ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 19:35
މަކްތަބާ ސަލަފިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މަކްތަބާ ސަލަފިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ދީނީ އިލްމުވެރިންގެ ތެރޭގައިވެސް އަރާރުން، އާންމުންގެ ތެރޭގައި އޮޅުންބޮޅުން!
 
މިކަމުން ރައްޔިތުންގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދޭ
 
އިލްމުވެރިން ކަންކަމުގައި އަރާރުންވަނީ އެންމެނަށް ފެންނަތާ ސޯޝަލް މީޑިއާގައި
 
އެއްބަޔަކު އަނެއްބަޔަކު ގޯސްކުރުމަށް އިލްމުވެރިން ދަނީ ވާހަކަދައްކަމުން

މުސްލިމު އުއްމަތުގައި އިލްމުވެރިންނަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ ބަޔަކު ކަމާއިމެދު ޝައްކެއްވެސް ނެތެވެ. އެހެނީ މުސްލިމުންގެ އަގީދާ ބިނާވެފައި އޮންނަނީ، އިލްމުވެރިން އުނގަންނައިދޭ އަދި ދަސްކޮށްދޭ ކަންކަމުގެ މައްޗަށް ކަމުގައިވާތީއެވެ. ދީނުގައި ކަންކަން އޮންނަނީ ކިހިނެއްކަން އޮޅުން ފިލުވައިދެނީ އިލްމުވެރިން ކަމުގައިވާތީއެވެ.

ނަމަވެސް، މިއަދު ރާއްޖޭގައި ފެންނަނީ އެއް އިލްމުވެރިއަކު އަނެއް އިލްމުވެރިއަކަށް ގޮންޖަހާ މަންޒަރެެވެ. ހަރުކަށި ފިކުރު ފަތުރައޭ ބުނެ ތުހުމަތުގެ އިނގިލި ދިއްކުރާ މަންޒަރެވެ. ދީނުގައި އޮތްގޮތަށް ނޫޅޭ ކަމަށް ބުނެ، ބަހުގެ ހަމަލާތައް ބަދަލުކުރާ މަންޒަރެވެ. އެއްގޮތަކަށްވެސް ދީނު އުނގަންނައިދޭން ތިބި އިލްމުވެރިންގެ ފުށުން ފެނިގެން ވާނެ މަންޒަރުތަކެއް ނޫނެވެ. ނަމަވެސް، މިއަދު މިނޫން މަންޒަރެއް ނުފެނެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެއްބަޔަކު ތިއީ ހަރުކަށި ފިކުރު ފަތުރާ ބަޔެކޭ ބުނެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާއިރު، އަނެއް ބަޔަކު އެ މީހުންނަކީ ސަލާމް ނުކުރާ، ހިނިތުންނުވާ ބަޔަކު ކަމަށް ބުނެ އެވެރިންގެ އިސްލާމްވަންތަ ކަމާއިމެދު ސުވާލު އުފައްދަނީއެވެ. ފަހަރުގައި މިހެން މިކަން ވެގެން ދިޔުމުން އާޙިރުގައި ނިކުންނާނެ ނަތީޖާއަކާއިމެދު ވިސްނާނުލާ ކުރެވޭކަމަކަށް ވެދާނެތީ، އިލްމުވެރިންނަށް އެކަން ހަނދާން ކޮށްދިނުމަކީ އަޅުގަނޑުގެވެސް ވާޖިބެއްގެ ގޮތުގައި ދެކެމެވެ.

އިލްމުވެރިންނޭވެ. ތިޔަހެން ކަންކުރުމުން އާންމުންގެ ތެރޭގައި ހިޔާލު ތަފާތުވުން އިތުރުވުން ނޫން ކަމެއް ނުވެއެވެ. ސޯޝަލް މީޑިއާގައި އިލްމުވެރިން ޓެގްކޮށް މިތަނުން ރަނގަޅީ ކާކުގެ ބަހެއްތޯ އާންމުން ސުވާލު އުފައްދާވަރަށް އަރާރުންވާން ފެށުމުން ހިޔާލު ތަފާތުވުން އުފެދޭނެކަން ދަންނަން ޖެހެއެވެ. އަދި އިލްމުވެރިއެއްގެ ހައިސިއްޔަތުން އެކަންކަމަށް ޖާގަދީ، ހިތުހުރިހާ އެއްޗެއް ކިޔަން ފުރުސަތު ދީގެން ތިބެންވެސް ހެޔޮ ނުވާނެއެވެ. މި ދެކެވެނީ އެ ދީނެއްގެ މަތީގައި ސާބިތުވެ، އެ ދީނަކަށް އެންމެހޭ ދިވެހިން ބައްޔަތު ހިފައިގެން ތިބި މަތިވެރި އިސްލާމް ދީނުގެ ވާހަކަ ކަމުގައިވާތީއެވެ.

ތިޔަހެން އަރާރުންނުވެ، ބުއްދިވެރީ އެކަކު އަނެކަކުގެ ތެރޭގައި ޙިލާފު އުފެދޭ ކަންކަމުގައި މަޝްވަރާކޮށް ހައްލެއް ހޯދުމެވެ. އެންމެންނަށް ފެންނަ ސޯޝަލް މީޑިއާގެ އެކިއެކި މަންސަތަކުގައި ބަހުގެ ހަމަލާތައް ބަދަލުކުރުމަށްވުރެ މިގޮތް ރަނގަޅު ވާނެއެއް ނޫންތޯއެވެ. އަދި އެންމެންގެ މަސްލަހަތު އޮތްގޮތަކީވެސް މިއެއް ނޫންތޯއެވެ. އިލްމުވެރިންގެ ތެރޭގައި ހިޔާލު ތަފާތުވެ، އެކަކު އަނެކަކު "ކާފަރު" ކުރާ ހިސާބަށް ކަންކަން ގޯސްވުމުން ދެންވާނެ ގޮތެއް ތިއެންމެހާ އިލްމުވެރިންނަށް ރަނގަޅަށް އެނގޭނެކަމަށް ގަބޫލުކުރަމުން ނިންމާލާނަމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
17%
0%
17%
50%
17%
ކޮމެންޓް