ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 18:14
ރާއްޖޭގެ ރިސޯޓެއްގެ މަންޒަރެއް
ރާއްޖޭގެ ރިސޯޓެއްގެ މަންޒަރެއް
ރާއްޖެ އެމްވީ
ފަތުރުވެރިކަން
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި
 
ޗައިނާ، ކޮރެއާއިން އައި ފަތުރުވެރިންގެ އަދަދު ދަށަށް
 
ސަރުކާރުން ކަނޑައެޅި 1.5 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލެއް ނުވި
 
ރިސޯޓްތަކުގެ ބެޑް ކެޕޭސިޓީ 11 އިން ސައްތަ 2016 ވަނަ އަހަރު އިތުރުވެފައިވޭ

އިތުރު އައު ރިސޯޓްތައް ހުޅުވެމުން ދާ ދިއުމާއެކު އެތައް ކޮޓަރިތަކެއް ފަތުރުވެރި ކަމުގެ ބާޒަރަށް އިތުރުވަމުން ދާއިރު ކޮޓަރިތައް ފުރުމަށް ރިސޯޓްތައް ހިންގާ ފަރާތްތަކަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް ޓީޓީޖީއޭޝިއާ އިން ބުނެފިއެވެ.

ރައްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި 2015 ވަނަ އަހަރު ނިމުނުއިރު 108 ރިސޯޓުގައި 23،936 އެނދު ހުރި އިރު، 2016 ވަނަ އަހަރު ނިމުނު އިރު 117 ރިސޯޓަށް، ރިސޯޓު ތަކުގެ އަދަދު މައްޗަށް ޖެހި، އެނދުގެ އަދަދު 26،557 ށް އިތުރު ވެފައިވެއެވެ. އިތުރު އެތައް ރިސޯޓެއް ހުޅުވުމުގެ ސަބަބުން ރިސޯޓްތަކުގެ ބެޑް ކެޕޭސިޓީ 11 އިން ސައްތަ 2016 ވަނަ އަހަރު އިތުރުވެފައިވެއެވެ.

ޓީޓީޖީއޭޝިއާ އޮންލައިން ނޫހުގައި ޝާއިއު ކޮށްފައިވާ ލިޔުމުގައި ބުނާ ގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ފާހަގަ ކުރެވޭ މިންވަރަށް ދަށަށް ދިއުމާއެކު ރިސޯޓްތަކަށް އެކަށީގެންވާ އާމްދަނީ ނުލިބޭކަން ރިސޯޓެއްގެ ސީނިއަރ މެނޭޖަރަކާ ހަވާލާދީ ބުނެފައިވެއެވެ.

2016 ވަނަ އަހަރުގެ ޖަނަވަރީން ނޮވެމްބަރަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރިކަން ރެކޯޑް ކުރެވިފައިވާއިރު، އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 4.2 އިން ސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް މީގެ ދެތިން އަހަރު ކުރިއަށް ޖެހިލާއިރު ފަތުރުވެރިކަން ކުރިއަރައިގެން ގޮސްފައިވަނީ މާ މަތީ މިންވަރެއްގައި ފާހަގަ ކުރެވެއެވެ. 2013 ވަނަ އަހަރު ރެކޯޑް ތަކަށް ބަލާއިރު، އެއަހަރުގެ ޖަނަވަރީން ނޮވެމްބަރުގެ ނިޔަލަށް 17.8 އިން ސައްތައިގެ ކުރިއެރުމެއް 2012 ވަނަ އަހަރާ އަޅާބަލާއިރު ހޯދިފައިވާކަން ފާހަގަ ކުރެވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ރިސޯޓުތައް އިތުރުވަމުންދާ ދިއުމަކީ މައްސަލައެއް ކަމަށް ސަރުކާރަކުން ނުދެކެއެވެ. ޓޫރިޒަމް މިނިސްޓްރީގެ މިނިސްޓަރުގެ ނައިބު ހުސެއިން ލިރާރު ޓީޓީޖީއެޝިއާއަށް މިކަމާ ގުޅޭ ގޮތުން ވިދާޅުވީ، އެނދު ގިނަވުން އެއީ މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި، ހުސްވި ޑިސެމްބަރުގައިވެސް އެނދު މަދުވެގެން އުޅުނުކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

2015 ވަނަ އަހަރާއި އަޅާބަލާއިރު 2016 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިން ހޭދަކުރި ދުވަހުގެ އަދަދުވެސް ވަނީ ދަށަށް ގޮސްފައެވެ. 2015 ވަނަ އަހަރު ފަތުރުވެރިޔަކު އެވްރެޖްކޮށް 5.7 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވާއިރު، 2016 ވަނަ އަހަރު އެ އަދަދު 5.6 ށް ދަށަށް ޖެހިފައިވެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާއަށް ބަލާއިރު 2016 ވަނަ އަހަރު ޗައިނާއިން ފަތުރުވެރިންގެ ގޮތުގައި އެކި ގައުމުތަކަށް ޒިޔާރަތް ކުރި މީހުންގެ އަދަދު މައްޗަށް ދިޔަ ނަމަވެސް ރާއްޖެއަށް ޒިޔާރަތް ކުރި ޗައިނާ ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. ޗައިނާއިން 2015 ވަނަ އަހަރު އައި ފަތުރުވެރިންނަށްވުރެ 2016 ވަނަ އަހަރު އައި ފަތުރުވެރިންގެ އަދަދު 9.8 އިން ސައްތަ ވަނީ ދަށަށް ގޮސްފައެވެ. އަނެއް ކޮޅުން ކޮރެއާއިން އައި ފަތުވެރިންވެސް 2016 ވަނަ އަހަރު ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.

ރާއްޖެއަށް ފަތުރުވެރިން އައުމުގައި ކުރިމަތިވެފައިވާ މައްސަލައެއްގެ ގޮތުގައި ސިޔާސީ ހަމަނުޖެހުންތައް ބައެއް ފަރާތްތަކުން މުހިންމު ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއެވެ. ޗައިނާ އަކީ ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ މަންޒިލް ކަމަށް ވެފައި. ސިޔާސީ ހަލަބޮލި ކަމުގެ ސަބަބުން ޗައިނާ މާކެޓަށް އަވަސް ބަދަލުތައް އަންނަކަން ފާހަގަ ކުރެވެއެވެ. ރާއްޖޭގައި 3 ރިސޯޓު އޮޕަރޭޓް ކުރަމުންދާ ޖޯން ކީލްސް ހޯލްޑިންގްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ކްރިޝާން ބަލެންދްރާ ވިދާޅުވީ، ހީނަރުވެފައިވާ ޗައިނާ މާރކެޓް އަވަހަށް އާލާވުމަށް އުއްމީދު ކުރާ ކަމަށާއި، ސިޔާސީ ބަދަލުތަކަށް ޗައިނާ މާކެޓަށް އަސަރު ކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ.

ހޮޓެލިއަރ މޯލްޑިވްސް އިން އާއްމުކޮށްފައިވާ 2016 ވަނަ އަހަރުގެ ޓޫރިޒަމް ސިނާއަތުގެ ރިވިއުއަށް ބަލާއިރު، ސަރުކާރުން 2016 ވަނަ އަހަރަށް ކަނޑައެޅި ޓާގެޓް ހާސިލް ނުވާކަން ފާހަގަ ކުރެވެއެވެ. ވިޒިޓް މޯލްޑިވްސް އިޔަރގެ ގޮތުގައި 2016 ވަނަ އަހަރު ފާހަގަކުރި ނަމަވެސް ސަރުކާރުން ކަނޑައެޅި 1.5 މިލިއަން ޓޫރިސްޓުންގެ ޓާގެޓް ރާއްޖެއަށް ހާސިލް ކުރެވިފައެއް ނުވެއެވެ.

 

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް ގެ ރައީސް އަބްދުﷲ ގިޔާސް ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުން އިތުރު ކުރެއްވިއްޖެނަމަ ފަތުރުވެރިން އައުން ގިނަ ކުރެވި، އިތުރުވަމުންދާ އެނދުގެ މައްސަލައަށް ހައްލެއް ގެނެވިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް