ކ. މާލެ
|
13 ޑިސެންބަރ 2019 | ހުކުރު 14:31
އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
މޯލްޑިވްސް އިންޑިޕެންޑެންޓް
ހުކުރު ޚުތުބާ
ފިތުނަވެރިކަމުން ގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރަންޖެހޭ: ޚުތުބާ
 
މުސްލިމުން ވާންވާނީ އަބަދުވެސް އިސްލާހަށް މަސައްކަތް ކުރާ ބަޔަކަށް
 
ބައިބައިވެއްޖެނަމަ ދެން އަލުން ކުރީގެ ހާލަތަށް އެނބުރު ދިއުމީ އުދަނގޫ ކަމެއް
 
ކަމުވޮށިވެގެންވާ މީހުންނާއި މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދަންޖެހޭ

ފިތުނަވެރި ކަމެއްގެ ތެރޭގައި ދުނިޔެ އޮތް ދުވަސްވަރެއްގައި ޖަޒީރާ ގައުމުތަކަށް މިކަންކަން ވާރުތަ ނުވޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށާއި، ކަމުވޮށިވެގެންވާ މީހުންގެ މެދުގައި މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދިއުމަށް ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.

ސުލްހަވެރި މުޖްތަމައުއެއް ބިނާކުރުން މިމައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މުސްލިމުންގެ މެދުގައި ކަންކަން ކުރުމަށް އިސްލާމް ދީނުގައި އަމުރު ކުރައްވާފައި ވަނީ ކަމުވޮށިވެގެންވާ މީހުންގެ މެދުގައި މަޝްވަރާ ކޮށްގެން ކަމަށާއި، ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ރައްޔިތުންގެ ކަންކަމާ ހަވާލުވެފައިވާ މުއައްސަސާތަކުގެ ވެރިންގެ މެދުގައި މަޝްވަރާކުރަންޖެހޭ ކަމަށެވެ.

ކޮންމެ ކަމެއްގެ ހައްލަކީ ޒުވާބުކޮށް ތަޅާފޮޅުމާއި އެއްބަޔަކު އަނެއް ބަޔަކަށް ހުތުރު ބަހުން މުޚާތަބު ކުރުމާއި ކުށް ހޯދުން ކަމުގައި ވާނީ ނަމަ، ހެދި ބޮޑުވަމުން އަންނަ ޒުވާން ޖީލުތަކަށް އެ ދައްކައިދެވެނީ ހުތުރު ނަމޫނާ ކަމަށް ޚުތުބާގައި ބުންޏެވެ.

ގައުމެއްގައި އޮންނަ އެކުވެރިކަމާއި އަހުއްވަތްތެރިކަމުގެ ފޭރާން ވީދި، ގައުމު ބައިބައިވެއްޖެ ނަމަ ދެން އަލުން ކުރީގެ ހާލަތަށް އެނބުރު ދިއުމީ އުދަނގޫ ކަމަކަށް ނޫނީ ނުވާނެކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ ލީބިޔާ އާއި ފަލަސްތީނާއި، އިރާގާއި، އަފްގާނިސްތާނާއި، ސީރިޔާ އާއި، ސޯމާލިޔާ އާއި މިނޫން ވެސް ބައެއް ގައުމުތަކަށް ހުރި ދިރިހުރި މިސާލުތަކެއް ކަމަށެވެ.

އެގައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ވަނީ ގެއްލިފައެވެ. އެއްބައެއްގެ އަތުން އަތުން އަނެއްބައެއްގެ ލޭ އޮހޮރުވަނީއެވެ. އެބައިމީހުންގެ ކަންތައްތައް އެބައިމީހުން އަމިއްލައަށް ހައްލު ނުކުރުމުގެ ނަތީޖާއަކަށް ވެފައި ވަނީ އަޅުވެތިކަމުގެ ނިމުމެއް ނެތް ވޭނާއި ކެކުޅުން ތަހައްމަލު ކުރަން ޖެހުމެވެ. އެއީ އަރާރުންވުމާއި، ދެކޮޅު ވެރިކަމާއި، ދެބަސްވުމާއި ، ގައުމީ ސަލާމަތާއި، އާންމު މަސްލަހަތަށް ވުރެ ޒާތީ މަސްލަހަތު އިސްކުރުމާއި، އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމާއި، ދީނުގެ ނަމުގައި ހައްދުފަހަނައަޅާދިއުމާއި، އަނިޔާވެރިވުމާއި ނުކިޔަމަންތެރިވުމުން އުފެދޭ ފިތުނަވެރިކަމުގެ ހިތި ނަތީޖާއެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ މުސްލިމުން ވާންވާނީ އަބަދުވެސް އިސްލާހަށާއި، ސުލްހަވެރިކަމަށް މަސައްކަތް ކުރާ ބައެއް ކަމަށާއި، ޒާތީ މަސްލަހަތު ކުރިއަށް ނެރެ ގައުމުގެ ހަމަޖެހުމާއި، ސުލްހަ މަސަލަސްކަން އަމިއްލަ އަތްތަކުން ނަގާލާ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ.

ރަށްތަކުގެ އަހުލުވެރިން ރަނގަޅަށް ކަންތައް ކުރާ ބަޔަކު ކަމުގައި ވަނިކޮށް، އަނިޔާވެރި ގޮތުގައި އެ ރަށްތައް ހަލާކު ކުރެއްވުމަކަށް، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިރާދައެއް ނުކުރައްވައްތެވެ.
މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވޭ-

ޚުތުބާގައި ބުނީ ހިނގަމުން މިދަނީ ގައުމުގެ ތާރީހުގައި ވަރަށް މުހިންމު ދުވަސްތެކެއް ކަމަށާއި، ދުނިޔޭގެ ތާރީޚުގައި ވެސް މިއީ މުހިންމު ދުވަސްތަކެއް ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޭ އޮހޮރުވުމާއި، ބައިބައިވުމާއި، ދެކޮޅުވެރިކަން އާއްމު ވަމުންދާ ދުވަސްތަކެއް ކަމަށާއި، ސިޔާސީ ފިތުނަތަކާއި، އިގްތިސާދީ ހީނަރުކަމާއި، މަގާމާއި، ނުފޫޒާއި، ޖާހަށްޓަކައި ހަނގުރާމަ ކުރުމާއި، އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތް ކުރާ ދުވަސްވަރެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މިފަދަ ފިތުނަވެރި ކަމެއްގެ ތެރޭގައި ދުނިޔެ އޮތް ދުވަސްވަރެއްގައި ޖަޒީރާ ގައުމުތަކަށް މިކަންކަން ވާރުތަ ނުވޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް