ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 03:15
ސުލައިމާނީ- ސުލައިމާނީ އަވަހާރަކޮށްލުމާއެކު މަޝްރަހުގައި ވަނީ ނުތަނަވަސްކަން އިތުރުވެފައި
ސުލައިމާނީ- ސުލައިމާނީ އަވަހާރަކޮށްލުމާއެކު މަޝްރަހުގައި ވަނީ ނުތަނަވަސްކަން އިތުރުވެފައި
ރޮއިޓަރސް
އެމެރިކާ - އިރާނު
ސުލައިމާނީގެ މަރު: މަޝްރަހު އިތުރަށް ހޫނުނުކުރުމަށް ގައުމުތަކުން ގޮވާލައިފި
 
ދުނިޔޭގެ ގައުމުތަކުން ވަނީ މަޝްރަހު އިތުރަށް ހޫނުނުކުރުމަށް ގޮވާލާފައި
 
އެމެރިކާއިން ދިން ހަމަލާގައި ސުލައިމާނީ އަވަހާރަވެފައިވާއިރު މެދުއިރުމަތީގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައި

އިރާގުގެ ބަޣްދާދަށް ވަޑައިގެން އެގައުމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން ކާރެއްގައި ނިކުންނަވަނިކޮށް އެކާރަށް އެމެރިކާއިން ދިން ހަމަލާތަކެއްގައި އީރާންގެ އެންމެ ވަރުގަދަ ލަޝްކަރު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕް (އައިއާރުޖީސީ)ގެ ގުދުސް ފޯސްގެ ވެރިޔާ އަދި އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ މިވަނީ އަވަހާރަކޮށްލާފަ އެވެ. ހުކުރު ދުވަހު ދިން މިހަމަލާގައި ސުލައިމާނީ އަވަހާރަވެފައިވާއިރު މެދުއިރުމަތީގެ މަޝްރަހު މިވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ.

އެމެރިކާއިން ދިން މިހަމަލާތަކުގައި އިތުރު ހަ މީހަކު މަރުވެފައިވާއިރު މީގެތެރޭގައި އިރާނުން ވާގިދޭ ޕޮޕިޔުލަރ މޯބަލައިޒޭޝަން ފޯރސްގެ ކޮމާންޑަރެއް ކަމަށްވާ އަބޫ މަހްދީ އަލް މުހަންދިސްވެސް ވަނީ އަވަހާރަކޮށްލާފައެވެ. މިހަމަލާތަކާއެކު އިރާނާއި އެމެރިކާ އާ ދެމެދު ޒަމާނުއްސުރެ އޮންނަ ރުޅިވެރިކަން ފަޅައިގެންގޮސް ހަނގުރާމައެއް ފަށާފާނެކަމުގެ ބިރު މިވަނީ ހީވެފައެވެ. އެއާއެކު ގައުމުތަކުން މިވަނީ މަޝްރަހު ފިނި ކުރުމަށް ގޮވާލާފަ އެވެ. އެސަރަހައްދުގެ ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ލީޑަރުން މިވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އިރާނު:

އެމެރިކާއިން ދިން ހަމަލާގައި ސުލައިމާނީ އަވަހާރަކޮށްލުމާއެކު އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ އަލީ ހުމައިނީ ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދެއްވާ މިކަމުގެ ބަދަލު ހިފާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިރާނުގެ ފޮރިން މިނިސްޓަރ ޖާވިދް ޒާރިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމެރިކާގެ މިއަމަލަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި މިކަމުގައި ދެން ހިނގާ ކަންކަމުގެ ޒިންމާ އެމެރިކާއިން ނަގަންޖެހޭނެ ކަމަށްވެސް ޖާވިދް ވަނީ ވިދާޅުވެފައެވެ.

އިރާނުގެ ރައީސް ހަސަން ރޫހާނީވެސް ވަނީ ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން މިކަމުގެ ބަދަލުހިފުން އޮންނާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އިރާޤު:

އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހުދީ ވަނީ މިހަމަލާ ކުށްވެރިކުރައްވާ މިއީ ހަނގުރާމައެއްގެ ހުޅު ރޯކުރުން ކަމުގައި ވިދާޅުވެފަ އެވެ.

މީގެއިތުރުން ސުލައިމާނީ އަވަހާރަކޮށްލުމަކީ އިރާގުގައި ހަމަނުޖެހުންތައް ހިނގުމަށް މަގުފަހިވާނެ ކަމެއްކަމަށް ވިދާޅުވެފަ އެވެ. މީގެއިތުރުން އިރާގާއި އަދި އިރާގާއި ރަހުމަތްތެރި އެހެން ގައުމެއްގެވެސް އިސް އޮފިޝަލަކު އަވަހާރަކޮށްލުމަށް މިފަދަ ހަމަލާއެއް އިރާގުގައި ދިނުމަކީ އެގައުމުގެ އިސްތިގުލާލަށް ބުރުއަރާނެ ކަމެއްކަމަށް މަހުދީ ވަނީ ސިފަކުރައްވާފަ އެވެ. އަދި މިކަމުގެ ސަބަބުން އިރާގާއި އެސަރަހައްދުގައި އަދި ދުނިޔޭގައިވެސް ހަނގުރާމަ ހިނގުމަށް މަގުފަހިވެގެންގޮސްފި ކަމަށް މަހުދީ ވިދާޅުވި އެވެ.

ސީރިޔާ:

ސީރިޔާ ސަރުކާރުން ވަނީ އެމެރިކާއިން ދިން މިހަމަލާ ކުށްވެރިކޮށްފަ އެވެ. އަދި މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އިތުރަށް ތެޔޮ އެޅުންކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ މިހަމާލައަކީ މަޝްރަހު އިތުރަށް ހޫނު ކުރުމަށް ކޮށްފައިވާ ކަމެއްކަމަށާއި އަދި "ކްރިމިނަލް ގޭންގެއް" ގެންގުޅޭފަދަ އުސޫލުތައް އެމެރިކާއިން ގެންގުޅޭކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.

ތުރުކީ:

ތުރުކީގެ ފޮރިން މިނިސްޓަރވެސް އެމެރިކާގެ މިއަމަލު ސިފަ ކުރެއްވީ މަޝްރަހު އިތުރަށް ހޫނުވެ ނުތަނަވަސްކަން އިތުރުވާނެ ކަމެއްގެ ގޮތުގައެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާ އާއި އިރާނާ ދެމެދު އޮތް ނުތަނަވަސްކަމުގެ ގުޅުމާމެދު އެގައުމުން ކަންބޮޑުވާކަމަށެވެ. އަދި އެކަމުގައި އިރާގު ބޭނުންކުރުމަކީ އެސަރަހައްދުގެ ހަމަނުޖެހުން ނެތިގެންދިޔުމަށް ލިބިގެންދިޔަ ބާރެއްކަމަށް ތުރުކީން ވަނީ ސިފަކޮށްފައެވެ.

ރަޝިޔާ:

ރަޝިޔާއިންވެސް ވަނީ އެމެރިކާގެ މިހަމަލާގެ ސަބަބުން އެސަރަހައްދުގެ ހަމަޖެހުން ގެއްލިގެންގޮސް ނުތަނަވަސްކަން އިތުރުވާނެ ކަމަށް ބުނެފަ އެވެ.

ސުލައިމާނީ އަކީ އިރާނުގެ ގައުމިއްޔަތު ދިފާޢުކޮށް އިރާނަށްޓަކައި މަސައްކަތްކުރި ވަފާތެރި މީހެއްކަމަށާއި ސުލައިމާނީ އަވަހާރަކޮށްލުމުން އެކަމުގެ ހިތާމައިގައި ރަޝިޔާއިން ބައިވެރިވާކަމަށް އެގައުމުން ވަނީ ބުނެފައެވެ. އަދި އިރާނުގެ ރައްޔިތުންނަށް ތައުޒިޔާގެ މެސެޖް ރަޝިޔާއިން ވަނީ ފޮނުވާފަ އެވެ.

އދ:

އދ ގެ ސެކެޓްރީ ޖެނެރަލް ޖެނެރަލް އެންޓޯނިއޯ ގުޓާރެސް ވަނީ މެދުއިރުމަތީގައި އުފެދުމުންދާ ނުތަނަވަސްކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ސެކެޓްރީ ޖެނެރަލްގެ ސްޕޯކްސް ޕާސަން ވިދާޅުވެފައިވަނީ މިއީ ދުނިޔޭގެ ގައުމު ތަކުގެ ލީޑަރުން އެންމެ ބޮޑަށް ސުލްހައަށް މަސައްކަތްކޮށް މަޝްރަހު ފިނިކުރުމަށް މަސައްކަތް ކުރަންޖެހޭ ވަގުތުކަމަށް ސެކެޓްރީ ޖެނެރަލް ވިދާޅުވެފައިވާ ކަމަށެވެ.

ޗައިނާ:

ހަމަލާތަކާ ގުޅިގެން ޗައިނާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މަޝްރަހު ފިނުކުރުމަށް މަސައްކަތްކުރުމަށް ގޮވާލާފައެވެ. ވަކިން ޚާއްސަކޮށް އެމެރިކާއަށް އެކަން ކުރުމަށް ވަނީ ގޮވާލާފަ އެވެ.

ހުރިހާ ފަރާތްތަކަކުންވެސް، ވަކިން ޚާއްސަކޮށް އެމެރިކާއިން އިތުރަށް މަޝްރަހު ހޫނުނުކޮށް އިތުރު ހަމަނުޖެހުމަށް ނުދާނެގޮތަކަށް އަމަލުކުރުމަށް ޗައިނާއިން ނެރުނު ބަޔާނުގައިވަނީ ގޮވާލާފަ އެވެ.

އިސްރޭލް:

އިސްރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާއިން ދިން ހަމަލާއަކީ އެގައުމުން ދިފާއުގައި ދިން ހަމަލާއެއް ކަމަށާއި އެމެރިކާއަށް އެ ހައްގު އެބައޮތް ކަމަށެވެ.

ނަތަންޔާހޫގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސުލައިމާނީ އަކީ އެތައް ހާސް އެމެރިކާގެ ރައްޔިތުންނާއި ކުށެއް ނުކުރާ އެތައް ބަޔަކު މަރާފައިވާ މީހެއްކަމަށާއި އަދި ސުލައިމާނީ ވަނީ އެފަދަ އެތައް ހަމަލާއެއް ދިނުމަށް ރާވާފައިކަމަށެވެ.

ޖަރުމަނު ވިލާތް:

ޖަރުމަނު ވިލާތުގެ ޗާންސެލަރ އެންގެލާ މާކެލްގެ ސްޕޯކްސްވުމެން ވެސް ވަނީ އެސަރަހައްދުގައި އިތުރު ހަމަނުޖެހުމަކަށް މަގު ފަހިނުވާނެ ގޮތަކަށް މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.

މި ސަރަހައްދު އޮތީ ހަނގުރާމައެއްގެ ހުޅުފަޅައިގެން ދިޔުމުގެ ތުންފަތްމަތީގައި ކަމަށާއި ހަމަނުޖެހުމަށް މަގުފަހިނުވާނެ ގޮތަކަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރުމަކީ މިވަގުތު މުހިންމުކަމެއްކަމަށް ސްޕޯކްސްވުމެން ވަނީ ވިދާޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
7%
3%
3%
85%
2%
0%
ކޮމެންޓް
5 ޖެނުއަރީ 2020 | އާދީއްތަ 22:06
މަޑުކަށި ފިކުރު
ދިވެހި ސަރުކާރާއި އެމްޑިޕީ އިން ސިފަ ކުރާ ގޮތުގައި މިއީ ޓެރިރސްޓުންނާއި ދެކޮޅައް ދެވުނު ގެއްލުން ކުޑަ ހަމާލާއެއް. ރާއްޖެ އެމްވީ އިން ބުނާ ގޮތުގައި އީރާނުން ނަދަނީ ގައުމުތަކުގެ މަސްލަހަތު ނަގާލާ ނިރުބަވެރި ހަގުރާމަ ވެރިން އުފައްދަމުން. ރައީސް ނަޝިދު ހަވާލާދީ ރާއްޖެ އެމްވީ ބުނާ ގޮތުގައި ހަރުަކށި ފިކުރުގެ ވަރައް ގިނ ދިވެހިން އީރާނުގައި އެބަތިބީ