ކ. މާލެ
|
20 ޑިސެންބަރ 2019 | ހުކުރު 08:58
އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދުގެ ދެލިކޮޕީ އާންމުންގެ ހިޔާލަށް ހުޅުވާލުން
އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދުގެ ދެލިކޮޕީ އާންމުންގެ ހިޔާލަށް ހުޅުވާލުން
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މީރާ
އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދުގެ ދެލިކޮޕީ އާންމުންގެ ހިޔާލަށް ހުޅުވާލައިފި
 
އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދު އަދި ޓްރަންސްފަރ ޕްރައިޒިންގ ޤަވާއިދުގެ ދެލި ކޮޕީ މީރާ އިން ވަނީ ވެބްސައިޓްގައި ހިއްސާކޮށްފައި
 
މީރާގެ އީމެއިލް އެޑްރެސް މެދުވެރިކޮށް ހިޔާލު ހުށަހެޅޭނެ
 
ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 24

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޢާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދު އަދި ޓްރަންސްފަރ ޕްރައިޒިންގ ޤަވާއިދުގެ ދެލި ކޮޕީ އެކުލަވާލުމަށްފަހު ޢަންމުންގެ ޚިޔާލަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހުޅުވާލައިފިއެވެ.

މީރާ އިން ބުނީ ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މީރާގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 24 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށެވެ.

މީރާ އިން ބުނީ މިއީ އާމްދަނީ އިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުގެ ތެރެއިން މިވަގުތަށް ބޭނުންވާ ބައިތައް ހިމަނައިގެން އެކުލަވާލާފައިވާ ފުރަތަމަ ދެލި ކޮޕީ ކަމަށާއި ކުރިއަތް އޮތް ތާނގައި މި ޤާނޫނުގެ ދަށުން ހަދަންޖެހޭ އިތުރު ޤަވާއިދުތައް އެކުލަވާލުމަށްފަހު، އެ ޤަވާއިދުތަކަށް ވެސް ޢާންމުންގެ ޚިޔާލަށް ހުޅުވާލާނެ ކަމަށެވެ.

ޢާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދު އަދި ޓްރަންސްފަރ ޕްރައިޒިންގ ޤަވާއިދުގެ ދެލި ކޮޕީ މީރާ އިން ވަނީ އެ އޮތޯރިޓީގެ ވެބްސައިޓްގައި ހިއްސާކޮށްފައެވެ. ޢާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވާފައިވަނީ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.

ޢާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ ޢާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، އެކަމާގުޅޭ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނު ހިނގާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތެއްގެ އަދި ރާއްޖޭގައި ވަޒަންވެރިވެފައި ނުވި ނަމަވެސް ރާއްޖެއިން ޢާމްދަނީ ލިބޭ ކޮންމެ ފަރާތެއް ހިމެނެއެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމަށް ހަމަޖެހިފައި ވަނީ، އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު މިޤާނޫނުގެ ދަށަށް ޓެކްސް ނެގުމުގެ ނިޒާމު ބަދަލުކުރުމުން ވިޔާފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ރާއްޖޭގައި ހިންގާ ޕެޓްރޯލިއަމް ކުންފުނިތަކުން ކުރާ މަސައްކަތުން ޓެކްސް ނެގުމުގެ ޤާނޫނު އުވިގެންދާނެއެވެ. ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އުވިގެންދާ ޓެކްސްތަކުގެ ތެރޭގައި ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން ނަގަމުން އައި ޓެކްސްއާއި، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެދަށުން ނަގަމުން އައި ޓެކްސްއާއި، އެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ބ) ދަށުން ނަގަމުން އައި ޓެކްސް ހިމެނެއެވެ. މީގެ އިތުރުން ވަޒީފާއާ ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ނަގަމުން އައި ރެމިޓެންސް ޓެކްސްވެސް މިއާއެކު އުވިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް