ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 09:38
އޮސްޓްރޭލިއާގެ ބޮޑު ވަޒީރު، ސްކޮޓް މޮރިސަން
އޮސްޓްރޭލިއާގެ ބޮޑު ވަޒީރު، ސްކޮޓް މޮރިސަން
ގޫގުލް
އޮސްޓްރޭލިއާ އަލިފާންގަނޑު
އޮސްޓްރޭލިއާ އަލިފާންގަނޑު: ބޮޑު ވަޒީރެއް ނެތޭ ބުންޏަސް އެއީ ދޮގެއް ނޫން!
 
އެ ދަނޑިވަޅުގައި ޗުއްޓީ ހޭދަކޮށްލެއްވުމަށް އާއިލާއާއި އެކު ހަވާއީ އަށް ވަޑައިގަތް
 
ހާދިސާގެ ތެރޭގައި އާއަހަރު ފާހަގަކުރުމަށް ކްރިކެޓް މުބާރާތެއް ބޭއްވުމަށް ނިންމެވި

2019 ވަނަ އަަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން އޮސްޓްރޭލިއާގެ ޖަންގަލިތަކުގަޔާއި، އެޤައުމުގެ އެކި ޞަރަޙައްދުތަކުގަ ރޯވި އަލިފާންގަނޑު ހުއްޓުމެއްނެތި ފެތުރެމުންދާތީ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ދުނިޔޭގެ ތިމާވެއްޓާއި މޫސުމަށް އަންނަމުންދާ ބަދަލުތައް ދިރާސާ ކުރާ ފަރާތްތަކާއި އެކަންކަމަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާ އަދި އެނޫންވެސް ގޮތްގޮތަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކި ޤައުމުތަކުގެ ބޮޑެތި ބޭފުޅުން މިކަންކަމަށް ކަންބޮޑުވުން ފާޅު ކޮށްފައިވާއިރު، އޮސްޓްރޭލިއާގެ ރައްޔިތުން މިއަދު ޖެހިފައިވާ ޙާލު އެހެން ޤައުމުތަކަށް ބަޔާންކޮށްދޭން ހުންނެވި ބޭފުޅާ މިއަދު ހުންނެވީ ހަނުއެވެ. މުޅި ޤައުމު އަނދަމުންދާއިރު އެ ޤައުމުގެ ބޮޑު ވަޒީރެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށް މުޅި ދުނިޔެ ވެސް ޤަބޫލު ކުރެއެވެ.

އޮސްޓްރޭލިއާ ރައްޔިތުންގެ ނުރުހުމުގެ ފެށުމަކަށް ވެގެންދިޔައީ އޮސްޓްރޭލިއާގެ އަލިފާންގަނޑު ފެތުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅުމެއް ނެތް ކަމަށް ޤަބޫލުކުރެއްވުމެވެ. އަދި ޤައުމުގެ ޙާލަތާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް މޮރިސަން ބީރު ކަންފަތެއް ދެއްވިކަމަށް އެޤައުމުގެ ރައްޔިތުން ސިފަ ކުރަން ފެށީ އާއަހަރު ފާހަގަކުރުމަށް ކްރިކެޓް މުބާރާތެއް ބޭއްވުމަށް ނިންމެވުމާއި އެކުއެވެ.

އެންމެ ބޮޑަށް މޮރިސަން އަށް ޢަމާޒުވެގެން ދިޔައީ އޮސްޓްރޭލިއާގެ ޖަންގަލިތަކުގަ ހުޅުގަނޑު ގަދަޔަށް ހިފާފައި އޮތް ދަނޑިވަޅުގައި ޗުއްޓީ ހޭދަކޮށްލެއްވުމަށް ޢާއިލާއާއި އެކު ހަވާއީއަށް ވަޑައިގަތުމާ އެކުއެވެ. ފާޑުކިއުންތައް ޢަމާޒުވުމާއެކު ދަތުރު ކުރުކޮށްލެއްވިއެވެ. އަދި އޮސްޓްރޭލިއާގެ އެތައް ބައެއްގެ ގެދޮރު ގެއްލި ގިނަ ޢާއިލާތަކެއް ޙާލުގަ ޖެހުނު ވަގުތު ޗުއްޓީ އަށް ވަޑައިގެންނެވުމުން ފަހުން އެކަމާ މަޢާފަށް ވެސް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ރައްޔިތުންގެ ނުރުހުމަކަށް ބަދަލެއް ނާދެއެވެ.

މުޅި އޮސްޓްރޭލިއާގެ ރައްޔިތުންގެ ފާޑުކިއުންތައް އެޤައުމުގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަންއަށް ޢަމާޒުވެފައިވާއިރު، ރައްޔިތުންގެ ނުރުހުން އެންމެ ބޮޑަށް ފާޅު ކުރީ އަލިފާން ރޯވެފައިވާ ޞަރަޙައްދުގެ ޙާލަތު ބެއްލެވުމަށް އެމަނިކުފާނު އެ ޞަރަޙައްދުތަކަށް ވަޑައިގެންނެވިއިރެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގަ އެމަނިކުފާނުގެ މިދަތުރުފުޅުގަ ޙާލުގަ ޖެހުނު ފަރާތްތަކާއި ބައްދަލުކޮށްފައިވެއެވެ. އެގޮތުން ބައެއް މީހުން މޮރިސަންއާއި ސަލާންވެސް ކުރަން އުޒުރުވެރިވިކަމަށް ރިޕޯޓުތަކުން ހާމަވެއެވެ. ރައްޔިތުން އެކަނިތޯއެވެ؟ އަލިފާން ނިއްވުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ ސިފައިން ނުވަތަ ފަޔަރ ފައިޓަރުންގެ ނުރުހުންވެސް އިންތިހާއެވެ.

ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި އަލިފާން ނިއްވާ ސިފައިންނަށް އެކަށީގެންވާ މުސާރައެއް ނުލިބެއެވެ. އެގޮތުން އެޤައުމުގެ ރައްޔިތުންދަނީ އެމީހުންނަށް ޙައްޤު މިންވަރު ދިނުމަށް މޮރިސަންއަށް ގޮވާލަމުންނެވެ. އަދި އަލިފާން ނިއްވުމަށްޓަކައި ބޭނުންވާ ދުރު ރާސްތާ ޕްލޭން އެކުލަވާލުމަށް އެކަމުގެ ތަޖުރިބާކާރު ފަރާތްތަކުން މޮރިސަންއާއި ބައްދަލުކުރުމަށް އެދުމުން އެކަމަށް ވެސް ދެއްވީ ބީރު ކަންފަތެކެވެ. މިކަމާއި ގުޅިގެންވެސް ގިނަ ބައެއްގެ ފާޑުކިއުންތަކެއް މޮރިސަންއަށް ވަނީ ޢަމާޒުވެފައެވެ.

އޮސްޓްރޭލިއާގަ އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް 21 މީހުންގެ ފުރާނަވަނީ ގެއްލިފައެވެ. އެގޮތުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިންގެ ދެމީހެއްގެ ފުރާނަ ގެއްލިފައިވެއެވެ. އަދި 1200 އަށް ވުރެ ގިނަ ބައެއްގެ ގެދޮރު ހަލާކުވެފައިވެއެވެ. ދުމުގެ އަސަރުގެ ސަބަބުން ވައި ނުސާފުވެ، އެތައް ބައެއްގެ ޞިއްޙަތަށް ގެއްލުންވަމުންދާކަމަށް ޞިއްހީ މިާހިރުން ބުނެއެވެ. މީގެއިތުރުން އެޤައުމަށް އިޤްތިޞާދީ ގޮތުން ބޮޑު ގޮންޖެހުންތަކާއި ކުރިމަތިވާއިރު އެޤައުމުގެ ރައްޔިތުން ސިފަ ކުރަނީ ބޮޑު ވަޒީރެއް ނެތް ކަމަށެވެ. ގިނަ ބަޔަކު މޮރިސަންގެ އިސްތިޢުފާއަށް ގޮވަމުންދާއިރު އަނެއް ބަޔަކު ބުނަމުންދަނީ ދެވަނަ ދައުރަކަށް އޭނާ ނުހޮވޭނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
5%
0%
21%
37%
26%
11%
ކޮމެންޓް