ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 15:02
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ލާމަރުކަޒީ ގާނޫނު
ލާމަރުކަޒީ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
 
ބިލް ޤާނޫނަކަށްވުމާއެކު، ކައުންސިލްތަކަށް ބޮޑެތި ބަރުތަކެއް ލިބިގެންދޭ
 
ބިލް ތަސްދީޤްކުރައްވާފައިވަނީ ކައުންސިލްތަކުގެ ރައީސުންނާއެކު، ފެށި ކޮންފަރެންސްގެ ތެރޭގައި
 
މަޖިލީހުން ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 76 މެމްބަރުންގެ އަޣުލަބިއްޔަތުން

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ލާމަރުކަޒީ ގާނޫނު ރައީސް ތަސްދީގު ކުރެއްވުމާއެކު އެ ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބިލް ތަސްދީޤްކުރައްވާފައިވަނީ ކައުންސިލްތަކުގެ ރައީސުންނާއެކު، ފެށި ކޮންފަރެންސްގެ ތެރޭގަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 76 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ހުށައެޅުއްވި މިބިލަށް މަޖިލީހުން ވަނީ ބޮޑެތި އިސްލާހުތަކެއް ހުށައަޅާ ފާސްކޮށްފައެވެ. އެގޮތުން ޖުމްލަ 13 އިސްލާހެއް ވަނީ ހުށައަޅާ ފާސްކޮށްފައެވެ.

ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެންނަވަން ބޭނުންފުޅުވާ މައިގަނޑު މަޤްޞަދުތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ލާމަރުކަޒީ ޤާނޫނަށް މިފަދަ އިޞްލާޙް ތަކެއް ގެންނެވުމުގެ މައިގަނޑު މަޤްޞަދަކީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލްތައް ބާރުވެރިކުރުވުމާއި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި، ޤުދުރަތީ އަދި ޢުމްރާނީ ވަސީލަތްތަކާ މެދު މާނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު، ރައްޔިތުންނަށް ދިނުމާއި ޚިދުމަތްތަކާއި ތަރައްޤީގެ ކަންކަން އަވަސް މިނުގައި ކުރިއަށް ގެންދެވުން ކަމުގައެވެ.

އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާހުތަކުގެ ތެރޭގައި ކައުންސިލުތަކަށް އާމްދަނީ އިތުރުވާނެ ގޮތްތައް ހިމަނާފައިވެއެވެ. އެގޮތުން މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭގޮތަށް ހަމަޖައްސާފައިވެއެވެ. އަދި 5 މިލިޔަނަށްވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫޢުތައް ސެކްޓޯރަލް ގްރާންޓުގެ ގޮތުގައި ރަށު ކައުންސިލުތަކަށް ބަދަލުކުރުމަށް ގާނޫނުގައި ވަނީ ހިމަނާފައެވެ.

މީގެއިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަދަލުކުރުމަށްވެސް ގާނޫނުގައި ވަނީ ހިމަނާފައެވެ. އެގޮތުން ކައުންސިލުތަކުގެ ދައުރު 5 އަހަރަށް ބަދަލުކުރުމާއި ކައުންސިލުތަކުގެ ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުމާއި ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ ރައީސުން ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ.

ގާނޫނު ތަސްދީގުވުމާއެކު ކައުންސިލުތަކުގެ ސަރަޙައްދުގެ އިޚްތިޞާޞްގައިވާ އެންމެހާ ޤުދުރަތީ އަދި އުމުރާނީ ވަޞީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެއެވެ.

އަދި ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުގައި ކައުންސިލުތައް އިތުރަށް ޒިންމާދާރުކުރުމަށް މާއްދާތައް ހިމަނާފައި ވުމުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސްއޫލިއްޔަތު ބަޔާންކުރުމާއި ކޮމެޓީގެ މެންބަރުންނަށް އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުންފަދަ ކަންކަން މި އިޞްލާހުގައި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް