ކ. މާލެ
|
3 ޖެނުއަރީ 2020 | ހުކުރު 17:34
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރާއްޖެ އެމްވީ
މަގޭ ރިޕޯޓް
ގާނޫނާ ހިލާފުވި ބައެއް ބޭފުޅުން އަދިވެސް މަގާމުތަކުގައި!
 
ބްރޯޑްކޮމްގެ ބައެއް މެމްބަރުންނާމެދު ފިޔަވަޅުއެޅި، އަނެއްބައި މެމްބަރުން އަދި ވެސް މަގާމުގައި
 
ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުވެސް ޕީޕީއެމް ހަރަކާތްތަކުގައި ބައިވެރިވެފައިވޭ، ގާނޫނީ ކުށެއް
 
ސީއެސްސީގެ ރައީސް ރައީސް ޔާމީންގެ ކެމްޕެއިންގައި އުޅުއްވިކަމަށްވޭ، ސިޔާސީ އެފަދަ ހަރަކާތެއްގައި އުޅުމަކީ ގާނޫނީ ކުށެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ނުފޫޒުވަނީ އެހެނެއް ނޫނެވެ. މިނިވަން މުއައްސަސާއެއް، ޝަރުއީ ކޯޓެއް، ނުވިތާކަށް ރައްޔިތުންގެ މަޖިލީހަށް ނުފޫޒުވަދެ، ދައުލަތުގެ ހިންގުމުގެ މުޅި ނިޒާމު ގަޑުބަޑު ކޮށްލި އެވެ.

ދައުލަތް ހިންގުމުގެ މުޅި ނިޒާމު ގަޑުބަޑުކޮށް، އިންތިހާއަށް ވައްކަމާއި، ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން، ވެރިކަން ކުރަމުންދިޔަ ބޭފުޅަކު އިތުރު ދައުރަކަށް ފުރުސަތު ނުދޭން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން ވަނީ ނިންމާފަ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ނެގޭނެ ހުރިހާ ބާރަކާއި ނުފޫޒެއް ބޭނުންކޮށްގެން، ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމަށް ނުވަތަ އިންތިހާބު ބާތިލް ކުރުމަށް ސަރުކާރުން މަސައްކަތް ކުރިނަމަވެސް، އެހާސާފުކޮށް، ރައްޔިތުން ނިންމާފައިވާ ނިންމުމެއް ބަދަލު ކުރުމަކީ، ސުޕްރީމް ކޯޓަށްވިޔަސް އެހާ ފަސޭހަ ކަމަކަށް ނުވާނެތާއެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ރައީސް ޔާމީނަށްޓަކައި ބާތިލް ކުރިނަމަވެސް، އެފަހަރު ވަކި މީހަކު އިންތިހާބު ވެފައެއް ނުވެއެވެ. އެހެންކަމުން، އަލުން އިންތިހާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ނިންމުމަކީ އޭރު ސުޕްރީމް ކޯޓު އޮތް ހާލަތަށް ބަލާއިރު ކޮށްފާނެ ކަމެއް ކަމަށް ގަބޫލު ކުރެވިފައިވެއެވެ. އަދި ރައީސް ޔާމީން ބޭނުންވާ ގޮތަށް ވަކި ބައްޓަމަކަށް ވަކި ގައިޑްލައިނެއްގެ ދަށުން އިންތިހާބު ބޭއްވުމަށް އަމުރު ކުރުމަކީ ރައީސް ޔާމީނަށްޓަކައި ސުޕްރީމް ކޯޓުން އޭރު ކުރެއްވި ކަމެއް ކަމަށް ވެދާނެ އެވެ.

2018 ވަނަ ރިޔާސީ އިންތިހާބުގައި މުޅި ދައުލަތުގެ ހުރިހާ ވަސީލަތަކާއި، މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ރައީސް ޔާމީން ކެމްޕެއިން ކުރެއްވި ނަމަވެސް، އެ އިންތިހާބުގައި ރައީސް ޔާމީނާ ވާދަކުރައްވާފައިވަނީ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނެވި އިބްރާހީމް މުހައްމަދު ސޯލިހު އެކަންޏެވެ. އޭގެ މާނައަކީ، ފުރަތަމަ ބުރުން އެ ދެ ބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކަށް 50 ޕަސެންޓަށްވުރެ މަތިން ވޯޓު ލިބި، ރިޔާސީ އިންތިހާބުގެ ވޯޓުލުން ފުރަތަމަ ބުރުން ނިމުމެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބޮޑުތަނުން ރައީސް ޔާމީން ބަލިކޮށްލުމުން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލް ކޮށްދިންނަމަވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުންވެސް ރައްޔިތުންގެ ވަރަށް ބޮޑު އަޣްލަބިއްޔަތަކުން ވަނީ ގޮތެއް ނިންމާފައެވެ. އެހެންވީމާ ސުޕްރީމް ކޯޓަށް ވެސް ދުނިޔޭގެ ލަދަށް ކޮންމެވެސް ވަރަކަށް ބަލާލާނެތާއެވެ.

ދައުލަތުގެ ފައިސާއާ މުދަލުން ބޮޑެތި ވައްކަންތަކެއް ކުރި ސަރުކާރަކަށް ރައްޔިތުން ނޫނެކޭ ބުނެ، ދުރުކުރިއިރު، އެ ސަރުކާރަށް ވާގިވެރިވި، ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން އަދިވެސް މަގާމުތަކުގައި އެބަތިއްބެވި އެވެ.

ރައްޔިތުންގެ ވަނީ ރައްޔިތުންނާ ހަވާލުކުރި ޒިންމާ ވަރަށް ފުރިހަމައަށް އަދާކޮށްދީފަ އެވެ. ދައުލަތުގެ ފައިސާއާ މުދަލުން ވައްކަންކުރި، ސަރުކާރު ބަދަލުކޮށް، ވެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކޮށްފި އެވެ. އަދި ސަރުކާރަށް އެކަނި، ދައުލަތުގެ ހިންގުމުގެ ނިޒާމުގައި ހުރި އުނި ކަންތައްތައް ބަދަލު ނުކުރެވޭނެކަމަށް ފެންނާތީ، ރައްޔިތުންގެ މަޖިލިސް ވެސް ސަރުކާރު މެމްބަރުން އިންތިހާބުކޮށް، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ދީފި އެވެ. އެހެން ކަމުން މިހާރު "ބޯޅަ" އޮތީ، އެމްޑީޕީއާ ހަވާލުކޮށްފަ އެވެ. އެޕާޓީން ޖަހާނެ ގޮތަކަށް "ބޯޅަ" ގޯލަށް ޖެހުމުގެ ފުރުސަތު އެއޮތީ ލިބިފަ އެވެ.

ޖުޑީޝަރީ އިސްލާހު ކުރުމަކީ، ރައީސް ސޯލިހުގެ ސަރުކާރުންނާއި އެމްޑީޕީން ވެސް އެންމެ ބޮޑަށް ވަކާލާތު ކުރި އެއްކަމެވެ. ޖުޑީޝަރީ އިސްލާހު ކުރެވެން އޮތީވެސް، ސަރުކާރަށް ރައްޔިތުންގެ މަޖިލިސް ލިބިގެންނެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބުމުން، ޖުޑީޝަރީ އިސްލާހުވާތަންވެސް ވަނީ ފެންނަން ފަށައިފަ އެވެ. ނުބައި ހެދި އެންމެބޮޑެތި، ފަނޑިޔާރުންތައް ބޭރުކޮށްފި އެވެ. އަދިވެސް ވަކިކުރަންޖެހޭ ބައެއް ފަނޑިޔާރުން އެބަތިއްބެވެ. އަދި މިނިވަން މުއައްސަސާތަކުގައި ވެސް އެބަތިއްބެވެ.

ސަރުކާރާއި މަޖިލީހުގެ މަސައްކަތުން، ސުޕްރީމް ކޯޓު "ކްލިއާރ" ވެއްޖެކަމަށް ބުނުމުގެ ފުރުސަތު މިހާރު އެބައޮތެވެ. ދެން އޮތީ ހައިކޯޓެވެ. ހައިކޯޓުގެ މިހާރުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަކީ ރައީސް ޔާމީންގެ ކެމްޕެއިންތަކުގައި އުޅުއްވި ބޭފުޅެކެވެ. ހައި ކޯޓު ފަނޑިޔާރު މުހައްމަދު ފައިސަލަކީ ރައީސް ޔާމީންގެ ކުރީގެ ޕާޓީ ޕީޕަލްސް އެލަޔަންސް (ޕީއޭ) ސެކްޓަރީ ޖެނަރަލްގެ މަގާމުގައި ފުރުއްވި ބޭފުޅެކެވެ. ހައިކޯޓު ފަނޑިޔާރު ހަސަން އަލީ އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ އެކިއެކި މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެބޭފުޅުން ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ ވެސް ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.

ހައިކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ކުރިއަށް އެބަދެ އެވެ. އެފަނޑިޔާރުންނާމެދު ވީހާވެސް އަވަހަކަށް ގޮތެއް ނިންމަން އެބަޖެހެ އެވެ. ހަމައެނުކުތާގައި މިހާރު އޮތް ޖޭއެސްސީން ޖުޑީޝަރީ އިސްލާހުކުރަން ކުރަމުންދާ ބުރަ ބޮޑު މަސައްކަތްވެސް ފާހަގަކުރަންޖެހެ އެވެ.

ދެން އޮތީ ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނެވެ. އޭގެތެރޭގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމަކީ ރައީސް ޔާމީންގެ ކެމްޕެއިންގައި ހަރަކާތްތެރިވި، ބޭފުޅެކެވެ. އެކޮމިޝަނުގެ ނާއިބު ރައީސް ޝަހީދު މުހައްމަދު އެކޮމިޝަނަށް އައްޔަންކޮށްފައިވަނީ، އެކޮމިޝަނުގެ މެމްބަރުކަމުގެ ޝަރުތު ފުރިހަމަ ނުވެ، ގާނޫނާ ހިލާފަށެވެ. ނަމަވެސް މިއަދާ ހަމައަށް އެކޮމިޝަނުގައި އެދެ ބޭފުޅުން އެބަތިއްބެވި އެވެ. އަދި ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ވެސް ޝަމީމު އިންނަވައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ސުލައިމާނަކީ، އޭރު އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ނުރުހުންވި އެއްބޭފުޅެވެ. އޭރު އެމްޑީޕީގެ އަތުގައި މަޖިލީހުގެ މެޖޯރިޓީ އޮތްނަމަ ވަކިކުރައްވާނެ ބޭފުކެވެ. އެހާވެސް ފާޑުކިޔުންތައް އަމާޒުވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި، ފަހުން ނޭޝަން އިންޓެގްރިޓީ ކޮމިޝަނަށް ސުލައިމާން އައްޔަން ކުރެއްވި ގޮތަށް ކޮމިޝަނުގައި ސުލައިމާނު އެބަހުންނެވި އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ނިދާފައި އޮތް ހިއުމަން ރައިޓްސް ކޮމިޝަނުގައި އޭރު ތިއްބެވި މެމްބަރުން މަގާމުތަކުގައި އެތިއްބެވި ގޮތަށް އެބަތިއްބެވި އެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފާއި ނައިބު ރައީސް އަކްރަމަށް ވެސް ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވި އެވެ. ނަމަވެސް އެ ދެ ބޭފުޅުންވެސް ހަމަ މަގާމުގައި އެބަތިއްބެވި އެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބައެއް މެމްބަރުން ވަކިކުރިއިރު، އެކޮމިޝަނުގައި ވެސް އެ ވަކިކުރި މެމްބަރުނާއެކު އެއް ރޫހެއްގައި ގާނޫނާ ހިލާފަށް މަސައްކަތްކުރި ބައެއް މެމްބަރުން މިހާރު ވެސް އެބަތިއްބެވި އެވެ. ބައެއް މެމްބަރުންނާމެދު ފިޔަވަޅު އެޅުމަށްފަހު، އަނެއް މެމްބަރުންނާމެދު ފިޔަވަޅު ނޭޅުމަކީ، ގާނޫނު ދަންނަކަމެއް ނޫނެވެ. އަދި ގާނޫނާ ހިލާފުވުމަކީ ކުށެކެވެ. އެހެންވީމާ ގާނޫނުގައިވާ ގޮތަށް އެބޭފުޅުންނާމެދު އަމަލު ކުރަން ޖެހެއެވެ. ބޯވައަކީ އޭތި އުޅޭ މާހައުލާ އެއްގޮތަށް ކުލަ ބަދަލުކުރަން ވަރަށް ކުޅަދާނަ އެއްޗެކެވެ. އެފަދަ ބޯވަތަކަކަށް ޖާގަދެނަމަ، ކަންކަން އިސްލާހްކުރުމަށްކުރާ މަސައްކަތުގައި ކުރިއެއް އޮންނާނީ ނުފެނި އެވެ. މިއީ ލައްކަ ވާހަކަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
30%
10%
10%
ކޮމެންޓް