ކ. މާލެ
|
3 ޖެނުއަރީ 2020 | ހުކުރު 17:12
އެމެރިކާގެ އިރާގުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް ދިން ހަމަލާގައި ވެހިކަލެއް އަނދަނީ
އެމެރިކާގެ އިރާގުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް ދިން ހަމަލާގައި ވެހިކަލެއް އަނދަނީ
އަލްޖަޒީރާ
އިރާގު
އިރާގުގައި ތިބި އެމެރިކާ ރައްޔިތުން ވީ އެންމެ އަވަހަށް އިރާގު ދޫކޮށް ދިޔުމަށް އަންގައިފި
 
މެދުއިރުމަތީގެ ހާލަތު ގޯސްވަމުންދާނެ ކަމުގެ ބިރާއެކު އިސްރާއީލުންވެސް ވަނީ އެގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި
 
އިރާގުގައި ތިބި އެމެރިކާގެ އެއްވެސް ރައްޔިތަކު އެމްބަސީއަށް އައިސްގެން ނުވާނެ ކަމަށް އެމެރިކާއިން ވަނީ އަންގާފައި
 
އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގައި އިރާނުގެ އިސްލާމިކް ރިވޮލިޔުޝަނަރީ ގާޑުގެ ވެރިޔާ މޭޖާ ޖެނެރަލް ގާސިމް ސުލައިމާނީ ވަނީ އަވަހާރަކޮށްލާފައި

އިރާގުގައި ތިބި އެމެރިކާ ރައްޔިތުން ވީ އެންމެ އަވަހަކަށް އިރާގު ދޫކޮށް ދިޔުމަށް ބަޣްދާދުގައި ހުންނަ އެމެރިކާ އެމްބަސީން އަންގައިފި އެވެ.

އެމެރިކާގެ އެމްބަސީން މިގޮތަށް އެގައުމުގެ ރައްޔިތުންނަށް މިއެންގީ އެމެރިކާއިން އިރާގުގެ ވެރިރަށް ބަޣްދާދުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް، އިރާނުގެ އިސްލާމިކް ރިވޮލިޔުޝަނަރީ ގާޑުގެ ވެރިޔާ މޭޖާ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އެމަޝްރަހުގައި އުފެދުމުންދާ ނުތަނަވަސްކަމާއި ގުޅިގެންނެވެ.

އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިރާނުން އެމްބަސީއަށް ހަމަލާ ދީފައިވާތީ އެމްބަސީން އެއްވެސް ޚިދުމަތެއް ނުދޭނެކަމަށާއި އިރާގުގައި ތިބި އެމެރިކާގެ އެއްވެސް ރައްޔިތަކު އެމްބަސީއަށް އައިސްގެން ނުވާނެ ކަމަށެވެ. އެމެރިކާއިން މިއިޝާރާތް ކުރަނީ މިހަފްތާގެ ކުރީކޮޅު އެމްބަސީ ތެރެއަށް ވަދެގަތުމަށް ކުރި މަސައްކަތްތަކަށެވެ.

ހުކުރު ދުވަހު އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގައި އީރާންގެ އެންމެ ވަރުގަދަ ލަޝްކަރު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕް (އައިއާރުޖީސީ)ގެ ގުދުސް ފޯސްގެ ވެރިޔާ އަދި އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އެމެރިކާ އާއި އިރާނުގެ ގުޅުންވަނީ އިތުރަށް ނުތަނަވަސްވާން ފަށާފައެވެ. މިހަމަލާތަކުގައި ސުލައިމާނީގެ އިތުރުން އިރާނުން ވާގިދޭ ޕޮޕިޔުލަރ މޯބަލައިޒޭޝަން ފޯރސްގެ ކޮމާންޑަރެއް ކަމަށްވާ އަބޫ މަހްދީ އަލް މުހަންދިސްވެސް ވަނީ އަވަހާރަކޮށްލާފައެވެ. އެހަމަލާތަކަށްފަހު ޕެންޓަގަން އިންވަނީ އެހަމަލާތައް ދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ކަމަށް ބުނެފައެވެ.

ސުލައިމާނީ އާއި އަލް މުހަންދިސްގެ މަރާއި ގުޅިގެން މެދުއިރުމަތީގައި އިރާނުން އެމެރިކާ އާއި އިސްރާއީލަށް އަމާޒުކޮށް ހަމަލާތައް ދޭނެކަން ވަނީ ޔަގީންވެފައެވެ.

އަލް މަނާރު ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ލުބުނާންގެ ހިޒްބުﷲ ލީޑަރ ސައްޔިދް ހަސަން ނަސްރުﷲ ވަނީ ސުލައިމާނީ ހިނގި މަގުން ހިނގާނެކަމަށާއި އެމެރިކާއިން ކުރަން ބޭނުންވާ ކަންތައްތައް ނާކާމިޔާބުކޮށްލާނެ ކަމަށް ބުނެފައިއެވެ. އަދި އެމެރިކާއަށް މިކަމުގެ އަދަބު ދިނުމަކީ ހުރިހާ ހަނގުރާމަވެރިންގެ ޒިންމާއެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މެދުއިރުމަތީގެ ހާލަތު ގޯސްވަމުންދާނެ ކަމުގެ ބިރާއެކު އިސްރާއީލުންވެސް ވަނީ އެގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. އިރާނުން ހިޒްބުﷲ މެދުވެރިކޮށް ނުވަތަ ފަލަސްތީންގެ ހަމާސް އަދި ގައްޒާގައި ހަރަކާތްތެރިވަމުންދާ އިސްލާމިކް ޖިހާދު މެދުވެރިކޮށް އިސްރާއީލަށް ހަމަލާއެއް ދީފާނެތީ އެގައުމު މިހާރު އޮތީ ތައްޔާރީ ހާލަތަކަށް އައިސްފައެވެ.

އިސްރާއީލްގެ ފޮރިން މިނިސްޓަރާއި ޑިފެންސް އޮފިޝަލުން ވަނީ ހައި ސެކިޔުރިޓީ އެލާޓް އިއުލާންކޮށްފައެވެ. އަދި އެގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ގްރީސްއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅު ވަނީ ކުރުކޮށްލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
5%
24%
33%
19%
0%
19%
ކޮމެންޓް