަކާއި ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ޕްރެސް ކޮންފަރެންސެއް ބާއްވައި، ޖަލުގައި ހިނގަމުންދާ ކަންތައްތަކޭ ވިދާޅުވެ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިއަދު ވާހަކަތަކެއް ދެއްކެވިއެވެ.

ޕްރެސް ކޮންފަރެންސް ފެށުމާއިއެކު ހިތަށް އެރީ މިވީހާ ދުވަހު މިވާހަކަ ނުދައްކަވާ، މީޑިއާތަކުން ގުޅީމަ ފޯނަށް ޖަވާބު ނުދެއްވާ، ކަރެކްޝަންސްގެ މީޑިއާ އޮފިސަރުންވެސް މިކަމާމެދު އެއްޗެކޭ ނުބުނެ ތިބެ، މިއަދު މިދައްކަވަނީ ކޮން ވާހަކައެއްތޯއެވެ؟ މުނާޒްގެ ބެލުމުގެ ދަށުން ޖަލުގެ ހާލަތު ގޯހުން ގޯހަށް ގޮސް، ނިމުނު ހަފުތާ ފަހުކޮޅުން ފެށިގެން މިއަދާއި ހަމަޔަށްވެސް ޖަލުގެ ޙާލަތު ގޯހެވެ.

ޖަލުގެ އިސް އޮފިސަރުންގެ ލަފަޔާ ޚިލާފަށް ގޮޅިތަކަށް އޮފިސަރުން ވައްދައިގެން މުނާޒް ހިންގި އޮޕަރޭޝަނަށްފަހު ޖަލުގެ ޙާލަތު ގޯހެވެ. ގޮޅިތަކަށް ހަމަ ހިތަށް އަރާ ގަޑިއެއްގައި ރެއިޑް ކުރާއިރު، އެތަނުގައި އެތިބީ ސަޖިދައިގައި ތިއްބައި ގެނައި ބައެއް ނޫންކަންވެސް ހަނދާން ކުރަން ޖެހެއެވެ. ގޯހެއް ހިނގާފާނެކަމަށް ވިސްނައި، ގޯހެއް ވިޔަނުދޭން މަސައްކަތްކުރަން ޖެހެއެވެ. އެހެންނަމަވެސް އެގޯސް ކަރެކްޝަންސްއިން ހަދައިފިއެވެ. މުނާޒްގެ އޯޑަރަށެވެ.

ދެން ފެނުނީ އެތަން ފޫބައްދަން މުނާޒާއި ކަރެކްޝަންސްއިން ދޮގު ހެދިތަނެވެ. ފުލުހުންނާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށް އޮޅުވާލައި، އެމީހުންގެ ހާޒިރުގައި ގޮޅިތައް ރެއިޑްކުރީ ކޮން މަންޒަރެއް ދައްކަންތޯއެވެ؟ މަންޒަރު ސާފުވިއެވެ. އާއްމު ބަހުރުވައިން ދަންނަވާނަމަ އަތަށް ގޮވީއެވެ. މާފުށީ ޖަލާއިއެކު މާލޭ ޖަލުވެސް ހަލަބޮލިވެ، މުނާޒްގެ އަތް ދަށުން ކޮންޓްރޯލް ދިޔައެވެ. މިއާއިއެކު ކަރެކްޝަންސްގެ މީޑިއާ އޮފިޝަލުންނަށް މީޑިއާއާއި ވާހަކަ ދެއްކުން މަނާވިކަހަލައެވެ.

މުނާޒަކީ ނޫސްވެރިން ގުޅުމުން މިއީ ރަސްމީގަޑި ނޫންކަމަށާއި މީޑިއާތަކާއި ވާހަކަ ދެއްކޭނީ ރަސްމީގަޑީގައި އެކަނިކަމަށް ވިދާޅުވި ބޭފުޅެކެވެ. މަޖިލިސް ކޮމިޓީއަށް ހާޒިރުކުރި ދުވަހު ކޮމިޓީއިން ނިމުމުން ނޫސްވެރިއަކު އެއްޗެއް އަހާލުމުން އެނޫސްވެރިޔާއާ ދިމާއަށް ބުނެލި ބޭއަދަބީ ބަހަކީ މިއަދު ރާއްޖޭގެ މީޑިއާތަކުގެ ނިއުސް ރޫމްތަކުގައި އެންމެން ދަންނަ ވާހަކައެކެވެ. މި ލެވެލްގެ ބޭފުޅަކު މިވަރުކަމެއް ކުރައްވަފާނެއެވެ. ސާފުކޮށް ފެންނަން އޮތް ހަގީގަތަކީ މުނާޒްގެ ވާހަކަތައް ފުލުހުންނާއި އިންސްޕެކްޓަރ އޮފް ކަރެކްޝަންސް ދޮގުކުރި ކަމެވެ. ޖަލުގައި ހަމަނުޖެހުން ހިންގިކަން ސިއްރުކުރިކަމެވެ. މިކަންކަން ފޮރުވަން މުނާޒް މަސައްކަތް ކުރެއްވިއެވެ.

މުނާޒް ކާމިޔާބު ނޫން ޕީއާރް ގޭމެއްގައި އުޅުއްވަނިކޮށް އިއްޔެ ރައީސް އޮފީހަށް އޭނާ ހާޒިރުކަމަށް މައުލޫމާތު ލިބެއެވެ. އަނެއްކާ ރައްޔިތުން ކުރިމަތީ ކުޅުނު ގޭމް، ރައީސް ކުރިފުޅުމަތީ ކުޅެ، ރައީސްއަށްވެސް އޮޅުވާލީތޯއެވެ؟ އޮޅުވާނުލިނަމަ މިކަން މިހިސާބަށް ދޭން ރައީސް ފުރުސަތު ނުދެއްވާނެކަން ޔަޤީނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
33%
0%
0%
0%
0%
67%
ކޮމެންޓް