ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 19:25
އިދިކޮޅުން ބޭއްވި ޕްރެސްކޮންފަރެންސެއްގެ ތެރެއިން
އިދިކޮޅުން ބޭއްވި ޕްރެސްކޮންފަރެންސެއްގެ ތެރެއިން
މަގޭ ރިޕޯޓް
ބޮމެއް ގޮއްވާލަން އުޅުނުކަން ފޮރުވި ބަޔަކު، މިހާރު ވާހަކަ ދައްކަން ތާހިރެއް ނޫން!
 
މިކަމާއި ގުޅިގެން ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އައި
 
އެސްއޯއީ އިއުލާންކޮށް ރައްޔިތުންގެ މެދުގައި ބިރުވެރި ކަމެއް އުފެދުނު

އަންގާރަ ދުވަހު ގައުމީ ދިފާއި ބާރުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަމެއް އޮތް ކަމެއް ބެލެވޭތީ އެލާޓް ސްޓޭޓަސް "ޔެލޯ2" އަށް ޖައްސާ ސަލާމަތީ ކަންތައް ވަރުގަދަކުރިއެވެ. ޑިފެންސް މިނިސްޓްރީން ބުނީ މިއީ ވަކި ހާއްސް ނުރައްކަލެއް ކުރިމަތިވެގެން ކުރިކަމެއް ނޫންކަމަށެވެ. އަދި އެއީ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށްވެސް ބުންޏެވެ.

އެ ހަބާރާއި އެކު އިދިކޮޅު ކޯލިޝަނުން ދެތިން "ފަހުލަވާނަކު" ގޮވައިގެން ނޫސްވެރިންގެ ބައްދަލަވުމެއް ބާއްވާ އާދައިގެ މަތިން "ކަންބޮޑުވުން" ފާޅުކުރަން ފެށިއެވެ. ދެއްކީ އަބަދުވެސް ދައްކާ ވާހަކަތަކެވެ. ސަބަބު ހާމަކޮށްދިނުމަށް ގޮވާލާ، ސަލާމާތީ ކަންކަން ވަރުގަދަކުރަން ޖެހުނީ ކީއްވެގެންކަން ސަރުކާރުން ބުނެދޭން ޖެހޭކަމަށް އަޑުއުފުލިއެވެ.

އެކަމަކު އެވަހާކަތައް މި ބޭފުޅުން ދެއްކީމާ އަންނަނީ ޒާތެއްގެ ހިންޏެކެވެ. ސަރުކާރުން ކުރާ ކަންކަން ކުރާ ސަބަބުތައް ހާމަކުރަން ނުޖެހޭނަ ކަމަށް ބުނެ އެބަޔަކު ނިސްބަތްވީ ވެރިކަމެއްގައި އަޑުއުފުލި ބަޔަކު މައުލޫމާތު ހާމަކުރާ ވާހަކަ ދެއްކީމައެވެ. ނޫންނަމަ، ފަހަރުގައި މިކަމުގައި އިޙުލާސްތެރިކަމެއް ހުރިކަމަށް ގަބޫލު ކުރެވުނީހެވެ.

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށް ހަތިޔާރާއެކު ސިފައިން މަގުތަކަށް ނިކުމެ މީހުން ހައްޔަރުކުރި ދުވަސް މިވެރިން ހަނދާންކޮށްލަން މުހިންމެވެ. ހަނދާނުން ކައްސާލައިގެން އުޅޭނަމަ އެކަން ހަނދާން ކޮށްދީފާނަމެވެ. ކުއްލި ހާލަތު އިއުލާންކޮށް ރައްޔިތުން ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލިއިރު, އެސްއޯއީ އިއުލާން ކުރި ސަބަބު ހާމަކުރީމުތޯއެވެ؟ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި އެއްޗެއް ގޮއްވާލަން މަސައްކަތް ކުރި ކަމުގެ އަޑުފެތުރިގެން ދިޔައިރު އެކަމާއިމެދު އެއްޗެކޭ ބުނިންތޯއެވެ؟ ގެޔެއްގެ ތެރެއިން ގޮވާ ޒާތުގެ ތަކެއްޗާއެކު ހައްޔަރުކުރި މީހުންނާ ގުޅޭގޮތުން މައުލޫމާތު ހާމަކުރެއްވިންތޯއެވެ؟

މިކަންކަމުގައި ބަޔަކު ހައްޔަރުކޮށް ދައުވާވެސް އުފުލިއިރު، އެކަން ހާމަކުރަން ކެރުނު ސަރުކާރުގެ މުއައްސަސާއެއް ނެތެވެ. ދާދީފަހަކާއި ޖެހެންދެން އެވާހަކަތައްވެސް އޮތީ ކުރީ ސަރުކާރުން ''ފަސް އަޅާ'' ރައްޔިތުންނަށް ފޮރުވާފައެވެ. އެކަންތައް ހާމަވެގެން ދިޔައި ''ވިޔަވަތި'' މަހާސިންތާގައި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު އެވާހަކަތައް ތިލަކުރެއްވުމުންނެވެ. އޭގެ ކުރިން އެކަން އޮތީ ބޮޑު ފޮއްޓަށްލާފައި ތަޅުލާފައެވެ.

ގައުމެއްގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކަކީ މުޅިންހެން ހާމަކުރަން ޖެހޭ ކަންތައްތަކެއް ނޫނެވެ. އެކަމަކު ތުންތުންމަތިން ދެކެވެމުން ދިޔަ ވާހަކަތައް އޮޅުން ފިލުވައިދޭން އެއްވެސް ސިފައެއްގައި މަސައްކަތް ނުކުރުމަކީ ގޯހެކެވެ. ނަމަވެސް ބައެއް މައުލޫމާތުތަކަކީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ފަރުދަކަށްވެސް އެނގުން މުހިންމު ކަންކަމެވެ.

އެކަމަކު އެއްވެސް ކަމެއް ނުކުރެޔެކޭ ނުބުނާނަމެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުގެ އޯޑަރަށް ''ފޭކް'' ބޮންތަކެއް ހޯދަން ސިފައިން މަގުމައްޗަށް ނެރުނެވެ. މުޅި މާލޭގައި ޕެރޭޑް ޖަހާ އުސޫލުން، އެ ބުނާ ބޮމެއް ވެހިކަލަށް ލައިގެން ދުއްވާފައި ގޮސް އެބުނާ އެއްޗެއް "ކޮންޓްރޯލްޑް އެކްސްޕްލޯޝަން" އެއްގައި ގޮއްވާލިއެވެ.

އަނެއްކާ ފަތުރުވެރިކަަމަށް ކުރާ އަސަރުގެ ވާހަކަވެސް މިވެރިން ދެ ނޭވާ ދޭތެރެއިން ވާޙަކަ ދައްކާތީ ހަމަ އަޖައިބުވެއެވެ. މިއިން ޒަމާނަކުވެސް ރާއްޖެއިން ކެންސަލް ނުކުރާހާ ބުކިންގެ، މިބުނާ ވެރިކަމެއްގެ ކުއްލި ހާލަތު އިއުލާންކުރުމާއި ގުޅިގެން، ކެންސަލްކުރިއެވެ. މިކަން ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުން މިއަދު އެދައްކަވާ ވާހަކަތަކުގެ ދެކޮޅު ނުޖެހެނީ މިސަބަބާ ހުރެއެވެ.

އެހެންވީމާ ތިބޭފުޅުން ނިކުމެ މަހެއް ނުބޭނެޔޭ، އެމެއް ނެތޭ، ކެޔޮޅު ނިދާފައޭ ކިޔާފަ ހުސް އަނގަތެޅުމުން ތިވާހަކަ އަޑު އަހާނެ ބަޔަކު މިއަދަކު ނެތެވެ. ރައްޔިތުން ގުނބޯ ހައްދަން މަސައްކަތް ނުކުރާއްވާށެވެ. ޔާމީނުގެ ހުދުމުހުތާރު ވެރިކަމުގެ ކަންތައް ކުރިގޮތް ދިވެހި ރައްޔިތުން ހަނދާން ނެތޭހާ ދުވަހެއް އަދިއެއް ނުވެއެވެ. ފޯޑިއަމްތަކުގައި ކިތަންމެ ވަރަކަށް އަނގަތެޅިޔަސް، ދުވަހަކަށް ވުރެ ދުވަހެއް ތިޔަ އަޑުތައް އަހާނެ މީހުން އަންނަނީ މަދުވަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
6%
31%
0%
13%
6%
44%
ކޮމެންޓް