ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 13:31
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، އެގްރީމަންޓްގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން --
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، އެގްރީމަންޓްގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން --
ރައީސް އޮފީސް
ފްރީ ޓްރޭޑް އެގްރީމަންޓް
ފްރީ ޓްރޭޓް އެގްރީމަންޓް "މަރެއް" ނުވޭ، އެކަމަކު އެއަށް އަމަލު ނުކުރާތާ ދެ އަހަރު!
 
އެ އެގްރީމަންޓްގައި ސޮއި ކުރީ ސަރުކާރުގެ ބޮޑު ވަފުދެއް ޗައިނާއަށް ވަޑައިގެން 7 ޑިސެމްބަރު 2017ގައި
 
އޭފޯރ ރީމަކަށްވުރެ ބޮޑު އެ އެގްރީމަންޓް ދިރާސާކުރަން ކޮމެޓީން ނެގީ އެންމެ 10 މިނެޓް
 
މަޖިލީހަށް ކުއްލި ގޮތަކަށް ހުށަހަޅާ އެދުވަހުން ދުވަހަށް ފާސްކޮށްފައިވަނީ 85 މެމްބަރުން ހިމެނޭ މަޖިލީހުގެ 30 މެމްބަރުންގެ ވޯޓުން

ދިވެހި ރާއްޖެއާއި ޗައިނާއާއި ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ސޮއިކޮށްފައިވާތާ ދެ އަހަރު ވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ އެގްރީމަންޓްގައި ސޮއި ކުރެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެވެ. އެ އެގްރީމަންޓުގެ އިތުރުން މެރިޓައިމް ސިލްކު ރޯޑްގެ އެގްރީމަންޓުގައި ވެސް ސޮއިކުރައްވާފައި ވެއެވެެ. ފްރީ ޓްރޭޓް އެގްރީމަންޓާއި ސިލްކު ރޯޑް އެގްރިމަންޓާއެކު ޖުމްލަ 12 އެގްރީމަންޓެއްގައި ރައީސް ޔާމީންގެ ސަރުކާރު ޗައިނާއާއެކު ސޮއިކޮށްފައި ވެއެވެ.

އެ ރަސްމިއްޔާތަށް ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިންގެ ބޮޑު ވަފުދެއް ޗައިނާއަށް ވަޑައިގެން އެ އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވަނީ ޑިސެމްބަރު 07، 2017 ގައެވެ.

ފްރީ ޓްރޭޑް އެގްރީމަންޓްގައި ދިވެހި ސަރުކާރުން ސޮއި ކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެ އެގްރީމަންޓް ހުށަހެޅުނު އެވެ.

އޭރު ހިނގަމުންދިޔައީ 18 ވަނަ ރައްޔިތުންގެ މަޖިލީހެވެ. އެމަޖިލީހުގެ ރައީސަކަށް އިންނެވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު އެވެ. އޭރު މަޖިލީހުގައި އޮތީ އޭރު ސަރުކާރު ހިންގާ ޕީޕީއެމް ކޯލީޝަނުގެ މެޖޯރިޓީ އެވެ.

އެމައްސަލަ މަޖިލީހަށް ހުށަހެޅީ ނޮވެމްބަރު 29، 2017 ގައެވެ. ކުއްލި ގޮތަކަށް އެމައްސަލަ މަޖިލީހަށް އިއްވުމަށްފަހު، އެމައްސަލަ ދިރާސާ ކުރުމަށް އިގްތިޞާދީ ކޮމެޓީއަށް ފޮނުވުނެވެ.

ކޮމެޓީގެ އެ ބައްދަލުވުން ސިއްރު ކުރި އެވެ. އެބައްދަލުވުމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ހާޒިރު ކުރެއްވި އެވެ. އެ ކޮމެޓީގެ ބައްދަލުވުން ދިގަ ވަރަކަށް މިނެޓުގެ ތެރޭގައި ނިންމާލެއްވީ އެއޮތް ބޮޑު އޭފޯރ ރީމަކަށްވުރެ ބޮޑު އެގްރީމަންޓް ދިރާސާކޮށް ނިންމާ ލުމަށްފަހުގަ އެވެ. އަދި އެ އެގްރީމަންޓަށް ރުހުން ދިނުމަށް ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމެވި އެވެ.

ހަމަ އެދުވަހުގެ ރޭ 09:00އަށް މަޖިލީހުގެ ޖަލްސާއެއް ކުއްލި ގޮތަކަށް ބޭއްވުމަށް ނިންމަވާ، އެޖަލްސާގައި ފްރީ ޓްރޭޑް އެގްރީމަންޓް ފާސްކޮށްފައިވަނީ، 85 މެމްބަރުން ތިއްބަވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 މެމްބަރުންގެ ވޯޓުން ނެވެ. އެޖަލްސާގައި ބައިވެރިވެވަޑައިގެންނެވީވެސް އެ 30 މެމްބަރުން އެކަންޏެވެ.

އިދިކޮޅު އެއްވެސް މެމްބަރުން އެވޯޓުގައި، އަދި އޭރު ބޭއްވި މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެރިވެވަޑައިގަންނަވާފައެއް ނުވެއެވެ. ސަބަބަކީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިވަނިކޮށް، މަޖިލީހުގެ ގަވާއިދާ ހިލާފަށް އެމައްސަލައަށް ވޯޓަށް އެހުމަކާ ނުލާ މަޖިލީހުގެ ޖަލްސާތަކާއި ކަންކަން ކުރިއަށް ގެންދަވާތީ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވި އެވެ.

މަޖީލިހުން ފްރީ ޓްރޭޑް އެގްރީމެންޓަށް ރުހުން ހޯދުމަށްފަހު، 2017 ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެ އެގްރީމަންޓްގައި ސޮއިކުރެއްވި ނަމަވެސް މިއަދަށް މިވަނީ ދެ އަހަރު ވެފަ އެވެ. އެ އެގްރީމަންޓްގައި އޮތް އެއްވެސް ދިވެހިރައްޔިތުންނަށް ނޭނގޭއިރު، އެ އެގްރީމަންޓަށް އަމަލު ކުނުރާތާވެސް މިވަނީ ދެ އަހަރު ވެފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެގްރީމަންޓަށް ފުރަތަމަ އަހަރު ފުރުނުއިރު، އެ އެގްރީމަންޓާ އެއްގޮތަށް ކުރެއްވި ކަމެއް ނުވަތަ އެގްރީމަންޓަށް އަމަލު ކުރެއްވިތޯ މިވަނީ ސުވާލު އުފެދިފަ އެވެ. އޭގެ ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލުހުގެ ފުރަތަމަ އަހަރު ނިމުނު އިރު، ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއެކު ވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓަށް މިވަނި ދެވަނަ އަހަރު ފުރިފަ އެވެ. އެ އެގްރީމަންޓާ ގުޅޭ މާބޮޑު ތަފްސީލެއް މިހާތަނަށް ލިބޭގޮތް ވަނީ ނުވެފަ އެވެ.

އެކަމަކުވެސް އެ އެގްރީމަންޓްގައި ސޮއި ކުރެއްވި، އަދި މިހާރު މާވަށު ދާއިރާގެ މެމްބަރު އެވިދާޅުވަނީ ފްރީ ޓްރޭޑް އެގްރީމަންޓް "މަރު" ނުވާކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުން ވެސް އެ އެގްރީމަންޓަށް އަމަލު ކުރެއްވިތޯ މިވަނީ ސުވާލު އުފެދިފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް