ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 13:02
ފުލުހުންގެ އޮފިސަރުން އާންމުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދެނީ
ފުލުހުންގެ އޮފިސަރުން އާންމުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދެނީ
އަލްޖަޒީރާ
އިންޑޮނޭޝިޔާ
އިންޑޮނޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 47 އަށް
 
އިންޑޮނޭޝިޔާގެ މީޓިއޮރޮލޮޖީން ހާމަކުރާ ގޮތުގައި ޖަކާޓާއަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭ ވެހޭނެ
 
30 މިލިއަން މީހުންވަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ތާށިވެފައި
 
ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާތަކާއި ގުޅިގެން ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވަނީ ވަޅުލެވިފައި

އިންޑޮނޭޝިޔާއަށް ކުރި މޫސުމީ ވިއްސާރައާއި ގުޅިގެން ފެންބޮޑުވެ އެތައް ހާސް ބަޔަކަށް ގެދޮރު ދޫކޮށް ވަގުތީ ހިޔާތަކުން ބޯހިޔާވަހިކަން ހޯދަންޖެހިފައިވާއިރު މިހާތަނަށް މި ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 47 ށް އަރާކަަމަށް އެގައުމުގެ އޮފިޝަލުން ބުނެފިއެވެ.

އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގެ އެކި ޑިސްޓްރިކްޓްތަކުގައި މި ވިއްސާރައާއި ގުޅިގެން ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާތަކާއި ގުޅިގެން ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވަނީ ވަޅުލެވިފައެވެ.

އިންޑޮނޭޝިޔާގެ ނޭޝަނަލް ޑިޒާސްޓަރ މިޓިގޭޝަން އެޖެންސީގެ ސްޕޯކްސްމަން ބުނެފައިވަނީ މީހުން ގެނބުމާއި ކަރަންޓުގައި ޖެހުންފަދަ ހާދިސާތައް ދިމާވެފައިވަނީ އާ އަހަރާއި ދިމާކޮށް ހުއްޓުމެއްނެތި އެގައުމަށް ކުރި ވިއްސާރައިގައި ކޯރުތައް ބަންޑުންވެ ބިންގަނޑު ކަނޑައިގެންދިޔުމުން ކަަމަށެވެ.

މާބޮޑަށް ފިނީގެ އަސަރުކޮށްގެން އުމުރުން ދުވަސްވީ ތިން މީހަކު ވަނީ މަރުވެފައެވެ.

މިއީ 2007 ވަނަ އަހަރަށްފަހު އެގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ އެންމެ ނުރައްކާތެރި ހާދިސާއެވެ. 2007 ވަނަ އަހަރު އެގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި 80 މީހުން ވަނީ 10 ދުވަސް ތެރޭގައި މަރުވެފައެވެ.

ވާރޭ ވެހޭތާ ހަތަރު ދުވަސް ވެފައިވާއިރު އެސަރަހައްދުގައި ދިރިއުޅޭ 30 މިލިއަން މީހުންވަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ތާށިވެފައެވެ. މިސަރަހައްދުތަކަކީ އެގައުމުގެ ފަގީރު މީހުން ދިރިއުޅޭ ސަރަހައްދުތައް ކަަމަށްވެއެވެ.

173،000 މީހުންނަށް އަދިވެސް އެމީހުންގެ ގެތަކާ ހަމައަށް ނުފޯރާކަމަށްވެއެވެ. އަދި 152،000 ހާސް މީހުންނަށް ވުރެ ގިނަ މީހުންނަށް ވަގުތީ ހިޔާތަކުން އެހީހޯދަން ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހޮނިހިރު ދުވަހު ވަނީ އެތައް ހާސް ބަޔަކަށާއި ވިޔަފާރި ކުރާ ތަންތަނަށް އަލުން ކަރަންޓު ދީފަ އެވެ. އަދި ޖަކާޓާގެ އެއަރޕޯޓްވެސް ބުރާސްފަތި ދުވަހު ވަނީ އަލުން ހުޅުވާފަ އެވެ. މިއެއަރޕޯޓްގެ ރަންވޭވަނީ ފެންބޮޑުވުމުގެ ސަބަބުން ފެނު އަޑީގައެވެ.

އިންޑޮނޭޝިޔާގެ މީޓިއޮރޮލޮޖީން ހާމަކުރާ ގޮތުގައި ޖަކާޓާއަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭ ވެހޭނެކަމަށް ލަފާކުރެވެ އެވެ. އަދި މުޅި އިންޑޮނޭޝިޔާއަށް އަންނަ މަހާ ޖެހެންދެން ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ.

ޖަކާޓާ ހިމެނޭ އެސަރަހައްދުގައި 30 މިލިއަން މީހުން ދިރިއުޅެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް