ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 15:58
ސައުދީ ރަސްގެފާނު
ސައުދީ ރަސްގެފާނު
ގޫގުލް
މެދުއިރުމަތި
މެދުއިރުމަތީގެ މަޝްރަހާއި ގުޅޭގޮތުން ސައުދީ ރަސްގެފާނު އިރާގުގެ ރައީސާ މަޝްވަރާކުރައްވައިފި
 
އެމެރިކާއިން އިރާގަށް ހަމަލާދީ އިރާނުގެ އިސް އޮފިޝަލަކު އަވަހާރަކޮށްލުމާއި ގުޅިގެން އިރާގުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
 
ސައުދީ ރަސްގެފާނު މިމަޝްވަރާތައް ކުރިޔަށް ގެންދަވާފައިވަނީ އިރާގުގެ ރައީސްއާ ފޯނުން ގުޅުއްވާ

މެދުއިރު މަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ނައްތާލާނެ ގޮތްތަކާއި ގުޅޭގޮތުން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން، އިރާޤުގެ ރައީސް ބަރްހަމް ޞާލިޙާއި މަޝްވަރާކުރައްވައިފި އެވެ.

ސައުދީ ނިއުސް އެޖެންސީއާ ޙަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ ސައުދީ ރަސްގެފާނު މިވާހަކަތައް އިރާގުގެ ރައީސްއާ ދައްކަވާފައިވަނީ ފޯނުން ގުޅުއްވައެވެ. އަދި އިރާޤުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަޢުދީ އަރަބިއްޔާއިން ސަޕޯޓްކުރާކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވިކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

ހުކުރު ދުވަހު އީރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިޔާ ސުލައިމާނީ ވަނީ އެމެރިކާއިން ވައިގެ މަގުން އިރާޤަށް ދިން ޙަމަލާތަކެއްގައި އަވަހާރަކޮށްލާފަ އެވެ. އެކަމާއި ގުޅިގެން އެޞަރަޙައްދުގެ ހަމަޖެހުން ގެއްލިގެންގޮސް ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އެމެރިކާއިން އިރާޤަށް ޙަމަލާދީ އީރާނުގެ އިސް އޮފިޝަލަކު އަވަހާރަކޮށްލުމާއި ގުޅިގެން އިރާޤުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން އިރާޤުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހުދީ ވަނީ މި ހަމަލާ ކުށްވެރިކުރައްވާ މިއީ ހަނގުރާމައެއްގެ ހުޅު ރޯކުރުން ކަމުގައި ވިދާޅުވެފަ އެވެ. މީގެއިތުރުން ސުލައިމާނީ އަވަހާރަކޮށްލުމަކީ އިރާޤުގައި ހަމަނުޖެހުންތައް ހިނގުމަށް މަގުފަހިވާނެ ކަމެއްކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފަ އެވެ. އަދި އިރާޤާއި ރަހުމަތްތެރި އެހެން ޤައުމެއްގެވެސް އިސް އޮފިޝަލަކު އަވަހާރަކޮށްލުމަށް މިފަދަ ޙަމަލާއެއް އިރާޤުގައި ދިނުމަކީ އެޤައުމުގެ އިސްތިޤުލާލަށް ބުރުއަރާނެ ކަމެއްކަމަށް މަހުދީ ވަނީ ސިފަކުރައްވާފަ އެވެ.

ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާޤުގައި އެމެރިކާގެ އެމްބަސީ ހުންނަ ޞަރަޙައްދަށް ހޮނިހިރު ދުވަހު ވަނީ ރޮކެޓް ޙަމަލާއެއް ދީފަ އެވެ. އަނެއްކޮޅުން އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މި ބައްދަލުވުން ބޭއްވުމަށް ނިންމީ އިރާޤުގެ ބޮޑު ވަޒީރު އިރާގުގެ ސަލާމަތާއި ގުޅޭގޮތުން ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން ގޮތެއް ނިންމެވުމަށް ގޮވާލެއްވުމުންނެވެ.

އިރާޤުގައި ޙަރަކާތްތެރިވާ ބޭރުގެ ފައުޖުތައް އެޤައުމު ދޫކޮށް ދިޔުމަށް ގޮވާލާ ގޮވާލުންތައް ވަނީ އިތުރުވެގެން ގޮސްފައެވެ. އޭގެތެރޭގައި އެޤައުމުގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައްވެސް ހިމެނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
13%
75%
0%
13%
0%
0%
ކޮމެންޓް