ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 00:24
އަހަރުގެ 2 ވަނަ މަރު: ލުތުފަރުގެ މަރާއި ގުޅިގެން ހޯދާފައިވާ އޭނާގެ ހަށިގަނޑުގެ ބައިތައް
އަހަރުގެ 2 ވަނަ މަރު: ލުތުފަރުގެ މަރާއި ގުޅިގެން ހޯދާފައިވާ އޭނާގެ ހަށިގަނޑުގެ ބައިތައް
ރާއްޖެ އެމްވީ
2019 ވަނަ އަހަރު
2019: މިއަހަރުވެސް އަނިޔާވެރި 3 މަރު، އެކްސިޑެންޓުތަކުގައި 5 މަރު!
 
މާރާމާރީތަކާއި ގްރޫޕް މާރާމާރީތައް މިއަހަރު މަދު
 
ދެވަނަ މަރަކީ އެއްޖިންސުން ގުޅުން ހިންގާކަމަށްބުނެ ހިންގި އަމަލެއް
 
އަހަރުގެ ފުރަތަމަ މަރަކީ ލަންކާ މީހެއްގެ މަރު

އެހެން އަހަރުތަކާއި ޚިލާފަށް ފާއިތުވި އަހަރަކީ މާރާމާރީތައް މަދު އަހަރެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގޭންގް މާރާމާރީތަކާއި އެކިކަހަލަ ކުށުގެ ތުހުމަތުގައި ފުލުހުންނަށް ހުށައެޅި، ފުލުހުން ބަލާފައިވާ ބައެއް މައްސަލަތަކަށް ބަލާއިރު، ފާއިތުވި އަހަރުތަކަށްވުރެ ނިމިދިޔަ 2019 ވަނަ އަހަރަކީ ބޮޑެތި މަރުތަކާއި މާރާމާރީތައް މަދު އަހަރެކޭ ބުނެވިދާނެއެވެ.

2018 އެކޭ އެއްގޮތަށް މިއަހަރުވެސް އަނިޔާވެރި 3 މަރު!

2018 ވަނަ އަހަރުގައި ހިނގާފައިވާ ބޮޑެތި މަރުތަކުގެ ފަލަސުރުޙީތަކަށް ބަލާއިރު ގަސްތުގައި މީހަކު މެރުމާއި ގުޅިގެން އަނިޔާވެރި 3 މަރު ހިނގާފައިވާއިރު، 2019 ވަނަ އަހަރުވެސް އެފަދަ 3 މަރުގެ މައްސަލަ ހިމެނޭކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

1- އަހަރުގެ ފުރަތަމަ މަރަކީ ލަންކާ މީހެއްގެ މަރެއް!

2019 ވަނަ އަހަރު ފެށިގެންގޮސް އަހަރުގެ ފުރަތަމަ މަސް ތެރޭގައި ވަނީ އަނިޔާވެރި މަރެއްގެ ހާދިސާއެއް ހިނގާފައެވެ. އެގޮތުން އދ. އެއްލައިދޫ ރިސޯޓްގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކު މަރާލި ޚަބަރު 10 ޖެނުއަރީ 2019 ގައި މީޑިއާތަކަށް ތިލަވެގެންދިޔައިރު، މި މައްސަލައިގައި މަރުވެފައި ވަނީ ލަންކާއަށް ނިސްބަތްވާ ފިރިހެނެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

2- ދެވަނައަށްވެސް ބިދޭސީއެއް، މަރާލާފައިވަނީ އެއްޖިންސުން ގުޅުން ހިންގާކަމަށް ބުނެ!

އަހަރުގެ ދެވަނަ މަރަކީވެސް ބިދޭސީންތަކެއް މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ހިނގި މަރެކެވެ. އެގޮތުން 21 އޭޕްރީލްގައި ށ. ޅައިމަގު "ކުރިމަގު 1'' ބޯޓުން ގެއްލުނުކަމަށް ބުނާ ލުތުފަރު މަރާލާފައިވާކަމަށް ބުނެ އޭނާގެ މަރު ހިނގާދިޔަ ގޮތް ފުލުހުން ވަނީ ތަފްސީލުކޮށް މީޑިއާތަކަށް ހާމަކޮށްފައެވެ.

އެގޮތުން ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ލުތުފަރުގެ މަރުގެ މައްސަލައިގެ ތަހުޤީޤްގެ ތަފްސީލްތައް ހާމަކުރުމަށް ފުލުހުން ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ލުތުފަރު މަރާލައިފައި ވަނީ ބޯޓުގައި ހުރި އިތުރު ބިދޭސީއަކާއެކު އެއްޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ކަމަށް އެ މީހުން ތަހުޤީޤުގައި ބުނެފައިވާކަމަށެވެ. އަދި ބޯޓު ތެރޭގައި ޖިިންސީ ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ތިން ބިދޭސީއަކުވެގެން ލުތުފަރުގެ ނޭވާ ހާސްކޮށް މަރާލީކަމަށް ތަހުޤީޤަށް އެނގިފައިވާ ކަމަށެވެ.

ލުތުފަރު މަރާލުމަށްފަހު، ލުތުފަރުގެ ހަށިގަނޑު ވާ ޖަހައި މޫދަށްލުމަށްފަހު، އޭގެ ވަގުތުކޮޅެއްފަހުން ލުތުފަރުގެ ހަށިގަނޑު އަނެއްކާވެސް މޫދުން ނަގައި، ގައިގައި ހުރި ފެން ހިއްކުމަށްފަހު، ލުތުފަރު ނިދާ އެނދުމަތީގައި އެ ބިދޭސީން ބޭއްވި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެގޮތަށް ކަންތައްތައް ކުރި ލުތުފަރު ބޯޓުގައި ނިދާފައި އޮތް ކަމަށް، ބޯޓަށް އަރާފައިބާ މީހުންނަށް ދެއްކުމުގެ ގޮތުން ކަމަށް އެ މީހުން ތަހުޤީޤުގައި ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ލުތުފަރުގެ ހަށިގަނޑުގެ ބައެއް ބައިތައް -- ފޮޓޯ: ރާއްޖެ.އެމްވީ

3- އަހަރުގެ ފަހު މަރު، ފޭރުމުގެ ޝިކާރައަކަށްވި ޓެކްސީ ޑްރައިވަރ ޤާސިމް:

އަހަރުގެ 3 ވަނަ މަރަކީ މުޅި ރާއްޖެ ސިއްސުވާލި އަދި އެތައް ސުވާލުތަކެއް ހިތްތަކުގައި އުފެއްދި މަރެކެވެ. ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޓެކްސީ ޑްރައިވަރ ޤާސިމް ހަސަންގެ މަރުގެ ޚަބަރާއެކު ގިނަ ބައެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން ދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ހުޅުމާލޭގައި ޤާސިމް މަރާލާފައި އޮއްވައި ފެނުނު ނަމަވެސް އޭރު އެކަން ހިނގައި ދިޔަ ގޮތާމެދު އެތަކެއް ސުވާލުތަކެއް ދިޔައީ އުފެދެމުންނެވެ. އޭނާ މަރާލާފައި އޮއްވައި ފެނުނު ސަރަޙައްދުގައި އޭނާގެ ކާރުވެސް އޮތްއިރު، އެއް ބަޔަކު ބުނަމުންދިޔައީ އޭނާ މަރުވީ ގޭންގް މާރާމާރީއެއްގެ ތެރެއިން ކަމަށެވެ. އަނެއް ބަޔަކު ބުނަމުންދިޔައީ އޭނާގެ މަރާލާފައިވަނީ ފޭރެން އުޅުނު ގްރޫޕެއްކަމަށް ބެލެވޭ ކަަމަށެވެ.

ކޮންމެއަކަސް ފޮރެންސިކް ހެއްކާއެކު ފުލުހުން މިވަނީ ޤާސިމް ހަސަންގެ ޤާތިލު ހޯދާފައެވެ. އެގޮތުން ގާސިމްގެ މަރުގެ މައްސަލާގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދީފައިވާގޮތުގައި އޭނާގެ ޤާތިލަކީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21 އ) އެވެ.

ފުލުހުން ބުނީ، އަދުހަމަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި ފޭރުމާއި މާރާމާރީގެ އިތުރުން ތަފާތު އެކިއެކި މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. އެގޮތުން ގާސިމް މަރާލި ދުވަހު ވެސް އޭނާ މަސްތުވުމަށާއި ޒަރޫރީއެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށް ފޭރުމަށް މަސައްކަތް ކުރި ކަމަށާއި، އަދި މާލެއިންނާއި ހުޅުމާއިން އެތައް ފަހަރަކު ފޭރެން މަސައްކަތް ކުރި ކަމަށެވެ. އަދި ގާސިމް ހަސަން މަރުވީ، މަރާލުމުގެ ގަސްތުގައި ދިން ހަމަލާއަކުން ނޫން ކަމަށާއި، ވަޅިން ހަމަލާދިނީ، ގާސިމް ހަޅޭއްލަވަން ފެށުމުން، އެކަން ހުއްޓުވުމުގެ ގޮތުން ކަމަށް ފުލުުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އަދުހަމްއާއި ދެކޮޅަށް ގިނަ ފޮރެންސިކް ހެކިތަކެއް ހޯދާފައެވެ.

ހުޅުމާލޭގައި މަރާލާފައި އޮއްވައި ފެނުނު ޤާސިމް ހަސަން -- ފޮޓޯ: އަވަސް

ޓްރެފިކް އެކްސިޑެންޓުތަކުގައި 5 މީހުން މަރުވެފައިވޭ!

އަނިޔާވެރި މަރުތަކުގެ އިތުރުން 2019 ވަނަ އަހަރު ޓްރެފިކް އެކްސިޑެންޓުތަކުގައިވެސް 5 މީހަކު މަރުވެފައިވެއެވެ. އޭގެތެރޭގައި 13 އަހަރުގެ ކުއްޖަކާއި، 17 އަހަރުގެ ކުއްޖަކާއި، 31 އަހަރުގެ ދެމީހުންނާއި، 36 އަހަރުގެ މީހަކު ހިމެނެއެވެ.

އޭގެތެރެއިން 13 އަހަރުގެ ކުޑަ އަންހެންކުއްޖާ މަރުވި ހާދިސާ ފާހަގަކޮށްލެވެއެވެ. އެގޮތުން 12 ނޮވެމްބަރުގައި ހިނގާދިޔާ އެ އެކްސިޑެންޓް ހިނގާފައިވަނީ، ހުޅުމާލެ-ހުޅުލެ ހައިވޭއަށް އަރަންދާ މަގުގައެވެ. އަދި އެ ކުއްޖާ ނިޔާވީ އެމްޓީސީސީ ބަހެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ކަމަށްވާއިރު، އެމްޓީސީގެ ބަހަކުންޖެހި 2019 ވަނަ އަހަރުގެ ތެރޭގައި ޔުކްރެއިންއަށް ނިޞްބަތްވާ ފަތުރުވެރިއެއްވެސް މަރުވެފައިވެއެވެ.

13 އަހަރުގެ ކުޑަކުއްޖަކު އެމްޓީސީސީ ބަހެއްގައި ޖެހި ނިޔާވި އެކްސިޑެންޓުގެ މަންޒަރުތައް -- ފޮޓޯ: އެމްވީ ކްރައިސިސް

ކާރިސާތަކުގައިވެސް ހިތާމަވެރި މަރުތަކެއް ފާހަގަކޮށްލެވޭ

އޭގެއިތުރުން، ފާއިތުވި އަހަރު ރާއްޖޭގައި ހިނގާފައިވާ ބައެއް ކާރިސާތަކުގައިވެސް ހިތާމަވެރި މަރުތައް ހިނގާފައިވެއެވެ. އޭގެ ތެރެއިން އަހަރުގެ އުސްއަލިތަކުގެ ތެރޭގައި އޯގަސްޓު މަހުގެ 29 ވަނަ ދުވަހު ހދ ނޮޅިވަރަންފަރުން ފުރައިގެން ހދ ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއް ބަންޑުން ޖަހާލައިގެން 5 މީހަކު ނިޔާވި ހާދިސާއަކީ ފަހުގެ ތާރީޚެއްގައި ހިނގި އެފަދަ އެންމެ ހިތާމަވެރި އެއް ހާދިސާއެވެ.

އޭގެއިތުރުން، ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ހ. ރަދުވާނިއާގައި ދިރިއުޅުނު ތ. ބުރުނިއަށް ނިސްބަތްވާ 49 އަހަރުގެ އައިޝަތު ޝައުނާގެ މަރަކީ ދިވެހިން ސިއްސުވާލި ބިރުވެރި މަރެކެވެ. އެގޮތުން ޝައުނާ ދިރިއުޅުން އިމާރާތުން އޭނާގެ ހަށިގަނޑު ފެނުނުއިރު، ފިހިފައިވުމުގެ ސަބަބުން ހަށިގަނޑު ވަކިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ -- ފޮޓޯ: ރާއްޖެ.އެމްވީ

2019 ވަނަ އަހަރު އޭގެއިތުރުންވެސް އެކްސިޑެންޓުތަކާއި އެކި ހާދިސާތަކުގައި ބައެއް މަރުތައް ހިނގާފައިވެއެވެ. އަދި އެކަންކަން ފުލުހުން ތަހުޤީޤު ކުރަމުންދާއިރު، ބައެއް މައްސަލަތަކުގެ ތަހުޤީޤު ލަސްވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ފާއިތުވި އަހަރު ހިނގާފައިވާ މަރު ތަކުގެ ތެރެއިން އަނިޔާވެރި މަރުގެ 3 ހާދިސާ ހިނގާފައިވާއިރު، މާރާމާރީތައް ފާއިތުވި އަހަރުތަކާއި އަޅާބަލާއިރު މަދުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފާއިތުވި 5 އަހަރަށް ބަލާއިރު މާރާމާރީތައް އެވްރެޖްކޮށް 700 އަށްވުރެ ގިނައިރު، ގްރޫޕް މާރާމާރީތައް 200 އަށްވުރެ ގިނައެވެ. ނަމަަވެސް މިއަހަރު ފުލުހުންނަށް ހުށަައެޅިފައިވަނީ 601 މާރާމާރީގެ މައްސަލައާއި، 129 ގްރޫޕް މާރާމާރީ މައްސަލައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް