ކ. މާލެ
|
26 ޑިސެންބަރ 2019 | ބުރާސްފަތި 00:40
ސުނާމީ އަރާފައިވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު
ސުނާމީ އަރާފައިވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު
ގޫގުލް
ސުނާމީ 2004
ސުނާމީގައި އެރި ރާޅުގެ ބާރުގަދަ ކަމުން މެޓް އޮފީހުގެ ދޮރުވެސް ހިފާއްޓާ ނުލެވުނު!
 
ރާއްޖޭގެ އަބާދީގެ 62 އިންސައްތަ މީހުންނަން އެކިވަރުގެ ގެއްލުން ލިބުނު
 
15،000 ދިވެހި ރައްޔިތުންގެ ގެދޮރު ގެއްލިފައިވޭ
 
ސުނާމީގެ ސަބަބުން ޖުމްލަ 84 މީހުން މަރުވެފައިވޭ

ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހަކީ މުޅި ރާއްޖެ ސިއްސުވާލި ސުނާމީ ކާރިސާއަށް 15 އަހަރު ފުރުނު ދުވަހެވެ. އިންޑޮނޭޝިއާގެ ސުމާޓްރާއަށް އައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން އުފެދުނު ސުނާމީގެ ސަބަބުން ރާއްޖޭގެ ބައެއް ރަށްތައް މީހުން ދިރިނޫޅެވޭ ވަރަށް ހަލާކުވެފައިވާއިރު، އެތަކެއް ފުރާނަތަކެއް ވަނީ މި ދުނިޔެއާއި ޢަލްވަދާޢު ކިޔާފައެވެ.

ރާއްޖޭގެ ގިނަ ރަށްތަކަށް އެރި ސުނާމީގެ ސަބަބުން ޖުމްލަ 84 މީހުން މަރުވެފައިވެއެވެ. 24 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. އަދި 15،000 ދިވެހި ރައްޔިތުންގެ ގެދޮރު ގެއްލި ބިކަ ހާލުގައި ޖެހުނުއިރު، ރާއްޖޭގެ އަބާދީގެ 62 އިންސައްތަ މީހުންނަން މި ހިތްދަތި ހާދިސާގައި އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ.

ސުނާމީ ކާރިސާގައި ގެއްލުންވެފައިވާ ގެއެއް

އެ ބިރުވެރި ކާރިސާއަށް 15 އަހަރުވެފައިވާއިރު، އެފަދަ ކާރިސާއަކާއި ކުރިމަތި ލުމުގައި ރާއްޖޭގެ ޤައުމީ މޫސުމާބެހޭ އިދާރާ (މެޓް އޮފީސް) ތައްޔާރުވެފައިވާ މިންވަރަކީ ކޮބައިތޯ ބަލާލުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައި މިއަދު އުފެދޭނެ ސުވާލެއްކަން ޔަޤީނެވެ. އެގޮތުން 2004 ވަނަ އަހަރު ސުނާމީ ކާރިސާއާއި ކުރިމަތިވި ވަގުތުކޮޅުގެ ބިރުވެރިކަން މެޓް އޮފީހުގެ މުވައްޒަފުން ވަނީ "ރާއްޖެއެމްވީ" އަށް ކިޔާދީފައެވެ.

ރާޅުގެ ބާރު ގަދަކަމުން މެޓް އޮފީހުގެ ދޮރުވެސް ހިފާއްޓާނުލެވުނު!

ބާރުގަދަ ބިންހެލުންތަކެއްގެ މައުލޫމާތު ލިބުމާއެކު މެޓް އޮފީހުގެ މުވައްޒަފުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފޯން ކޯލުތައް އަންނަން ފެށިއެވެ. އެގޮތުން އެވަގުތު އޮފީހުގައި ހުންނެވި މީހެއްގެ ހައިސިއްޔަތުން މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮޖިސްޓް ހުސައިން ވަޙީދު ވަނީ އެ ވަގުތުކޮޅުގެ ވާހަކަ ރާއްޖެއެމްވީއަށް ކިޔާދީފައެވެ. ހުސެއިން ވިދާޅުވީ، ފޯން ކޯލުތައް އަންނަން ފެށިއިރު ބިންހެލުންތަކުގެ ސަބަބުން ސުނާމީއެއް އުފެދުނު ކަމުގެ މައުލޫމާތު ނުލިބޭ ކަމަށެވެ.

އެގޮތުން ބިންހެލުމާއި ގުޅޭ ރިޕޯރޓް ތައްޔާރު ކުރަން ހުއްޓައި "ރާޅު އަރަމުންދާ" ކަމަށް އޮފީސް ކުއްޖަކު އައިސް ހުސެއިން ގާތު ބުންޏެވެ. އަދި އެއާއެކު ކުރިމަތިލާން ޖެހުނީ ބާރު ސްޕީޑެއްގައި ރަށުތެރެއަށް އަރަމުންދިޔަ ބިޔަ ރާޅާއެވެ.

އޭރު ހުޅުލޭގެ ރަންވޭ މަތިން އޮފީސް ތެރެއަށް ރާޅު ވަންނަމުން ދިޔައީ، އެވަގުތު އަޅުގަނޑު ބެލިން ދޮރުވެސް ހިފާއްޓާލެވޭތޯ، ހަމަ މެޓް އޮފީހުގެ ދޮރުވެސް ހިފާއްޓާނުލެވޭ، އެހާ ބާރު ސްޕީޑުގައި ރާޅު ވަދެގެން ދިޔައީ، އެގަޑީގަ އިތުރު މުވައްޒަފުންވެސް އޮފީހުގައި ތިބި، ދެން ސުނާމީ އެރި ވަގުތުގެ ކުޑަ އިރުކޮޅެއް ކުރިން ވަރަށް ގިނަ ފޯން ކޯލުތައް އަޅުގަނޑުމެންނަށް ލިބެމުންދިޔައީ، ބައެއް ތަންތަނުން ގުޅާފަ ބުނި ލޮނުގަނޑު ވަރަށް ބޮޑަށް ދަމައިގެންފިއޭ.
މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮޖިސްޓް ހުސައިން ވަޙީދު
2004 ވަނަ އަހަރު އެރި ސުނާމީގެ ބައެއް މަންޒަރުތައް

ހުސެއިން ވިދާޅުވީ، އޮފީސް ތެރެއަށް ރާޅު ވަދެގެން ދިޔަ ކަމަށާއި، އެންމެންވެސް އަވަސްވެގަތީ އޮފީހުގައި ހުރި ސިސްޓަމްތައް ސަލާމަތުން ބަހައްޓައި "އޮބްޒަވޭޓަރީ" ތެރޭގައި ހުރި ކޮމްޕިއުޓަރުތައް ސަލާމަތް ކުރުމަށް ކަމަށެވެ.

ސުނާމީއަށް ފަހު އެސްއޯޕީ ޤާއިމު ކުރެވުނު!

ސުނާމީގެ ބިރުވެރި ކާރިސާއަށްފަހު އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުން "ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސިޖަރ" (އެސްއޯޕީ) ޤާއިމު ކުރެވިގެން ދިޔައެވެ. އެގޮތުން އިންޑިއާ ކަނޑުގެ އެއްވެސް ހިސާބަކަށް މެގްނިޓިއުޑް 7 އަށްވުރެ ބާރުގަދަ ބިންހެލުމެއް އައިސްފިނަމަ އެސްއޯޕީއަށް އަމަލުކުރުމަށް ވަނީ ނިންމާފައެވެ.

އެސްއޯޕީގެ ދަށުން އެލާރޓްތައް ނެރެވޭ ގޮތްތައް:

  1. ވައިޓް އެލަރްޓް: އިންޑިއާ ކަނޑުގެ އެއްވެސް ހިސާބަކަށް 7 އަށްވުރެ ބާރުގަދަ ބިންހެލުމެއް އައިސްފިނަމަ އާންމުންނަށް ފޯރުކޮށްދޭ މައުލޫމާތެއްގެ ގޮތުން
  2. ޔެލޯ އެލަރޓް: އިންޑިއާ ކަނޑަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީއެއް އުފެދުމުގެ ފުރުސަތު އޮތްކަން ދޭހަކޮށްދިނުން
  3. ރެޑް އެލަރޓް: ސުނާމީއެއް އުފެދި ރާއްޖެއަށް އޭގެ އަސަރު ކުރާނެކަން އެނގުމުން ދޭ އިންޒާރުގެ މެސެޖެއް
  4. ގްރީން އެލަރޓް: ނެރިފައިވާ އެލަރޓްތައް ކެންސަލްވިކަން ހާމަކުރުން
ދުނިޔޭގެ އެކި ކަންކޮޅުތަކުން ބިންހެލުން "ޑިޓެކްޓް" ކުރާ ސިސްޓަމްތައް

އޭގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަމުންދާ ބިންހެލުންތަކުގެ މައުލޫމާތު މަދު ސިކުންތޮކޮޅެއްގެ ތެރޭގައި ރާއްޖޭގެ ސިސްޓަމްތަކަށް ލިބިގެންދާއިރު، 2004 ވަނަ އަހަރުގެ ސުނާމީއަށް ފަހު ވަނީ ރީޖަނަލް ސުނާމީ ސަރވިސް ޕްރޮވައިޑަރތަކެއްވެސް ޤާއިމު ކުރެވި ރާއްޖެއާއި ގުޅާލެވިފައެވެ. އެގޮތުން އިންޑިއާއާއި، އޮސްޓްރޭލިއާ އަދި އިންޑޮނޭޝިއާއިން ފޮނުވާ މައުލޫމާތުތައް ވަގުތުން މެޓް އޮފީހަށް ލިބިގެންދާނެ ނިޒާމެއް ވަނީ ޤާއިމު ކުރެވިފައެވެ.

ސުނާމީގެ އިންޒާރު ދިނުމަށް ސިސްޓަމްތައް މިހާރު ވަނީ ޤާއިމު ކުރެވިފައި!

2004 ގެ ސުނާމީއަށްފަހު "އާރލީ ވާރނިންގ ސިސްޓަމް"ތައް މެޓް އޮފީހުގައި ވަނީ ޤާއިމު ކުރެވިފައެވެ. އެގޮތުން ބިންހެލުންތައް މޮނިޓަރކޮށް، ބިންހެލުުމުގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތައް ކުރީބައިގައި ދެނެގަތުމަށް އޭގެ ސަބަބުން އެހީއަކަށްވެގެންދެއެވެ.

ސުނާމީ އިންޒާރުތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ދެ ސިސްޓަމެއް ޤާއިމު ކުރެވިފައިވާއިރު، "ސިސްކޮމް 3" ގެ ސިސްޓަމްގެ ދަށުން އެންމެ ފަހުން ދުނިޔެއަށް ބިންހެލުމެއް އައި ތަނާއި، އޭގެ ބޮޑުމިން އަދި އޭގެ ތަފްސީލީ މައުލޫމާތުތައް މެޓް އޮފީހަށް ލިބިގެންދެއެވެ. އަދި ބިންހެލުންތައް ދެނެގަތުމަށް ދުނިޔޭގައި ޤާއިމު ކުރެވިފައި ހުރި "ސިސްމިކް" ނެޓްވޯރކްތަކާއި ގުޅާލެވި ބިންހެލުމުގެ ހަރަކާތްތައް މެޓް އޮފީހުގައިވާ ސިސްޓަމްތަކުން ވަގުތުން ފެނިގެންދެއެވެ.

"ސިސްމިކް" ނެޓްވޯރކްތަކުން ލިބެމުންދާ މައުލޫމާތުތައް
އަޅުގަނޑުމެން ސިސްޓަމްތައް ޤާއިމުކޮށްފައި އިންނަ ގޮތުން ކޮންސަރން އޭރިއާއޭ އަޅުގަނޑުމެން މިކިޔާ ސަރަޙައްދަށް އެއީ މިސާލަކަށް އިންޑިއަން އޯޝަންގެ ސަރަޙައްދަށް އައިސްފިނަމަ އަޅުގަނޑުމެން އެ މައުލޫމާތު ޓްވިޓަރ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ޑިސްޕެޗްކޮށްލާނަން، އެކަމަށް އަޅުގަނޑުމެން ސޮފްޓްވެއަރއެއް ބޭނުންކުރަން،
މީޓިއޮރޮލޮޖިކަލް ޓެކްނީޝަން އިބްރާޙިމް ވަހީދު

ކޮންމެއަކަސް 2004 ގެ ސުނާމީއަށްފަހު ޤައުމީ މޫސުމާއިބެހޭ އިދާރާއިން މިވަނީ ސުނާމީއަކަށް ތައްޔާރުވުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބިންހެލުންތަކާއި ސުނާމީ ދެނެގަތުމުގައި ހޯދާފައިވާ ކުރިއެރުންތަކުގެ އިތުރުން، އެ މައުލޫމާތުތައް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށްވެސް ވަނީ ހަރުދަނާ ނިޒާމެއް ޤާއިމުކޮށްފައެވެ. އެކަމަށްޓަކައި ޓާސްކްފޯސް ޓީމުތައް ތައްޔާރުކުރެވި، އެއާޕޯރޓާއި، އެމްއެންޑީއެފް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ފަދަ ފަރާތްތަކާއި ފަސޭހައިން ގުޅާދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މެޓް އޮފީހުގައި ޤާއިމުކޮށްފައިވާ ފޯން ލައިންތައް

ސުނާމީގެ ބިރުވެރި ކާރިސާއަށްފަހު ދިވެހިންވެސް މިވަނީ އެފަދަ ކަންކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވެފައެވެ. އެގޮތުން ސުނާމީ އެރި ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާއިރު، އެ ދުވަހު ދިވެހިން ދެއްކި އަޚުވަންތަކަމާއި އެއްބައިވަންތަކަން މިއަދުވެސް ހަނދާނަށް އާދެއެވެ. އެފަދަ ޤުދުރަތީ ކާރިސާއެއްގެ މައުލޫމާތާއި އޭގެ ބިރުވެރިކަން އޭރު ގިނަ ދިވެހިންނަށް ނޭނގުނު ނަމަވެސް އެ ދުވަހުވެސް ފެނިގެން ދިޔައީ މުޅި ރާއްޖެ އެކަތިގަނޑަކަށްވެގެން އެ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރި ތަނެވެ. ވީއިރު، މިއަދު ޤައުމީ މޫސުމާބެހޭ އިދާރާއިން ހޯދާފައިވާ ކުރިއެރުންތަކާއެކު، ޤުދުރަތީ ކާރިސާއަކަށް ކުރީބައިގައި ހޭލުންތެރިވެ ތައްޔާރުވާންވީ ގޮތް މިއަދު ދިވެހިންނަށް އާ ކަމަކަށް ނުވާނެއެވެ. ދިވެހިން ނަމޫނާ ދައްކާނެ ކަމާމެދު ޝައްކެއް ނެތެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
6%
82%
12%
0%
0%
ކޮމެންޓް