ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 18:40
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން
ރާއްޖެއެމްވީ
މަގޭ ރިޕޯޓު
ކިތަންމެ ގިނަ އައްޑާއެއް ރެއިޑްކުރިނަމަވެސް ނަތީޖާއެއް ނުފެންނާނެ!
 
ހައްޔަރުކުރާ މީހުން ހަފްތާއެއްހާ ދުވަސްފަހުން އަނެއްކާވެސް އެކަމުގައި އުޅޭތަން ފެނޭ
 
ރައްޔިތުންނަށް ރައްކައުތެރި މާހައުލެއް ހޯދުމަށް ފުލުހުންގެ މުއައްސަސާ އޮތީ ނުކުޅެދިފައި
 
ރެއިޑްތަށް ކުރިއަސް އެކަމަކަށް ހައްލެއް ނާދޭ

ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ޝުކުރު ހައްޤެވެ. ރައްޔިތުން އުޅޭ ވެށި ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި ފުލުހުން ކެނޑިނޭޅި އެތައް މަސައްކަތެއް ކުރާކަމާމެދު ޝައްކައްވެސް ނެތެވެ. ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތައް ކަމަށްވާ ހައްދުފަހަނައެޅުމުގެ ފިކުރާއި މަސްތުވާތަކެތީގެ މައްސަލަ މުޖްތަމައުން ނައްތާލުމަށްޓަކައި ފުލުހުން ގިނަ މަސައްކަތްތަކެއްކުރެ އެވެ. އެކަމާއިމެދު ސުވާލު އުފައްދާނެ ރައްޔިތަކު މަދުވާނެ އެވެ.

ވަކި ހާއްސަކޮށް، އައު ސަރުކާރާއެކު މަސައްކަތް މެކުހަށް ޖަހާލި ކަމާއިމެދު އެއްވެސް ރައްޔިތަކު ދެބަސް ނުވާނެއެވެ. އެންމެ ފަހުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން މާލޭގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ވިޔަފާރި އުސޫލުން ހިންގުމަށް ހަދާފައިވާ ހާއްސަ "އައްޑާތައް" ބަލާ ފާސްކޮށްފައެވެ. ކުރިންވެސް އެފަދަ ތަންތަން މާލޭގައި ހުންނަކަން ފުލުހުންނަށް އެނގޭނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެތައް ފަހަރެއްގެ މަތީން އެތަންތަން ރެއިޑްކޮށް އަމަލީގޮތުން އެކަންކަމުގައި ބައިވެރިވާންތިއްބާ އެތައް ބަޔަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

"ކްރެކް ހައުސް" އުސޫލުން ހިންގަމުން އަންނަ މަސްތުވާތަކެތީގެ ކެފޭތައް ފުލުހުން މީޑިއާތަކަށް ދައްކާލިއިރު ގައުމުގައި އެކަންތައް ހައްދުފަހަނަޅާފައިވާވަރު ތަސައްވުރުކޮށްލަންވެސް ދައްޗެވެ. އެ މަންޒަރުތައް ފެންނަމުންދިޔައިރު، މިއީ ރާއްޖެ ބާއޭވެސް ހިތައް އަރައެވެ. މި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާއިރު، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންގެ ހިންގާ އޮޕަރޭޝަނުގެ ތެރެއިން ފުޅާ ދާއިރާއެއްގައި "ކެފޭ އުސޫލުން" މަސްތުވާތަކެތީގެ ޚިދުމަތްދޭ ހަތް ތަނެއް މިހާތަނަށް ފާސްކޮށްފައިވެސްވެއެވެ.

ކެފޭ އުސޫލުން ހިންގާ މިފަދަ ގެތަކަކީ ފުޅާ ދާއިރާއެއްގައި ''ހައި ސެކިއުރިޓީ'' އާއެކު މަސްތުވާތަކެތި ބޭނުންކުރުމުގެ "ޚިދުމަތްތައް" ފޯރުކޮށްދެމުންދާ ތަންތަނެވެ. އަދި އެ ތަންތަނަކީ ސީދާ އެކަމަށް ޚާއްޞަކޮށްގެން ހަދާފައިވާ ތަންތަނެވެ. ނުލިބޭ ހިދުމަތެއް ނެތެވެ. މަސްތުވާތަކެތީގެ އިތުރުން ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިވެސް ކުރެއެވެ. ކެފޭއުސޫލުން ހިންގާ މިފަދަ ގެތަކަށް އިތުރަށް ނަމެއް ދޭކަމުގައި ވާނަމަ އެ ގެތަކަކީ ނާސި ގެތަކޭ ބުންޏަސް ދޮގަކަށް ނުވާނެވެ. މި ޑިސެމްބަރު މަހުން ފެށިގެން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަނުގައި، މިހާތަނަށް 58 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. މިތަނުން އެއް ބަޔަކު ކޯޓުންނާއި ފުލުހުން ދޫކޮށްލާފައިވާއިރު، މިހާރު ހައްޔަރުގައި ތިބީ ކިތައް މީހުން ކަމެއް ކަށަވަރެއް ނުވެއެވެ.

މިއާއިއެކު ރައްޔިތުންގެ ހިތުގައި އުފެދޭނެ އެންމެ ބޮޑު ސުވާލަކީ ރެއިޑްކޮށްގެން މިފަދަ ކަންތައް މުޖްތަމައުން ނައްތާލެވޭނެބާވައެވެ. ގަބޫލްކުރަން ދައްޗަސް މިއަދު އެންމެންވެސް ގަބޫލުކުރަންޖެހޭ އެއްހަގީގަތަކީ ފުލުހުން މިކަންތައްތައް ހުއްޓުވުމަށް ނުކުޅެދިފައިވާކަމެވެ. ސަބަބަކީ މިފަދަ މައްސަލަތައް މުޖްތަމައުން އެއްކޮށް ނައްތާލުމަށް ފުލުހުންގެ ތެރޭގައި ރަނގަޅު ނިޒާމެއް ހެދިފައި ނެތުމެވެ. ނުވަތަ ޤާނޫނުތަކުގެ ތެރެއިން އެކަންތައްތައްވާން ނެތުމެވެ. ހައްޔަރުކުރެވޭ މީހުން އެއްދުވަހު ގޮޅީގައި ބެހެއްޓުމަށްފަހު އޭގެ އަނެއް ދުވަހު އަނެއްކާވެސް މުޖްތަމައުގެ ތެރެއަށް ދޫކޮށްލަ އެވެ.

ޖެހިގެން އަންނަދުވަހު އަނެއްކާވެސް ރެއިޑްކުރި އައްޑާތައް ހުޅުވައި، އެ ތަންތަނުން ހިދުމަތްވެސްދެމުންގެންދެ އެވެ. އެ މީހުން ތިބެނީ އެ ވިޔަފަރިކުރުމުގެ ތެރޭގަ އެވެ. ވިއްކާ މީހުން ވިއްކާއިރު، އެ ޖަގަހަތަކުގެ ތެރޭގައި ބަދުއަހުލާޤީ އަމަލު ހިނގާ މީހުން ތިބެނީ އެކަންކުރުމުގަ އެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމުގައިި ތިބޭތަންވެސް ފެނެ އެވެ. އެކަމުގައި ފުލުހުންނަށްވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅޭތަނެއް ނުފެނެ އެވެ.

ފެންނަ މަންޒަރުތަކުން ޔަޤީންވާ އެއްކަމަކީ، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމަށް ދައުލަތުގެ ތެރޭގައި އޮތް ނިޒާމް ބޮޑުތަނުން ފެއިލްވެފައިވާކަމެވެ. ޤަނުނުތަކުގެ އިބާރަތްތައް ކިތަންމެ ފަށުވިވެފައި، ކިތަންމެ ރީޗަސް، އެއީ ހަމައެކަނި ކަރުދާހުގައި ލިޔެލާފައިވާ ލިޔުމަކަށްވެ، ނަތީޖާތަކެއް ނުނިކުންނަކަމެވެ.

ކުޑަކުޑަ މިސާލަކަށް ބަލާލާނަމެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރާ ޒުވާނުން އާންމުކޮށް، މުޖުތަމައުއަށް ދޫކޮށްލަނީ "ކޮމިއުނިޓީ ސަރވިސް"ގެ ނަމުގައި މުޖުތަމައުގެ ތެރެއަށެވެ. އެ މީހުން ކަނޑައެޅިފައިވާ އުސޫލަކު ނޭޝަނަލް ޑްރަޖް އެޖެންސީގައި އޮންނަ ފޮތެއްގައި ސޮއިކޮށް، އެ އެޖެންސީން ކަނޑައަޅާ ތާރީހެއްގައި ޔޫރިން ޓެސްޓުތައް ހަދަންޖެހެ އެވެ. ނަމަވެސް މި ބުނެވުނު ޒުވާނުން ކޯޓުން ނޭޝަނަލް ޑްރަގް އެޖެންސީއާއި ހަވާލުކުރާތާ އެތަށް މަސްތަކެއްވައިރުވެސް، އެއިން ކުއްޖަކު އުޅޭގޮތް ބަލާލުމުގެ ޤާބިލްކަމެއްވެސް އެ އެޖެންސީގައެއް ނުހުރެ އެވެ. އެކަމަކީ ހަމައެކަނި ލިޔުމުގައި އެކަންކުރުމަށް ބަޔާންކޮށްފައިވަތީ ކޮށްލާކަމަކަށް ހަދުމަށްފަހު އޮންނަނީ ނިންމާލާފަ އެވެ.

ނިޒާމެއް ފެއިލްވާނެ އެންމެ ބޮޑެއްކޮށް، އެކަމުގައިވެސް ދައުލަތުގެ ތެރޭގައި ގެންގުޅޭ އުސޫލުތަކާއި، ހަމަތައް ފެއިލްވެފައިވާކަން އެނގިގެންދެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަމައެކަނި ފުލުހުންނާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ ވާހަކަދެއްކުމަށްފަހު ނިންމާލެވޭކަށްވެސް ނެތެވެ. ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ ތެރެއިން ދޫވާ ޒުވާނުންގެ އަދަދަކީވެސް މަދު އަދަދެއް ނޫނެވެ. މިދެތިން މަސް ދުވަހަކު، ކޮންމެވެސް ވަރަކަށް އަދަދުތައް މަދުވިނަމަވެސް، މީގެކުރިން ކޯޓުގެ އެއް ދޮރުން ވެއްދުމާއި، އަނެއް ދޮރުން ނެރުން އެއީ އާންމުކޮށް ހިނގާ ކަންކަމެވެ. އެއީ ފަނޑިޔާރާއި، ވަކީލަށް "ކަޓެއް" ލިބެނިކޮށްވާން ހުންނަ ފަސޭހަ ކަންކަމެވެ.

މަސްތުގެ ހާލުގައި ތިބޭ މީހުން މަގުމައްޗަށް ދޫކޮށްފައި ތިބޭ އިރު އެމީހުން ދެން ކުރާނެ ކަމެއް އެކަކަށްވެސް ނޭނގެއެވެ. މާޒީގެ ސޮފްހާތަކުން ފެންނަ އެއް ހަގީގަތަކީ، މަސްތުގެހާލަތުގައި ތިބެ މީހުން މެރުމަށްވެސް އެފަދަ މީހުން ފަސްނުޖެހޭކަމަވެ.

މއިަދުގެ ހަޤީޤަތަކީ ޤައުމަށް ކުރިމަތިވެފައިވާ މިބޮޑު އިޖުތިމާއީ މައްސަލައިން ޤައުމު ސަލާމަތްކުރުމަށް އަމަލުކުރަމުން އަންނަ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަމެވެ. ކިތަންމެ ރެއިޑްތަކެއްކުރިނަމަވެސް، އެކަމުގެ ބޮޑުންނަށް ހައްޤު އަދަބު ނުލިބެ، ދޮރުތައް ބަންދު ނުކުރެވި، ޒުވާނުން ހަމަ މަގަށް ނޭޅުވޭނަމަ ނަތީޖާއެއް ނުފެންނާނެކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
10%
0%
40%
30%
0%
20%
ކޮމެންޓް
30 ޑިސެންބަރ 2019 | ހޯމަ 02:19
ޑްރަގް ނަގާ މީ ހާ
ޕޮލިހހހހޙުން ހައްޔަރު ކުރަނީ ބޯމީހޙުން . ޜާއްޖެއައް ތިއެތެރެ ކުރާ މީޙުން އަސްލު ބޮޑެތިން ޙައްޔަރެއް ނުކުރެ! ގަޙުގެ އޮފިތައް ކޮށިއަކަސް ގަސްް މަރެއް ނުވާނެ ! މޫތަކާ އެކީ ބުޑު ނެގީމަ ގައްސް މަރުވާނީ !! ޢްސްލު މިކަން ކުރަނީ ބޮޑެތި ވިޔަފާރި ވެރިން އަދި ގައުމުގެ މަތީ މަގާމު ތަކުގަ ތިބޭމީޙުން ަ ވީމާ މިކަންތައް ހުއްޓުވާކައް އްސްލު ނޫޅޭ ! ބަޑިބޭސް އެތެރެ ކުރުން ރާއްޖޭގަ މަނާ ! ގައިމު އެއެއް އެތެރެއެއް ނުކުރެވެ!! ާ ަ. ބުނަން މިއުޅެނީ ޙގީގަތުގަ ޑްރަގް އަކީ އިސްވެރިން އަޑީގަ ތިބެގެން އެމީޙުނައް ފައިދާ ތަކެއްވާތީ ކުރާކަމެއް !!!! ޕޮލިހޙުން ރޭޑް ޖަޙަނީ ރައްޔިތުން ލޮލުގަ ަ އަދުން އަޅުވަން !! މީއަސްލު ހަގީގަތަކީ !!!! މިކަމާ މެދު ފުންކޮއް ވިސްނާލާ އޭރުން އެގޭނެ މީކިޙާ ވަރެއްގެ ތެދެއް ކަން !! ރޭޑް ގަ ނަގާ ޑްރަގް ދުވަސް ކޮޅެއް ފަޙުން މަގުމަތިން ވިއްކާ މަންޒަރު ފެންނަނީ މަދެއްކޮށެއް ނޫން. ޕޮލިޙުން އެބަޙުރި މީޙުންނައް ވިއްކަން ހަވާލު ކޮއްފަ !! މިކަމާ ދޭތެރޭ ބުނަނީ ކީކޭ ؟؟؟
26 ޑިސެންބަރ 2019 | ބުރާސްފަތި 20:34
ޒުލްފާ
މަނަދޫގަ 2015 ގަ އަތުލި ޑީލަރެއް ޕޮލިހުންގެ ވެރިޔަކަށް ހުރިމީހާ ބޭނުންކަމެއް ކޮއްދޭން ބުނީމަ ބޯމީހެއްގެ ގޮތުގަ ހަދާފަ ރަށުތެރެއަށް ދޫކޮއްލީ.އެފަހުން ދުވަސްކޮޅެއްނުވެ ރަށުގައޮތް އެންމެ ޒުވާން ފުޓް ބޯޅަ ޓީމް ކުދިންނަށް ބޯންދީގެން އެކުދިން ހަލާކުކުރީ މި ބުނި ޑީލަރު.
26 ޑިސެންބަރ 2019 | ބުރާސްފަތި 20:34
ޒުލްފާ
މަނަދޫގަ 2015 ގަ އަތުލި ޑީލަރެއް ޕޮލިހުންގެ ވެރިޔަކަށް ހުރިމީހާ ބޭނުންކަމެއް ކޮއްދޭން ބުނީމަ ބޯމީހެއްގެ ގޮތުގަ ހަދާފަ ރަށުތެރެއަށް ދޫކޮއްލީ.އެފަހުން ދުވަސްކޮޅެއްނުވެ ރަށުގައޮތް އެންމެ ޒުވާން ފުޓް ބޯޅަ ޓީމް ކުދިންނަށް ބޯންދީގެން އެކުދިން ހަލާކުކުރީ މި ބުނި ޑީލަރު.