ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 18:42
އިންތިހާބުގެ ވޯޓުލުން ކުރިޔަށްދަނީ (މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން)
އިންތިހާބުގެ ވޯޓުލުން ކުރިޔަށްދަނީ (މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން)
ޝުއައިބް މުހައްމަދު އިގްބާލް
ކައުންސިލް އިންތިހާބު
ކައުންސިލްތަކަށް އަންހެނުން އިންތިޚާބުކޮށްގެން ތަފާތު ފެންނާނެ: އެލްޖީއޭ
 
ތަރައްޤީގެ ކަންކަމުގައި ބަސްބުނުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވާނެ
 
އެހެންނަމަވެސް ދީނުގައި ވެސް އަންހެނުން ބޭނުން ދިމާލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް
 
އަންހެނުން ތަރައްޤީގެ ކަންކަމަށް ނިކުތުމަށް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި

ކައުންސިލްތަކަށް އަންހެނުން އިންތިޚާބު ކޮށްގެން ތަފާތު ފެންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރު ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

ވިމެން އެންޓަރޕްރިނިއަރސް އެސޯސިޝަން (ވިއަމް) އިން ހިންގި ލީޑަރޝިޕް ފޮރ ކޮމިއުނިޓީ ބިލްޑިންގް ވާރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ހުސެއިން ވަހީދު ވިދާޅުވީ، އަންހެނުން ތަރައްޤީގެ ކަންކަމަށް ނިކުތުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް ދީނުގައި ވެސް އަންހެނުން ބޭނުން ދާއިރާއެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ދީނުގައި ވެސް އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމައެއް ބައެއް. އަންހެނުން ބޭނުން ދިމާލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް. ކުރީ ޒަމާނަށް ބަލާލިޔަސް ވިޔަފާރީގެ ރޮނގުން އަންހެނުން ކުރިއަރައިގެން ގޮސް އެބަހުރި. ގިނަ ކަންކަމުގައި އަންހެނުން ބައިވެރިވެފައި އެބަހުރި
ހުސެއިން ވަހީދު ވިދާޅުވިއެވެ.

ހުސެއިން ވަހީދު ވިދާޅުވީ އަންހެނުން ތަރައްޤީގެ ކަންކަމުގައި ރަސްމީ ހައިޞިއްޔަތު ފެށިގެން އައީ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން ކަމަށާއި އޭރު ނިޞްބަތުން ކުރެވުނީ ވަރަށް ކުދި މަސައްކަތްތަކެއް ކަމަށެވެ.

އެ ކޮމެޓީތަކުން ރަށުގެ ތަރައްޤީގެ ކަންކަމަށް ފުރުސަތު ހުޅުވާލެވިގެން މި އަންނަނީ. އަންހެނެކޭ ބުނީމަ އެބަ ސިފަވޭ އެއީ ކައްކާ މީހެކޭ ތަނެއް ސާފުކުރާ މީހެކޭ ނޫނީ ޖޫސްގިރާދޭ މީހެކޭ. މި ލެވަލްގައި އޭރު ވިސްނުން ހުރީ. އޭރު ކޮމެޓީގެ މައިގަނޑު މަސައްކަތްތަކަށް ވެސް ވީ ރަށަށް އަންނަ މެހެމާނުންނަށް ޖޫސް ގިރައިދިނުން. އެހެންނަމަވެސް މިދިޔަ ދުވަސްތަކުގައި ސަރުކާރުތަކުން ކުރެވުނު މަސައްކަތްތަކުން މި ވިސްނުން ބަދަލުވެއްޖެ
ހުސެއިން ވަހީދު ވިދާޅުވިއެވެ.

އަންހެނުން އަދިވެސް އިންތިޚާބުތަކަށް ކުރިމަތިލާ ނިޞްބަތް މަދުކުރަން ފާހަގަކުރައްވާ ހުސެއިން ވަހީދު ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން، ފުރަތަމަ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި 1042 ކައުންސިލަރުން އިންތިހާބު ކުރަންޖެހުނު ނަމަވެސް އޭރު އަންހެނުންގެ ގޮތުގައި އިންތިޚާބު ވީ 52 ބޭފުޅުންކަމަށެވެ. އަދި ރަށު ކައުންސިލުތަކަށް އިންތިޚާބުވި ފިރިހެނުންގެ އަދަދު ހުރީ ނިޞްބަތުން 95 އިންސައްތައިގައެވެ.

ހުސެއިން ވަހީދު ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތައް މަދުވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ 182 ކޮމެޓީ އޮންނަން ޖެހޭއިރު މިހާތަނަށް އުފެދިފައިވަނީ 65 ކޮމެޓީ ކަމަށެވެ. އަދި މިކަމަށް އަންހެނުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެލްޖީއޭގައި ވެސް އަންހެނުންނަށް ޚާއްޞަކޮށްގެން އަންނަ އަހަރު ގިނަ ޕްލޭންތަކެއް ރާވާފައިވާކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ، އަންހެނުން ބާރުވެރިކުރުވުމަށާއި، ލާމަރުކަޒީ އުޞޫލުތަކަށް އަންހެނުން އަހުލުވެރުކުރުވުމަށް އަންނަ އަހަރު ތަމްރީނު ޕްރޮގުރާމުތަކެއް ރޭވިފައިވާކަމަށެވެ. ވަހީދުގެ ވާހަކަފުޅުގައި ވަނީ ތަރައްޤީގެ ކަންކަމުގައި ބަސްބުނުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވާނެ ކަންވެސް ފާހަގަކުރައްވާފައެެވެ.

ރައްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އައު އިޞްލާޙުތަކެއް ގެނެސް އެ ތަންފީޒުކުރަން ފަށާފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އެ އިންތިޚާބުގައި ކައުންސިލްތަކަށް އިންތިޚާބު ކުރެވޭ އަންހެނުންގެ ޢަދަދަކީ 384 ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް