ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 08:15
ފަލަސްތީނުގެ ނޫސްވެރިޔަކަށް ފަރުވާދެނީ
ފަލަސްތީނުގެ ނޫސްވެރިޔަކަށް ފަރުވާދެނީ
އާރުޓީ
ނޫސްވެރިން
ފާއިތުވި 16 އަހަރު ތެރޭ ނޫސްވެރިން އެންމެ މަދުން މެރި އަހަރަކަށް މިއަހަރު!
 
މިއަހަރު އެންމެ ގިނައިން ނޫސްވެރިން މަރާލާފައިވާ ލެޓިން އެމެރިކާގައި މަރާލާފައިވަނީ 14 ނޫސްވެރިން
 
ފާއިތުވި ވިހި އަހަރަށް ބަލާއިރު އަހަރެއްގެ މައްޗަށް 80 ވަރަކަށް ނޫސްވެރިން ވަނީ މަރާލާފައި
 
މިއަހަރު މަރާލާފައިވަނީ 49 ނޫސްވެރިން

ފާއިތުވި 16 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިން އެންމެ މަދުން މަރާފައިވަނީ މިއަހަރު ކަމަށް ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ މިއަހަރު މަރާލާފައިވަނީ 49 ނޫސްވެރިން ކަމަށެވެ. މި ނޫސްވެރިން މަރާލާފައިވަނީ ޔަމަން، ސީރިޔާ އަދި އަފްޣާނިސްތާނުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތައް ކަވަރުކުރަން އުޅުމުގެ ތެރޭގައި ކަމަށް އެއިދާރާއިން ބުނެއެވެ. އެއިދާރާއިން ބުނެފައިވަނީ ނޫސްވެރިކަން ކުރުމަކީ އަދިވެސް ނުރައްކާތެރި ކަމެއް ކަމަށެވެ.

ފާއިތުވި ވިހި އަހަރަށް ބަލާއިރު އަހަރެއްގެ މައްޗަށް 80 ވަރަކަށް ނޫސްވެރިން ވަނީ މަރާލާފައެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑަރސްގެ ހެޑް ބުނެފައިވަނީ ހަނގުރާމަތައް ހިނގާ ތަންތަނުގައި ނޫސްވެރިން މަރާލާފައިވާ އަދަދު ދަށަށް ގޮސްފައިވުމަކީ ފާހަގަކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ޑިމޮކްރަޓިކް ގައުމުތަކުގައި ނޫސްވެރިން މަރާ ނިސްބަތް އިތުރު ވަމުންދިޔުމަކީ ޑިމޮކްރަސީއަށް އޮތް ގޮންޖެހުމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

މިއަހަރު ޔަމަން، ސީރިޔާ އަދި އަފްޣާނިސްތާންގައި މަރާލާފައިވަނީ 17 ނޫސްވެރިންނެވެ. އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު 50 އިންސައްތަ ދަށް ވުމެއްކަމަށް އެއިދާރާއިން ބުނެއެވެ.

މިއަހަރު އެންމެ ގިނައިން ނޫސްވެރިން މަރާލާފައިވަނީ ލެޓިން އެމެރިކާގައެވެ. އެއީ 14 ނޫސްވެރިންނެވެ. އެގޮތުން މެކްސިކޯގައި އެކަނިވެސް 10 ނޫސްވެރިން މަރާލާފައިވެއެވެ.

މަރާލާފައިވާ ނޫސްވެރިންގެ އަދަދު ދަށަށް ދިޔަނަމަވެސް ޖަލަށްލާ ނޫސްވެރިންގެ އަދަދު ދަށަށް ނުދާކަމަށް ރިޕޯޓާރސް ވިތައުޓް ބޯޑަރސް އިން ފާހަގަކުރެއެވެ. އެގޮތުން މިއަހަރު 389 ނޫސްވެރިން ޖަލަށް ލާފައިވާ ކަމަށާއި މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 12 އިންސައްތަ އިތުރު އަދަދެއް ކަމަށް އެއިދާރާއިން ބުނެއެވެ.

މީގެތެރެއިން ދެބައިކުޅަ އެއްބައި ނޫސްވެރިން ޖަލަށް ލާފައިވަނީ ޗައިނާ އާއި މިސްރު އަދި ސައުދީ އަރަބިއްޔާގަ އެވެ.

މީގެއިތުރުން 57 ނޫސްވެރިން ސީރިޔާ އާއި ޔަމަން، އިރާގު އަދި ޔޫކްރެއިންގައި ވަގަށް ނަގާފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މީގެތެރެއިން ސީރިޔާ ނޫން އެހެން ގައުމެއްގައި ނޫސްވެރިން ދޫކޮށްލުމުގައި ކާމިޔާބީ ހާސިލްކުރެވިފައި ނުވާކަންވެސް އެއިދާރާއިން ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް