ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 14:38
އެފްއޭއެމްގެ ރައީސް ބައްސާމް
އެފްއޭއެމްގެ ރައީސް ބައްސާމް
ފޭސްބުކް
ދިވެހި ފުޓުބޯޅަ
ފުޓުބޯޅަ އައިސީޔޫއަށް "ވައްޓާލުމުގެ" ޒިންމާ އެފްއޭއެމް އިން ނަގަންޖެހޭ!
 
ކްލަބްތައް މާލީ ހާލަތުން އަރައިގަނެވޭނެ ކަމުގެ އުންމީދެއް ނެތް
 
ގިނަ ކުޅުންތެރިން ކްލަބް ދޫކޮށް އަތޮޅު މުބާރާތް ތަކުގައި
 
ކުރިޔަށް ހުރި މެޗުތަކުގައި ކުޅުންތެރިން ހަމަވާނެ ކަމާއި މެދު ޝައްކު

ދިވެހި ރާއްޖޭގެ އެއްވަނަ ކުޅިވަރު ފުޓުބޯޅައިގެ ކުރިމަގާއި މެދު މިހާރު މިވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ. އެންމެ ބޮޑު ތިން ކްލަބް ފުނޑިފައިވާއިރު، ދެން ހުރި ކުދި ކްލަބްތަށް އަޑި ގަނޑުން އަރައިގަނެވޭނެ ގޮތް ވަނީ ނުވެފައެވެ. ފުރަތަމަ ޑިވިޝަނުގައި ކުޅޭ ދެ ތިން ކްލަބެއް ފިޔަވާ ދެންތިބި ކްލަބްތައް މި ސީޒަނުގައި ކުރިޔަށްހުރި މެޗުތަކަށް ކުޅުންތެރިން ހަމަވާނެ ކަމާއި މެދު ވެސް ވަނީ ސައްކު އުފެދިފައެވެ.

ސުވާލަކީ މިހާލަތައް ކްލަބްތައް ވެއްޓުމުގެ ޒިންމާ ނަގާނީ ކާކުތޯ؟ ހަމަ ޔަގީނުންވެސް ކްލަބްތަކާއި އެއްވަރަށް މި ހާލަތައް ކްލަބްތައް ވައްޓާލުމުގެ ޒިންމާ ކްލަބްތަކުގެ ބެލެނިވެރިފަރާތް ކަމަށްވާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވެސް ނަގަން ޖެހޭނެއެވެ.

ގައުމީ ކޯޗު ޕީޓާ ސެގާޓް މަގާމުން ވަކިކުރުމުން ދިވެހި ފުޓުބޯޅައިގެ ހާލަތު ރަނގަޅުވީ ކަމަކަށް ނުބެލެވޭނެއެވެ. ހަމަޔަގީނުންވެސް މިކަމުގެ ޒިންމާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނާގެ ޓީމު މެމްބަރުން ނަގަން ޖެހޭނެއެވެ. އެހެނީ ދިވެހި ފުޓުބޯޅައިގެ ތާރީހުގައިވެސް ނުވެއްޓޭވަރުގެ ބޮޑު އަނދަވަޅަކަށް ވެއްތުނީ މި ބޭފުޅުންގެ ބެލުމުގެ ދަށުގައި ކަމަށްވާތީ އެވެ. މުޅި ފުޓުބޯޅައާއި، ފުޓުބޯޅައިގެ ކުރިމަގު އެބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ދަނޑިވަޅެއްގައިކަމަށްވާތީ އެވެ.

ދިވެހި ފުޓުބޯޅަ މިހާރު އޮތް ހާލަތު ސިފަ ކުރައްވައި ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން ވިދާޅުވީ މިވަގުތު ދިވެހިރާއްޖޭގެ ފުޓުބޯޅަ މި އޮތީ އައިސީޔޫގައި ކަމަށާއި މިވަގުތު ހުރިހާ ކްލަބެއްގެ ހާލަތުވެސް އޮތީ ވަރަށް ދަށްކޮށް ކަމަށެވެ.

ރަށަކަށް ބޮން އަޅާ ރަށެއް ފުނޑުފުނޑު ވީމަ، އެރަށުގަ އުޅޭ ކުޑަކުޑަ އަހައްމަދު ކިޔާ ކުއްޖެއްގެ ހާލެއް ނޫން ބަލާނީކީ އެއް ޖުމްލަކޮށް އެރަށަށް ލިބުނު ގެއްލުމާއި އެރަށުގަ ހާލަތާއި ހުރި ބޮޑެތި ކަންކަން ބަލާނީ. އެގޮތުން ރާއްޖޭގެ ފުޓުބޯޅަ މިވަގުތު އައިސީޔޫގައި އޮތްއިރު، އެއީ މިވަގުތު އޮތް އިޝޫއަކީ. މި ވަގުތު ރާއްޖޭގެ ފުޓުބޯޅައިގެ ގިނަ ކްލަބްތަކުގެ ތަރުތީބު މިވަނީ ގެއްލިފައި.
ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒެއިން

ކްލަބްތައް މާލީ ގޮތުން އިނދަޖެހި ނުހިންގޭ ހިސާބައް ގޮސްފައިވާއިރު ކުޅުންތެރިން ކްލަބްތައް ދޫކޮށް އަތޮޅުތަކުގެ މުބާރާތްތަކަށް ދާން ވަނީ ފަށައިފައެވެ. އަދި ބައެއް ކުޅުންތެރިން ރިސޯޓު ވަޒީފާ ކަހަލަ ވަޒީފާތަކަށް ދާން ފަށައިފައިވާއިރު ފުޓުބޯޅަ ކުޅުން ހުއްޓައިލާ ފުޓްސެލް ކުޅެންފެށި ކުޅުންތެރިންގެ އަދަދު ވެސް މަދެއް ނޫނެވެ.

ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އަށްޑިހައިގެ އަހަރުތަކުގައި ކާފަމެން ބޮޑު ބޭބެއިން އަދި ބައްޕަމެން ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު ގަލޮޅު ދަނޑުގައި ކުޅޭ މެޗުތައް ބަލަން ރަށްރަށުން އައި އައުން ހުއްޓި ރާއްޖޭގެ ފުޓުބޯޅަ އަށް ކުރިން އާންމުން ދިން ސަމާލުކަން ގެއްލި އެ ފޯރި ވަނީ ކެނޑިގޮސްފަ އެވެ. ކްލަބްތައް ވަޅުގަނޑަކަށް ވެއްޓި އެރޭނެ ދުވަހެއް މިހާރު އޮތް އެފްއޭއެމްގެ ލީޑަޝިޕާއި އެކު ފެންނާކަށެއް ނެތެވެ.

ސިޔާސީ އޮއިވަރުގައި ޖެހި ކްލަބްތަކުގެ ހާލަތު ދުވަހެއް ދުވަހަކަށް ދައްވަމުންދާއިރު ދިވެހި ފުޓުބޯޅައިގެ މިވަގުތުގެ ހާލަތު ނިމިދިޔަ ސައުތް އޭޝިއަން ގޭމްސްއިން އެކަނިވެސް އެނގިގެންދެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
33%
0%
0%
0%
67%
ކޮމެންޓް
17 ޑިސެންބަރ 2019 | އަންގާރަ 15:31
ފޮނިތޮށި
ކޮންމެހެން ނުޖެހޭ ފުޓުބޯޅަ އާގެން މާ ގަދަޔައް އުޅޭކަށް. ދުވުމުގެ މުބާރާތް، ޗެސް، ބެޑްމިންޓަން، ޓީޓީ، އީސްޕޯޓްސް ފަދަ މުބާރާތް ތަކުން އެހެރަ ގެންނަ ވަނަތައް ބަލާ ބަލަ. އެ ކުޅިވަރު ތައް ކުރި އެރުވުން މާ ރަނގަޅު ވާނެ.