ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 19:18
އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރީގައި މުޒާހަރާ ކުރަނީ
އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރީގައި މުޒާހަރާ ކުރަނީ
އަލްޖަޒީރާ
އިރާގު
އިރާގުގައި މުޒާހަރާ ކުރާ މީހުން އެގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީ ތެރެއަށް ވަދެއްޖެ
 
މުޒާހަރާކުރަމުން ދަނީ އެމެރިކާއިން އިރާގާއި ސީރިއާ އަށް ދިން ވައިގެ ހަމަލާތަކެއްގައި 25 ހަނގުރާމަވެރިއަކު މަރުވުމާއި ގުޅިގެން

އިރާޤުގަ މުޒާހަރާކުރަމުންދާ ފަރާތްތަކުން އެޤައުމުގައި ހުންނަ އެމެރިކާގެ އެމްބަސީ ތެރެއަށް ވަދެއްޖެއެވެ.

މީީޑިޔާ ރިޕޯޓްތައް ބުނާގޮތުން މުޒާހަރާކުރާ މީހުން ވަނީ އެމެރިކާގެ އެމްބަސީގެ މައި ދޮރު ހަލާކުކޮށްލާ އެތެރެއަށް ވަދެ ރިސެޕްޝަން އޭރިއާގައި އަލިފާން ރޯކޮށްފަ އެވެ. އެއާއެެކު ޓިޔަރ ގޭހާއި ބަޑީގެ ޙަމަލާތަކުގެ އަޑު އިވިގެންދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަންޒަރު ދުށް މީހަކާ ޙަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ މަދުވެގެން އެމެރިކާ ސިފައިންގެ ތިން މީހުން އެމްބަސީގެ ފުރާޅުމަތިން ފެނިފައިވާކަމަށެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބު ސާފުނުވާކަމަށް ވެއެވެ.

މުޒާހަރާގައި އިސްކޮށް ހުރި މީހަކު ލައުޑް ސްޕީކަރުން މުޒާހަރާކުރާ ފަރާތްތަކަށް އެމްބަސީގެ އެތެރެއަށް ނުވަނުމަށް ގޮވަމުންދިޔައެވެ. އަދި ބޭނުންވާ މެސެޖް ފޯރުކޮށްދެވިއްޖެކަމަށްވެސް އެމީހާ ލައުޑް ސްޕީކަރުން ގޮވަމުންދިޔައެވެ.

އިރާޤުގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރިއަށް އެއްވެ މުޒާހަރާކުރަމުން މިދަނީ އެމެރިކާއިން އިރާޤާއި ސީރިއާ އަށް ދިން ވައިގެ ޙަމަލާތަކެއްގައި 25 ހަނގުރާމަވެރިއަކު މަރުވުމާއި ގުޅިގެންނެވެ. މިމީހުންނަކީ އީރާނުގެ ޝީޢީ ގުރޫޕަކަށް ނިޞްބަތްވާ ބައެކެވެ.

އެމެރިކާގެ ސިފައިން އާދީއްތަ ދުވަހު ޙަމަލާދީފައިވަނީ އީރާނުން ތާޢީދުކުރާ ކަތައިބް ހިޒްބުއްﷲ އަށެވެ. އެމެރިކާއިން ބުނާގޮތުން މިޙަމަލާތައް ދިނީ މިދިޔަ ހަފުތާގަ އެ ގުރޫޕުން އިރާޤުގެ އަސްކަރީ މަރުކަޒަކަށް ދިން ރޮކެޓު ޙަމަލާއެއްގަ އެމެރިކާގެ ކޮންޓްރެކްޓަރެއް މަރުވުމާއި ގުޅިގެންނެވެ.

މުޒާހަރާ ކުރާ މީހުންވަނީ ހަޝްދް އަލް ޝާބީ ގުރޫޕްގެ ދިދަ އުފުލާފައެވެ. ކަތައިބް ހިޒްބުއްﷲ އަކީ އެ ގުރޫޕްގެ ބައެކެވެ. އަންގާރަ ދުވަހު މުޒާހަރާގެ ބައިވެރިން އެމެރިކާގެ އެމްބަސީ ކައިރިއަށް ދިޔައީ ބަޣްދާދުގައި މަރުވި ހަނގުރާމަވެރިންގެ ޖަނާޒާ ބޭއްވުމަށްފަހު އެވެ.

ބައެއް ސިޔާސީ މުފައްކިރުން ބުނާގޮތުން އިރާޤުގަ އެމެރިކާ އާ ދެކޮޅަށް މިފަދަ މުޒާހަރާތައް ކުރުމުގެ މާނައަކީ 16 އަހަރު ވަންދެން އެމެރިކާއިން އިރާޤުގަ ތިބެގެންވެސް އިރާޤުގެ ރައްޔިތުންގެ ހިތްތަކުން އެމީހުންނަށް ޖާގަ ނުހޯދޭކަމުގެ ހެއްކެއް ކަަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
17%
83%
0%
0%
0%
0%
ކޮމެންޓް