ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 14:19
އާ އަހަރަކާ ދިމާކޮށް ކުރަން ބައެއް މީހުން ކަނޑައަޅާ ކަންކަން
އާ އަހަރަކާ ދިމާކޮށް ކުރަން ބައެއް މީހުން ކަނޑައަޅާ ކަންކަން
ސޯޝަލް މީޑިއާ
އާ އަހަރު
ކޮބާ މިއަހަރު ކުރަން ކަނޑައެޅި ކަންކަން ކުރެވިއްޖެތަ؟
 
އާ އަހަރާ ދިމާކޮށް ގިނަ ކަންތައްތަކެއް ކުރުމަށް ކަނޑައަޅާ މީހުން އުޅޭ

ރައްޓެއްސަކާ ދިމާވެގެން ދެކުވުނު ވާހަކައެއްގެ ތެރޭގައި ފެށުނީ އަހަރު ނިމެން އުޅޭ ވާހަކަ އެވެ. އެއާއެކު ދެ މީހުންނަށްވެސް އެއް ފަހަރާ ކަހަލަގޮތަކަށް ކޮށްލެވުނު ސުވާލަކީ އަހަރު ނިމިގެންދާއިރު ކުރެވުނީ ކޮން ކަމެއްތޯ؟ ހާސިލްކުރެވުނީ ކޮންކަމެއްތޯ؟ މިއަހަރު ކުރަން ކަނޑައެޅި ކަންތައްތައްތަކުގެ ތެރެއިން ކުރެވުނީ ކޮންކަމެއްތޯ؟ މި އަހަރު ނިމިގެންމިދަނީ ކާމިޔާބު އަހަރެއްގެ ގޮތުގައިތޯ؟

2019 ވަނަ އަހަރު ނިމެން ބާކީ އޮތީ ދެ ދުވަހެވެ. އަހަރު ނިމިގެންދާއިރު ރަހުމަތްތެރިޔާއެކު ދެކުވުނު މިވާހަކަތަކަކީ ކޮށްލެވުނު މިސުވާލަކީ ތީގެ ތެރެއިން ގިނަ ބަޔަކު އަމިއްލަ ނަފުސާ ކުރާނެ ސުވާލެއް ކަން ކަށަވަރެވެ. ކޮންމެ އަހަރެއްގެވެސް އާ އަހަރުގެ ތަހުނިޔާގެ މެސެޖްތަކާއެކު ސޯޝަލް މީޑިޔާ ފުރާލަނީ " ނިޔު އިޔަރ ރިޒޮލިޔުޝަނުން" ނެވެ. ކޮންމެ މީހަކުވެސް ކުރިޔަށް އޮތް އަހަރު އެމީހަކު ހާސިލްކުރަން ބޭނުންވާ ކަންކަމުގެ ލިސްޓެއް ތައްޔާރުކޮށް ސޯޝަލް މީޑިޔާއަށް ޕޯސްޓް ކޮށްލައެވެ. އަނެއް ބަޔަކު ސޯޝަލް މީޑިޔާގެ މެމޮރީއަށް އައިސްފައި ހުރި ކުރީ އަހަރުތަކުގެ ޕޯސްޓް ޝެއަރ ކޮށްލާ ހާސިލްކުރެވުނު މިންވަރު ޕޯސްޓުކޮށްލައެވެ.

ކޮންމެ އަކަސް އަހަރެއް ނިމިގެންދާއިރު އިންސާނާގެ ހަޔާތުން އެދަނީ 365 ދުވަހެވެ. އެ 365 ދުވަހު ކޮންމެ އިންސާނަކުވެސް ބައިވަރު ކަންކަން ކޮށްފައި ހުންނަނާނެއެވެ. ނަމަވެސް އޭގެތެރެއިން ތިމާ ހާސިލްކުރަން ބޭނުންވި ކަންކަން، ކުރަން ބޭނުންވެފައި ހުންނަ ކަންކަން ކުރެވިފައި ހުންނަނީ ބައެއް މީހުންނަށް މަދު ފަހަރެއްގަ އެވެ. ހަލަބޮލި ދިރިއުޅުމުގެ ތެރެއިން ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލްނުވެ ޖެހިގެން އޮންނަ އަހަރުގެ ނިޔު އިޔަރ ރިޒޮލިޔުޝަންގެ ތެރެއަށް އެ ކަންކަން ވަދެގެންދާ ފަހަރުވެސް މަދެއް ނޫނެވެ.

މިއަހަރު ކުރަން ކަނޑައެޅި ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް ކުރެވިއްޖެތޯ ބައެއް މީހުން ކައިރިން އަހާލީމެވެ. ގިނަ މީހުން މިއަހަރު ކުރަން ކަނޑައެޅި އެއް ކަމަކީ ބަރުދަން ލުއިކޮށް ގަވާއިދުން ކަސްރަތުކުރުމެވެ. ރަނގަޅު ދުޅަހެޔޮ އާދަތައް އަށަގެންނެވުމެވެ. ބައެއް މީހުން ބުނިގޮތުން އެކަން ހާސިލްވިއެވެ. ބޭނުންވި ގޮތަށް ހަށިގަނޑު ލުއިކޮށް ކަސްރަތު ކުރަން ފެށިއްޖެއެވެ. ނަމަވެސް އަނެއް ބަޔެއްގެ ޖަވާބަކީ " ކޮންމެ ދުވަހަކު ފަތިހު ހޭލައިގެން ދުވަންދާން ހިތުލައިގެން ހުއްޓާ އަހަރު ނިމުނީ" އެވެ. މިއީ ތީގެ ތެރެއިން ބައެއް މީހުންނަށްވެސް ހަމަ ވީވަރު ކަމަށް ވެދާނެއެވެ.

އާ އަހަރާ ދިމާކޮށް ސިގިރޭޓް ބޯ މީހުން ކުރަން ކަނޑައަޅާ ކަންކަމުގެ ތެރޭގައި ސިގިރޭޓް ބުއިން ހުއްޓާލުން ހިމެނެއެވެ. ސިގިރޭޓް ބޯ ބައެއް ރަހުމަތްތެރިންނާ މިއަހަރަށް ކުރަން ކަނޑައެޅި ކަންކަމުގެ ތެރޭގައި ސިނގިރޭޓް ބުއިން ހުއްޓާލަން ކަނޑައެޅިންތޯ އެހުމުން އެމީހުންގެ ތެރެއިން ބައެއް މީހުންގެ ޖަވާބަކީ އެއީ ކުރަން ހިތުލި ކަމެއްކަމަށާއި ނަމަވެސް އެކަން ނުވި ކަމަށެވެ. މިއީ ތީގެ ތެރެއިން ބައެއް މީހުންގެ ޖަވާބަށްވެސް ހަމަވެދާނެއެވެ. އެހެންކަމަށްވާނަމަ ދެން ކަންތައް ކުރަންވީ ގޮތް އެނގޭ ނޫންހެއްޔެވެ؟

އަނެއް ބަޔަކު މިއަހަރު ކުރަން ކަނޑައެޅި އެއް ކަމަކީ ކޮންމެސް އާ ގައުމަކަށް ދިޔުމެވެ. ރައްޓެހިންނާއެކު، އާއިލާއެކު ، ނުވަތަ އެކަނި ނަމަވެސް އާ ތަނަކަށް ޒިޔާރަތްކޮށްލާ އެތަންތާ ފޮޓޯ ނަގާ ފަހަށް ރައްކާކުރާނެ ހަނދާންތައް އިތުރުކުރުމަކީ އެއް ބަޔަކު އާ އަހަރާއެކު ކުރަން ބޭނުންވާ ކަމެކެވެ. އެއީ މިފަހަކަށް އައިސް ދިވެހިންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ބަކެޓް ލިސްޓުގައިވެސް ހުންނާނެ ކަމެއްކަން ޔަގީނެވެ. އެކަންވެސް އެއް ބަޔަކަށް ހާސިލްވިއިރު އަނެއް ބަޔަކަށް ހާސިލެއް ނުވެއެވެ. އެހެންވީމާ އެމީހުންގެ އަންނަ އަހަރުގެ ބަކެޓް ލިސްޓަށް އެތަންތަން އަނެއްކާވެސް އިތުރުވީތާ އެވެ.

އާ އަހަރާ ދިމާކޮށް ދީނީ ކަންކަމަށް ކުރިޔަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަކީވެސް އެއް ބަޔަކު ކުރަން ކަނޑައެޅި ކަމެކެވެ. އެކަންވެސް އެއް ބަޔަކު ބުނާގޮތުން މިއަހަރު ތެރޭ ވަރަށް ރަނގަޅަށް ހާސިލްވެއްޖެއެވެ. އަނެއް ބަޔަކު ބުނާގޮތުން އަންނަ އަހަރު އިތުރު ހިތްވަރެއް ލައިގެން ޖެހޭނީ އެކަން ކުރާށެވެ. އާ އަހަރާ ދިމާކޮށް ނޫނަސް މިކަމަކީ ކޮންމެ ދުވަހެއްގައިވެސް ކުރަން ކަނޑައަޅައިގެން ކުރުން މުހިންމު، ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

އާ އަހަރާ ދިމާކޮށް އެއް ބަޔަކު އެންމެ ގިނައިން ބުނާ އެއް ވާހަކައަކީ " ނިޔު އިޔާ ނިޔު މީ" އެވެ. އާ އަހަރާއެކު ރައްޓެހިންނާއި އާއިލާ މީހުންނާމެދު ކަންކުރާނެ ގޮތްތަކާއި ތިމާއަށް ރަނގަޅު މީހަކަށް ތިމާވެސް ރަނގަޅުވާނެވާނެ ކަމާއި ރަނގަޅު ރަހުމަތްތެރިން ނޫނީ އެހެން ބަޔަކު ނުގެންގުޅޭނެ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް ކޮންމެ އަހަރެއްވެސް ނިމިގެންދަނީ މިވާހަކަތަކާއެކު ކަމަށް ބައެއް މީހުން ބުނެއެވެ. އެކަން އަމަލީ ގޮތުން ކުރަން އުނދަގޫ ކަމަށް ބުނާ މީހުންވެސް އުޅެއެވެ. އެހެންކަމުން ކުރިޔަށް އޮތް އަހަރާއެކު އަނެއްކާވެސް " ނިޔު އިޔާ ނިޔު މީ" ސްލޯގަންގެ ދަށުން މަސައްކަތް ކުރަމާ ހިނގާށެވެ.

ކޮންމެއަކަސް ކޮންމެ އަހަރަކާ ދިމާކޮށް ކުރަން އެކި މީހުން ކަނޑައަޅާ ކަންކަމުގެ ލިސްޓު މިހެންގޮސް ކިތަންމެ ވަރަކަށްވެސް ލިޔެވިދާނެއެވެ. ލިސްޓު ތިބޭފުޅުންވެސް ލިޔަމުން ގެންދަވާށެވެ. މީގައި މުހިންމީކީ ލިސްޓެއްވެސް ނޫންތާއެވެ. ކުރަން ކަނޑައެޅި ކަންކަމުގެ ތެރެއިން ކުރެވުނު ކަންކަމެވެ. ކުރިޔަށް އޮތީ އަނެއްކާވެސް އާ އަހަރެކެވެ. މުޅިން އާ 365 ދުވަހެވެ. 365 ފުރުސަތެވެ. މިއަހަރު ކުރަން ކަނޑައެޅި ކަންކަމުގެ ތެރެއިން ނުވެ ހުރި ކަންކަން ހާސިލްކުރުމަށް އަނެއްކާވެސް އިތުރު ފުރުސަތެއް ލިބިގެންދަނީއެވެ. އަމިއްލަ ނަފުސު އިތުރަށް ރަނގަޅުކޮށް ، ތަރައްގީކޮށް ގުޅުންތައް ބަދަހިކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދަނީ އެވެ. އެ ފުރުސަތުގެ ބޭނުން ހިފަމާ ހެއްޔެވެ؟

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް