ބުދަ 30 ސެޕްޓެންބަރ 2020
10 އަތަ
1442 ސަފަރު 12
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:01
އިޝާ 19:12
އިރާގު

އިރާގުގަ ހަރަކާތްތެރިވާ ބޭރު ގައުމުތަކުގެ ސިފައިން އެގައުމުން ބޭލުމަށް ގަރާރެއް ފާސްކޮށްފި

  • ގަރާރުގައި ބުނަނީ އިރާގުގައި ހަރަކާތްތެރިވާ ހުރިހާ ގައުމުތަކެއްގެ ސިފައިންގެ ފައުޖުތައް އެމެރިކާވެސް ހިމެނޭ ގޮތަށް އެގައުމުން ބޭލުމަށް
  • މިގަރާރު ފާސްކުރިނަމަވެސް އަދި އިރާގު ސަރުކާރަށް މި ގަރާރަށް އަމަލުކުރާކަށް ނުޖެހޭނެ

ކ. މާލެ | 6 ޖެނުއަރީ 2020 | ހޯމަ 08:37 | 3,660

އިރާގުގެ ޤާނޫނު ހަދާމަޖިލީސް- އެގައުމުގައި ހަރަކާތްތެރިވާ ބޭރު ގައުމުތަކުގެ ސިފައިން އެގައުމުން ބޭލުމަށް ގަރާރެއްވަނީ ފާސްކޮށްފައި - އަލްޖަޒީރާ

އިރާޤުގަ ޙަރަކާތްތެރިވާ ހުރިހާ ޤައުމުތަކެއްގެ ސިފައިންގެ ފައުޖުތައް އެޤައުމުން ބޭލުމަށް އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުން ޤަރާރެއް ފާސްކޮށްފި އެވެ.

އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުން ކުއްލި ބައްދަލުވުމެއް ބާއްވާ ޤަރާރެއް ފާސްކޮށްފައިމިވަނީ އެޤައުމުގެ ބޮޑުވަޒީރު އާދިލް ޢަބްދުލް މަހުދީ އިރާޤުގެ ޤައުމީ ސަލާމަތާއި ރައްކަލަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން ގޮތެއް ނިންމެވުމަށް ގޮވާލެއްވުމުންނެވެ. އާދީއްތަ ދުވަހު އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުގަ ބުނަނީ އިރާޤުގަ ޙަރަކާތްތެރިވާ ހުރިހާ ޤައުމުތަކެއްގެ ސިފައިންގެ ފައުޖުތައް އެމެރިކާވެސް ހިމެނޭ ގޮތަށް އެޤައުމުން ބޭލުމަށެވެ. އަދި އިސްލާމިކް ސްޓޭޓާ ދެކޮޅަށް އިރާޤުގަ ކުރަމުންދާ ހަނގުރާމައިގަ އެމެރިކާ އާއި އެމެރިކާއާއި ގުޅިފައިވާ ފައުޖުތަކުން އެޤައުމުގައި އިތުރަށް ތިބެގެން އެހީތެރިކަން ދިނުމަށް އެދުމަށް ނިންމާފައިވާ ނިންމުން ބާޠިލު ކުރުމަށްވެސް މިޤަރާރުގައި ބަޔާން ކޮށްފައިއެވެ.

މީގެއިތުރުން ބޭރުގެ ޤައުމުތަކުގެ އެހީއާއެކު އައިސިސް އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ މިހާރު ނިމިފައިވާކަމަށާއި އެހެންކަމުން އެޤައުމުގައި ޙަރަކާތްތެރިވާ ސިފައިން އެޤައުމުގައި ތިބުމުގެ ބޭނުމެއް ނެތްކަމަށްވެސް ޤަރާރުގައި ވަނީ ބަޔާންކޮށްފައެވެ.

އިރާޤު ސަރުކާރުން އެހެން ޤައުމުތަކުގެ ސިފައިންގެ ފައުޖުތައް އެޤައުމުގައި ތިބޭ ތިބުން ހުއްޓުވުމަކަށް ގެނައުމަށް މަސައްކަތްކުރުމަށާއި އެހެން ގައުމަކުން އިރާޤުގެ ބިމާއި، ވައިގެ ޞަރަޙައްދާއި ކަނޑުގެ ޞަރަޙައްދު އެއްވެސް އުޒުރެއް ދައްކައިގެން ބޭނުންނުކުރެވޭ ގޮތަށް ސަރުކާރުން މަސައްކަތް ކުރުމަށް މިޤަރާރުގަ ވަނީ ގޮވާލާފައެވެ.

އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުން މިޤަރާރު ފާސްކުރި ނަމަވެސް އަދި އިރާޤު ސަރުކާރަށް މި ޤަރާރަށް ޢަމަލުކުރާކަށް ނުޖެހޭނެ އެވެ. މިނިންމުމަށް ސަރުކާރުން ޢަމަލުކުރުމަށް އެމެރިކާ ސިފައިން އިރާޤުން ބޭލުމަށްޓަކައި، ވޮޝިންޓަނާއި ބަޣުދާދާ ދެމެދު ޤާއިމުކޮށްފައިވާ އެއްބަސްވުން ބާޠިލު ކުރުމަށް ޤާނޫނު ހަދާ މަޖިލީހުން އަލުން ފާސްކުރަން ޖެހޭނެ އެވެ.

އިސްލާމިކް ސްޓޭޓް އާ ދެކޮޅަށް އިރާޤުގަ ކުރަމުންދާ ހަނގުރާމައިގައި ބައިނަލްއަޤުވާމީ ސިފައިގެން ލަޝްކަރުގައި އެމެރިކާގެ 5000 ސިފައިން ތިބެ އެވެ.

މިޞަރަޙައްދުގެ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން އިރާޤުގެ ބޮޑުވަޒީރު ޢަބްދުލް މަހުދީ އިރާޤުގަ ތިބޭ ބޭރު ޤައުމުތަކުގެ ސިފައިން ވަކިން ޚާއްޞަކޮށް އެމެރިކާ ސިފައިން އެޤައުމުން ބާލާ އެޤައުމުގެ ސަލާމަތީ ކަންކަން ކުރިޔަށް ގެންދާނެ ގޮތަކާމެދު ގޮތްތަކެއް ނިންމުމަށް ގޮވާލެއްވީ އިރާނަށް ތާޢީދުކުރާ ގްރޫޕުތަކުން އެކަމަށް އެދެމުންދާތީ އެވެ.

ހުކުރު ދުވަހު އެމެރިކާއިން ބަޣްދާދުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ވައިގެ މަގުން ދިން ޙަމަލާތަކުގައި އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިޔާ ޤާސިމް ސުލައިމާނީ ވަނީ އަވަހާރަކޮށްލާފަ އެވެ. އެއާއެކު އެޞަރަޙައްދުގެ މަޝްރަހަށް ނުތަނަވަސްކަން ވެރިވެފައިވާއިރު، އިރާޤުން ވަނީ އިރާޤުގެ ބިމުގަ އިރާނުގެ އިސް އޮފިޝަލަކު އަވަހާރަކޮށްލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ އިރާޤުގެ އިސްތިޤުލާލަށް އެމެރިކާއިން އަރައިގަތުންކަމަށް އިރާޤުން ވަނީ ސިފަކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.