ކ. މާލެ
|
21 މާރޗް 2017 | އަންގާރަ 23:53
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
މުހައްމަދު ޝަރުހާން
ގާސިމް އިބްރާހީމް
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟
 
ސަރުކާރަށް ފާޑުވިދާޅުވާ ކޮންމެ ފަހަރަކު ސަރުކާރުން ގާސިމަށް ފިއްތުންތައް ކުރިމަތިކުރުވާ

ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މުހިންމު ބޭފުޅެކެވެ. ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން ފެށުނީއްސުރެ އެމަނިކުފާނު ސިފަކުރެވެނީ ސިޔާސީ ތިލަފަތުގެ ބަރުގެ ގޮތުގައެވެ. އެމަނިކުފާނު އަރުއްވާ ފަޅިއެއް މިހާތަނަށް އޮތީ ކާމިޔާބުވެފައެވެ. 

މާޒީގެ ސަފްހާތައް ކުޑަގޮތަކަށް ހަނދާންކޮށްލާ ނަމަ އިދިކޮޅު ހަރަކާތް ފެއްޓެވުމުގައި ވެސް ގާސިމަކީ ބާނީއެކެވެ. އެމްޑީޕީ ވުޖޫދަށް ގެނައުމުގަ އާއި އިދިކޮޅު މެންބަރުން މަޖިލީހަށް ހޮވިވަޑައިގަތުމުގައި ވެސް ގާސިމްގެ އެހީތެރިކަން ބޮޑެވެ. އަދި 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެމަނިކުފާނުގެ މުހިންމުކަން ބޮޑުވެގެން ދިޔައެވެ. އޭގެ ފަހުން ވެސް މަޖިލިސް ދެފަޅިއަށް ބައިވެ، ވާންވާ ކޮންމެ ކަމެއްގައި އެންމެންގެ ނަޒަރު ވެސް ހުއްޓެނީ ގާސިމަށެވެ. ގާސިމް ކަންތައްކުރައްވާ ގޮތަކުން މުޅި މަޖިލިސް ވެސް ބަދަލުވެދާނެ ކަމުގެ ބިރު ސަރުކާރަށް ވެސް އަދި އިދިކޮޅު ފަރާތްތަކަށް ވެސް އޮވެއެވެ.

އެހެން ކަމުން ސަރުކާރުން ވެސް އަދި އިދިކޮޅު ފަރާތްތަކުން ވެސް އެ ބައެއްގެ ފަޅީގައި ގާސިމް ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއެވެ. އިދިކޮޅު ފަރާތްތަކުން ތަފާތު އެކި އުކުޅުތައް ބޭނުންކުރާ އިރު ސަރުކާރުން ބޭނުންކުރަނީ ނުފޫޒެވެ. ގާސިމަކީ ސިޔާސީ މައިދާނުގައި މަންތިރިކަމުގައި ބެލެވުނަސް އާންމު ގޮތެއްގައި ހުރިހާ ގެއްލުމެއް ތަހައްމަލުކުރަން ޖެހޭ ފަރާތަކީ ގާސިމެވެ.

ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު ސަރުކާރުން ގާސިމްގެ ކަރަށް ފިއްތާލައެވެ. ގާސިމްގެ ވިޔަފާރިތަކަށް އިންތިހާ އަށް ދަތިކޮށްލައެވެ. އެ ބޭނުމަށްޓަކައި ގާސިމްގެ ވިޔަފާރީގެ މަސްލަހަތު އޮންނަ އެތައް މިލިއަން ރުފިޔާގެ  މައްސަލަތައް އަބަދު ވެސް ކޯޓުގައި ބާއްވައެވެ. ގާސިމް ކޮޅު ބަދަލުކޮށްލާ ކޮންމެ ފަހަރަކު ކޯޓުތަކުގައި އެ މައްސަލަތައް ހަމަ ކުއްލިއަކަށް ފުލުފުލުން ހިނގައި ގަނެއެވެ.

ޝަރުއީ ދާއިރާ އަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށް ބުނި ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް ގާސިމް ފާޑު ވިދާޅުވާން ފައްޓަވާ ހިސާބުން ކޯޓުތަކުގެ ޝެޑިއުލްގައި ގާސިމްގެ ވިލާ ކުންފުނީގެ ނަން ހަމަ ކުއްލިއަކަށް އިތުރުވެއެވެ. ފަހަރުގައި އެއީ އިއްތިފާގަކަށް ވެސް ވެދެއެވެ.

މިދުވަސްކޮޅަކީ ވެސް އަނެއްކާ ގާސިމްގެ ބޭނުން އިދިކޮޅު ފަރާތްތަކަށް ވެސް އަދި ސަރުކާރަށް ވެސް މުހިންމު ދުވަސް ވަރެކެވެ. ކުރިމަތީގައި އޮތީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓެވެ. މި މަހުގެ 27 އަށް ތާވަލްކޮށްފައިވާ އިރު ގާސިމް ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. ދާދި ފަހުން ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ގާސިމް ވަނީ ވަރަށް ފޯރިއާއި ޖޯޝްގައި ސަރުކާރަށް ކުރުދޮށިން ދެއްވާފައެވެ. ނަތީޖާއެއްގެ ގޮތުން ގާސިމްގެ ވިޔާފާރި ކުންފުނި ވިލާގެ މައްސަލައެއް ހަމަ ކުއްލިއަކަށް ހައި ކޯޓުގެ ތާވަލަށް އަރައި އަންގާރަ ދުވަހު ހުކުމް ވެސް ކޮށްފިއެވެ. އިއްތިފާގެއް ކަމަށް ވެދާނެއެވެ. ނަމަވެސް ހުކުމަކާ ހަމައަށް ގޮސްފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ މި މައްސަލަ ޖުމްހޫރީ ޕާޓީގެ ޖަލްސާ އަށް ފަހު ހައި ކޯޓުގައި ތާވަލުން ފެނުމުން އާންމު މީހުން ސުވާލު އުފައްދާނެއެވެ.

އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިން މި ފަހަރު ވެސް މައްސަލަ ނިމުނީ ގާސިމަށް ގެއްލުންވާ ގޮތަށެވެ. ގާސިމްގެ ވިޔަފާރި މަސްލަހަތު އޮންނަ ވިލާ ކުންފުންޏަށް ދޫކޮށްފައިވާ ތ. އެލާ ނަމަކަށް ކިޔާ ފަޅުރަށުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށް ދަށު ކޯޓުން ނިންމާފައި އޮތް މައްސަލަ އަނެއް ފުށަށް ޖެހި ހައި ކޯޓުން އަންގާރަ ދުވަހު ވަނީ ވިލާއާ ދެކޮޅަށް މައްސަލަ ނިންމާފައެވެ. ދަށު ކޯޓުން ކުރި ހުކުމް ބާތިލްކޮށް އެއީ ރަނގަޅަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު އިތުބާރު ނެތްކަމުގެ ވޯޓާ ހަމައަށްދާއިރު ގާސިމާ ގުޅުން ހުރި މިފަދަ އެތައް ކަމެއް ހިނގާނެ ކަމަށް ލަފާކުރެވެ އެވެ. އެ ގޮތުން ގާސިމްގެ އެކައުންޓްތައް ފްރީޒްކުރުމާއި އެ ނޫން ވެސް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަކަކީ ސަރުކާރަށް ހުރި ކާޑުތަކެވެ. މިކަންކަން ކުރަނީ ގާސިމަށް މަޖުބޫރުކުރުވުމަށެވެ. އެ ގޮތުން މުހިންމު ވޯޓުތަކުގައި ސަރުކާރަށް ބައިއަތު ހިއްޕެވުމަށް ނުވަތަ ވޯޓުގައި ބައިވެރިވަޑައިނުގެން ގައުމުން ބޭރަށް ވަޑައިގަންނަވަންޖެހޭ ދަނޑިވަޅުތައް މާޒީވެފައި އެބަ ހުއްޓެވެ. މިފަހަރު އޮތީ ކޮން ގޮތެއް ހެއްޔެވެ. 

ގާސިމް އެންމެ ފަހުން ވިދާޅުވީ މިހެންނެވ؛  އޭނާގެ މުދާ ވެސް ނަގާނެ އެވެ. އެކައުންޓް ފްރީޒު ވެސް ކުރާނެ އެވެ. ނަމަވެސް ފަރުވާލެއް ނެތް ކަމަށެވެ. އެއީ ﷲ ދެއްވި މުދާ ގެންދަވަން ހުރި ގޮތް ކަމަށް އޭނާ ގަބޫލު ކުރެއްވި އެވެ. ބޭއިންސާފުން އެފަދަ ކަމެއް ކޮށްފި ނަމަ ހަމައެކަނި ކަންބޮޑުވުމަކީ މުވައްޒަފުންނަށް މުސާރަ ނުދެވުމުމެވެ. މި ދަތިތަކާއެކު ވެސް މި ފަހަރު ގާސިމްގެ ވާހަކައިން ދޭހަވަނީ އޭނާ ހުރީ ގައުމަށްޓަކައި ކަމަށެވެ. އަދި ގައުމުގެ ހުރިހާ ކަމެއް އިސްލާހު ކުރުމަށް އޭނާގެ އާދޭހެއް ވެސް އެބަ އޮތެވެ. އެއީ އެމްޑީޕީ އާއި ޖޭޕީ ދޫކުރެއްވި މެމްބަރުން އެނބުރި އަސްލަށް ވަޑައިގަތުމެވެ. 

ގާސިމަށް ވެސް، މައުމޫނަށް ވެސް، ނަޝީދަށް ވެސް، އަދި އުމަރާއި ނާޒިމާއި އިމްރާނަށް ވެސް ސަލާމަތެއް އޮތީ ގައުމު އިސްލާހު ވެގެންނެވެ. މެމްބަރުންނަށް ވެސް ބިރެއް ނެތް ސަލާމަތުގެ އައްސޭރިއެއް އޮތީ މުޅި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދީނެވެ. އެކަން ކުރުމުގެ ހިތްވަރު ދައްކަންޖެހެ އެވެ. އެކަކު އަނެކަކަށް ހިތްވަރު ދޭންވެސް ޖެހެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް