ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 16:07
ޓޫރިޒަމް މިނިސްޓްރީން ބޭއްވި އިވެންޓު މަރިޔަމް ވަހީދާ ހުށަހަޅައިދެނީ
ޓޫރިޒަމް މިނިސްޓްރީން ބޭއްވި އިވެންޓު މަރިޔަމް ވަހީދާ ހުށަހަޅައިދެނީ
ރާއްޖެ އެމްވީ
މަގޭ ރިޕޯޓް
ޒައިނާ ޖަލްސާގެ ގޮނޑިޖެހިއިރު، މަރީ ސަރުކާރަށް ސަނާކިޔާ ހަފްލާތައް ހުށަހެޅުމުގައި، ތަފާތެއް ނެތް!
 
ޓޫރިޒަމް މިނިސްޓްރީން ބޭއްވި ޕީއާރު އިވެންޓު ހުށަހަޅައިދިނީ ކޮމިޝަންގެ މިހާރުގެ ރައީސް
 
ބްރޯޑްކޮމްގެ ނައިބް ރައީސަކަށް އައްޔަންކުރީ އެމްޑީޕީގެ އެކްޓިވިސްޓެއް

އިހަކަށްދުވަހު ގިނަ ބަޔަކު ކަންބޮޑުވުމާއެކު ފާހަގަކުރަމުންދިޔައީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރަކު ޖަލްސާއެއްގައި ގޮނޑި އެތުރުމުގައި ހަރަކާތްތެރިވި މަންޒަރާއެކު އެވެ. ސިޔާސީ ޕާޓީއަކުން ކުރިއަށްގެންދިޔަ ޖަލްސާއެއް ނަމަވެސް އެ މެމްބަރު ގޮނޑި އެތުރުމުގައި ހަރަކާތްތެރިވީ އެއީ އިޖުތިމާއީކަމެއްކަމުގައި ދެކިގެންނެވެ. ނަމަވެސް އެއީ މިނިވަން މުއައްސަސާއެއްގެ މެމްބަރަކު ކުރައްވަންވާނެކަމެއް ނޫންކަމަށާއި، އެކަމުގެ ސަބަބުން އެ މެމްބަރުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދިގެންދާކަމަށް ބުނެ ހެއްދެވިތަނަށް އެ މެމްބަރަށް ފަޑުކިޔާ، ނަޒާހަތްތެރިކަން އިތުރުކުރުމަށް އެ މެމްބަރުގެ ނަން މަޖިލީހުގައި އިއްވާ މަޤާމުންވެސް ވަކިކޮށްފައިވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބް ރައީސްގެ މަޤާމުގައި ހުންނެވި އެ މެމްބަރު މަޤާމުން ވަކިކުރިތަން ރައްޔިތުން ދެކުނީ އިހަކަށްދުވަހު އެވެ.

ސިޔާސީ ނުފޫޒާއި، އިންސާފުން އެއްކިބާވެފައިވާ ކޮމިޝަނެއް މިނިވަންކޮށް، ނަޒާހަތްތެރި ކޮމިޝަނަކަށް އުފެއްދުމަށްކުރި މަސައްކަތުގެ ތެރެއިން އައު މެމްބަރުންތަކެއް ކޮމިޝަނަށް އައްޔަންކުރެވުނު ތާރީހަށް މަސްދުވަސް ނުވާއިރު، ގިނަ ބައެއްގެ އުއްމީދުތައްވެސް އޮތީ އެ ކޮމިޝަނާ ގުޅިފަ އެވެ. މިނިވަންކަމާއެކު މަސައްކަތްކުރާނެކަމަށް ރައްޔިތުންގެ ތެރެއިން އެތަކެއް ބަޔަކު ދިޔައީ އުއްމީދުތައް ކުރަމުންނެވެ. މަޒީގައިޖެހި ސަކަރާތްތައް ތަކުރާރުނުވާނެކަމަށްވެސް ރައްޔިތުން އުއްމީދުތައް ކުރި އެވެ.

ރައްޔިތުން ކުރި އުއްމީދުތަކަކީ، ހަޤީޤަތަކަށްވާނޭ ކަންކަން ނޫންކަން ފުރަތަމަ ބުނެދިނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. ކޮމިޝަނަށް އައްޔަންކުރުމަށް ސިޔާސީ ޕާޓީއެެއްގެ އެކްޓިވިސްޓެއްގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކުވެސް ކޮމިޝަންގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ޤާއިމްވެދާނެކަމާދު ސުވާލުތައް އުފެދިގެންދިޔަ އެވެ. ނުވިތާކަށް ކޮމިޝަންގެ ނައިބް ރައީސްކަމަށްވެސް އައްޔަންކުރެވިގެންދިޔައީ މިދެންނެވުނު ބޭފުޅާ އެވެ.

އެ ސިލްސިލާގެ ތެރެއަށް ދެން އިތުރުކޮށްދިން ބޮޅު އިތުރުކޮށްލަދިނީ ކޮމިޝަންގެ ރައީސްގެ މަޤާމަށް ވަޑައިގެންނެވި، އަދި ގިނަ ބަޔެއްގެ މަގުބޫލުކަމާއި އިތުބާރު ހޯދި ޓީވީ ޕްރެޖެންޓަރ މަރިޔަމް ވަހީދަ އެވެ. ސަރުކާރުން ކުރިއަށްގެންދިޔަ ޕީއާރު އިވެންޓެއް ހުށަހަޅާއިދިނުމަށް ވަޑައިގެންނެވީ މަރިޔަމް ވަހީދާ އެވެ. މިނިވަން މުއައްސަސާއެއްގެ ރައީސްކަމުގެ މަޤާމުގައި ހުންނަވާ އަންގާރަ ދުވަހުގެރޭ ޓޫރިޒަމް މިނިސްޓްރީން ބޭއްވި ޕީއާރު އިވެންޓް ހުށަހަޅައިދެމުންގެންދިޔައިރު، ފެނިގެންދިޔައީ ލިބިފައިވާ ބަސްމޮށުންތެރިކަމާއެކު ސަރުކާރަށް ސަނާ ކިޔުއްވަމުންގެންދެވި މަންޒަރު އެވެ. ސަރުކާރަށް ތައުރީފްގެ ބަސްތައް އޮއްސަމުންގެންދެވި މަންޒަރު އެވެ.

ތެދެކެވެ. މަރީއަކީ ޒަމާނުއްސުރެވެސް އިވެންޓުތައް ހުށަހަޅައިދެމުންގެންދިޔަ ކުޅަދާނަ ހުށަހެޅުންތެރިޔެކެވެ. ނަމަވެސް މިނިވަން ކޮމިޝަނެއްގެ ރައީސްކަމަށް ވަޑައިގަންނަވާ ހިސާބުން ކުރެއްވި ބައެއް ކަންކަމަކީ ކުރެއްވޭނެކަންކަމަށް ގަބޫލުކުރުމަކީ ވަރަށްވެސް ބޮޑު ކުށްހިޔެކެވެ. އަދިކިޔެއްތަ ނޫސްވެރިންނަށް ނޫސްވެރިކަމުގެ އަހުލާޤީ މިންގަނޑު ކިޔަވައިދެއްވަމުން އަންނަ ބޭފުޅެއްގެ ފަރާތުން އެފަދަކަމެއް ފެނުން އަދި މާބޮޑަށްވެސް ހުތުރުވެއެވެ.

އެދުވަހު ކޮމިޝަންގެ މެމްބަރަކަށް ހުންނެވި ފާތުމަތު ޒައިނާ، އިޖުތިމާއިކަމެއްކަމަށް ދެކިވަޑައިގެން ޖަލްސާއެއްގެ ގޮނޑި އެތުރުމާއި، މަރީ ސަރުކާރަށް ސަނާ ކިޔުމަށް، ސަރުކާރުން ބޭއްވި ޕީއާރު އިވެންޓެއް ހުށަހަޅައިދިނުމާ ތަފާތެއް އެބައޮތްތޯ އެވެ. މިއަދުވެސް ފެނުނީ އިހުވެސް ފެނުނު މަންޒަރު އެވެ. ތަފާތަކީ، ރައްޔިތުންގެ އިތުބާރު ލިބިފައިތިއްބެވި ބޭފުޅުންތަކެއް މިއަދު އެކަން ކުރެއްވުމުގައި ތިއްބެވިކަމެވެ.

އެ ދުވަހުގެ މަންޒަރުތަކުން މިއަދު ތަކުރާރު ނުވެ އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ ބެއިންސާފުން ޓީވީ ސްޓޭޝަންތައް ޖޫރިމަނާކުރުމެވެ. އެ ނޫން ހުރިހާކަމެއް މިއަދުގެ ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ފެންނަން ފަށާފަ އެވެ. ގަބޫލުކުރަން ބޭނުންނުވިނަމަވެސް، ފެންނަން ހުރި ހަޤީޤަތަކީ އެ ކޮމިޝަންވެސް ތަރުތިބީވެ، މަސްކަތް ދަނީ ރައްޔިތުން އުއްމީދުކުރިގޮތާ ދިމާ އިދިކޮޅަށްކަމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
6%
21%
2%
19%
8%
45%
ކޮމެންޓް